ކޮވިޑް-19ގެ ހާލަތުގައިވެސް ޕްރައިވެޓް ސްކޫލްތަކުން ބޮޑެތި އަދަދުތަކުން ފީ ނަގަމުންދާކަމުގެ ޝަކުވާ ލިބިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.
ޔުނިސެފް އަދި ގްލޯބަލް ޕާޓްނާޝިފް ފޮރ އެޑިޔުކޭޝަނާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ މޯލްޑިވްސް އެޑިޔުކޭޝަން ރެސްޕޮންސް ޕްލޭންގައި ބުނެފައިވަނީ މިދުވަސްކޮޅާއި ދިމާކޮށް ޕްރައިވެޓް ސްކޫލްތަކުން ދައްކަންޖެހޭ ފީތަކަށް ޑިސްކައުންޓެއް ދީފައިވާ ކަމަށާއި އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ކިޔަވައިދިނުން މެދުކެނޑިފައިވާއިރުވެސް، ސްކޫލްތަކުން ބޮޑެތި އަދަދުތަކުން ފީ ނަގަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
ބައެއް ބެލެނިވެރިންނަށް މިހާލަތުގައު ފީ ދެއްކުމުގައި ދަތިތަކެއް ހުރިކަމެއް ކަމަށާއި އަދި ބައެއް ބެލެނިވެރިން ގަސްތުގައި ފީ ނުދައްކާ ތިބޭކަމަށްވެސް ވަނީ ބުނެފައެވެ. އެހެންނަމަވެސް، ބެލެނިވެރިން ފީ ދެއްކުން މަޑުޖައްސާތީ، ސްކޫލްތަކުން ޓީޗަރުންނަށް މުސާރަ ދިނުމަށް ދަތިވާކަމަށް ޕްލޭންގައި ވަނީ ބުނެފައެވެ. އަދި މިހާލަތު ދިގުލައިގެންގޮސްފިކަމުގައިވާނަމަ، ޕޭރޯލްގެ ދަށުން މުސާރަ ދީގެން ޓީޗަރުންނާއި މުވައްޒަފުން ބޭތިއްބުމަށް ދަތިވާނެކަން ވަނީ ފާހަގަކޮށްފައެވެ.
ރެސްޕޮންސް ޕްލޭންގައިވާ ގޮތުން ފީ ނުދެއްކުމުގެ ސަބަބުން ބޮޑެތި، މަޝްހޫރު ޕްރައިވެޓް ސްކޫލްތަކަށްވެސް ދަތިތަކެއް ކުރިމަތިވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ބައެއް ޕްރައިވެޓް ސްކޫލްތަކަކީ ސަރުކާރު ސްކޫލްތަކަށްވުރެވެސް ފެންވަރު ރަނގަޅު ސްކޫލްތައް ކަމަށާއި އެއީ އެސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންގެ ފެންވަރު ރަނގަޅުވުމުންކަމަށް ޕްލޭންގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ޓީޗަރުން ވަޒީފާގައި ބޭތިއްބުމަަށާއި އަދި ފީއާއި އެއްވަރުގެ ތައުލީމެއް ފޯރުކޮށްދިނުމަށް ހާލަތާއި އެކަށޭނަ މިންވަރަކަށް މާލެ ސަރަހައްދުގެ ބައެއް ޕްރައިވެޓް ސްކޫލްތަކުން އޮންލައިން ކްލާސްތައް ނަގަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.
ފީ ދެއްކުމާއި ޖޫރިމަނާގެ ކަންކަމުގައި އެކި ޕްރައިވެޓް ސްކޫލްތަކުގެ ނުވަތަ އިންސްޓިޓިއުޝަންތަކުގެ އުސޫލުތައް ތަފާތުކަމަށް ބުނެފައިވެއެވެ. އެހެންކަމުން، އެޑިޔުކޭޝަން މިނިސްޓްރީއިން މިކަމަށް ގޮތެއް ކަނޑައެޅުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް، ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާކުރުން ނުވަތަ ދަރިވަރު ސްކޫލުން ކަނޑާލުން ފަދަ ކަންކަން ނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީއަށް އެންގޭނެކަމަށް ޕްލޭންގައި ފާހަގަކޮށްފައިވެއެވެ.
ކޮވިޑް-19އާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީއިން ދުރާލާ ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިތުރު ހަރަކާތްތައް މެދުކަނޑާލާފައިވާއިރު، މާޗްމަހުގެ ދަރިވަރުންނަށް ދެވުނު މިޑް ޓާމް ބްރޭކަށްފަހު މިހާތަނަށް އަދި ސްކޫލްތައް ހުޅުވާފައެއް ނުވެއެވެ. މީގެ އިތުރަށް އެޑިޔުކޭޝަން މިނިސްޓްރީއިން އިސްނަގައިގެން ކުރިއަށްދާ ޓެލިކިލާސްތަކާއި ގޫގްލް ކްލާސްރޫމް މެދުވެރިކޮށް ފިލާވަޅުތައް ފޯރުކޮށްދެމުން އަންނައިރު ބައެއް ޕްރަިވެޓް ސްކޫލްތަކުން އަންނަނީ އެހެން ގޮތްގޮތުން އޮންލައިންކޮށްވެސް ފިލާވަޅުތައް ނަގައިދެމުންނެވެ.

