ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާޑުކިޔުންތަކާއި އެކު، އަނެއްކާވެސް ހޯމް ކަރަންޓީނުވާ މީހާއަށް ގެެއިން ނުނިކުމެވޭ ގޮތަށް ބަދަލުކޮށްފި

ހޯމް ކަރަންޓީނު އުސޫލު އަނެއްކާ ވެސް އިސްލާހުކޮށް، ގެއިން ނުނިކުމެވޭ ގޮތަށް ބަދަލުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ތިބި މީހުން އެ މީހުންގެ އުފަން ރަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެން ތިބޭއިރު ބޭރަށް ނިކުތުން މަނާވާ އުސޫލު ބަދަލުކުރުމުން އަމާޒުވީ ފާޑުކިޔުންތަކާއި އެކު އަނެއްކާވެސް އެ އުސޫލު އިސްލާހުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފުރަތަމަ މިދިޔަ ހޮނިހިރު ދުވަހު އާއްމު ކުރި އުސޫލުގައި ބުނެފައިވާ ގޮތުގައި ދިރިއުޅޭ ރަށަށް މާލެއިން ދިއުމަށްފަހު އެ މީހަކު 24 ދުވަހުގެ މުއްދަތަކަށް ހޯމް ކަރަންޓީނު ވާން ޖެހޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނާއަށް ބޭރަށް ނިކުތުން މަނާވާއިރު، އިތުރު ބަޔަކު އެ ގެޔަކަށް ދިއުމާއި އެންމެން އެކީ އުޅުން ވެސް މަނާކަމަށް ބުނެފައި ވެއެވެ. އަދި މިކަންކަން ރަނގަޅަށް ބަލާ މޮނީޓާރ ކުރުމުގެ ޒިންމާ ހަވާލުކޮށްފައި އޮތީ ރަށުގެ ޓާސްކް ފޯސްއާއިއެވެ.

އެހެން ނަމަވެސް ރޭގެ ވަގުތެއްގައި އުސޫލު އިސްލާހުކޮށް އޭގައި ބުނެފައިވަނީ ކަރަންޓީނުގައި ތިބި މީހުން ބޭރަށް ނިކުތުން ”އެދެވިގެން ނުވާ“ ކަމަށެވެ. ސީދާ ބޭރަށް ނިކުތުން މަނާނުކޮށް އެ އިސްލާހުގައި ބުނެފައިވަނީ ކަރަންޓީނު ކުރާ މީހާ ހުންނަ ގެއެއްގެ މީހުންނަށް ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ބޭރަށް ނިކުމެވޭނެ ކަމަށެވެ.

https://twitter.com/HPA_MV/status/1271750661076443137

މާލެއިން ރަށަށް ދާ މީހާ ބޭރަށް ނިކުތުން ”މަނާ ވާނެ“ ކަމަށް ބުނެފައި އޮތް އޮތުމަށް ބަދަލު ގެނެސް މާ ބޮޑު ލުޔެއް ދިނުމުގެ ސަބަބުން މީޑިއާތަކާއި އާއްމުންގެ ފާޑުކިޔުން ވެސް އަމާޒު ވެގެން ދިޔައެވެ. އަދި މާލެއިން ރަށަކަށް ދާ މީހަކަށް ބަލި ޖެހިފައި ހުރުމުގެ ފުރުސަތު އޮތުމުން، ފިޔަވަޅުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރަށްތަކަށް ބަލި ދިއުމުގެ ފުރުސަތު ނުދިނުން ކަމަށްވާއިރު މިއީ ބަލި ހުރި މީހެއްގެ ފަރާތުން ބަލި ޓްރާންސްމިޓް ވުމުގެ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރިއެވެ.

މި މައްސަލައާއި އެކު އަނެއްކާވެސް އާ އުސޫލެއް އާއްމުކޮށް އެޗްޕީއޭއިން ބުނެފައިވަނީ، ކަރަންޓީން ކުރާ މީހަކަށް ގެއިން ނުނިކުމެވޭނެ ކަމަށެވެ. މިއީ ކުރީގެ އުސޫލުގައި ވެސް ކަނޑައަޅާފައިވާ ގޮތެވެ. އަދި އެ މީހަކު އެ ގޭގައި ދިރިއުޅޭ މީހުންނާއި އުޅެންޖެހޭނީ ވަކިން ކަމަށް ބުނެފައި ވެއެވެ. އަދި އެ ގެއެއްގެ ބަޔަކަށް ޒަރޫރީ ކަމެއްގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ބޭރަށް ނިކުމެވޭނެކަމަށް ބުނެފައި ވެއެވެ.

މާލޭގައި ތާށިވެފައި ތިބި މީހުން ސީދާ އެ މީހުންގެ ރަށަށް ގޮސް ކަރަންޓީން ވެވޭ ގޮތަށް އުސޫލު ބަދަލު ކޮށްފައިވާއިރު، އެ މީހުންނަށް 24 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ދެނީ އެންޓި ބޮޑީ ޓެސްޓު ހަދަން ނިންމާފައިވާތީ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ބުނެފައެވެ. މީގެ ކުރިން ކޮވިޑުގެ އަސަރު އެ މީހެއްގެ ގައިގައި ހުރިތޯ ބެލުމަށް ހަދަމުން އައީ ޕީސީއާރު ޓެސްޓެވެ. އަދި 14 ދުވަހުގެ ބަދަލުގައި 24 ދުވަހަށް ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރާ ގޮތަށް ބަދަލު ގެނައީ އެންޓި ބޮޑީ ހަށިގަނޑުގައި އުފެދޭ މިންވަރަށް ބަލާފައި ކަމަށް އެޗްޕީއޭއިން ވަނީ މީޑިއާތަކަށް ބުނެފައެވެ. އެންޓިބޮޑީއަށް ފުރަތަމަ ޕޮޒިޓިވް ވާން ފަށާނީ 09 އަކާއި 11 ދުވަހާއި ދެމެދު އެވެ. އެއާއި އެކު 24 ދުވަސް، ކަރަންޓީނަށް ހަމަޖެއްސީ ޓްރެވެލް ރިލޭޓެޑް ކަންތައް ނުވަތަ މާލެއިން ދަތުރު ކުރާ މީހުންގެ އެންޓި ބޮޑީ ޓެސްޓު ހަދާތީ ކަމަށް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.

މީގެ ކުރިން ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނު ކުރަމުން އައީ ފެސިލިޓީތަކުގައެވެ. އަދި ރަށްތަކަށް ދާ މީހުން ވެސް ކަރަންޓީން ކުރަނީ ފެސިލިޓީތަކުގައެވެ. އަދި 14 ދުވަސް ފުރިހަމަވުމުން އެ މީހަކު ދޫކޮށްލަނީ ކޮވިޑަށް ޓެސްޓު ކުރުމަށްފަހު ބައްޔަށް ޑަބަލް ނެގެޓިވް ވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: