ލޮކްޑައުންގެ އުސޫލުތަކާއި ޚިލާފުވެގެން، ޖޫރިމަނާކުރި މީހުންގެ އަދަދު 9000 އިން މައްޗަށް އަރައިފިއެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެންފެށުމާއެކު، މާލެ ސަރަހައްދު ލޮކްޑައުންކުރީ އޭޕްރީލް މަހުގެ 15 ދުވަހުއެވެ. މި ގޮތުން ބަލާއިރު، އޭޕްރީލް 15 އިން ފެށިގެން މިއަދާ ހަމައަށް، ޖުމްލަ 9068 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އޭގެތެރޭގައި ހިމެނެނީ، މާލެއިން ޖޫރިމަނާކުރި، 8095 މީހުންނާއި، ހުޅުމާލެއިން ޖޫރިމަނާކުރި 833 މީހުންނާއި، ވިލިމާލެއިން ޖޫރިމަނާކޮށްފައިވާ 140 މީހުންނެވެ.
މީގެ އިތުރުން، ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ، އެ ކުށް ތަކުރާރުކުރި، 597 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، 548 މީހުންނާއި، ހުޅުމާލެއިން 46 މީހެއްގެ އިތުރުން، ޖޫރިމަނާކުރި 03 މީހުންނެވެ.
މި ގޮތުން ހައްޔަރުކުރި މީހުންގެތެރެއިން ގިނަ ބަޔަކަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެއެވެ.

