ރައީސް ނަޝީދުއެވެ. ހިންދު ކަނޑުގައިވާ މި ކުޑަކުޑަ ޖަޒީރާ ރަށްތަކަކީ، އަބަދު ވެސް، ބޭރު މީހުން ލޯ އަޅަމުންދާ ތަނެއްކަމަށް ތާރީޚު ހެކިދެނީ ވަރަށް ވެސް ސާފުގޮތެއްގައެވެ. ދިވެހި ތާރީހުގެ ސަފުހާތައް ފަހަތަށް ސޮއްސައިލުމުން ހާމަވެގެންދަނީ، މި ޤައުމުގެ މައްޗަށް ވެރިވެގަންނަން ބޭރުމީހުންނަށް ފުރުސަތުދިނީ ދިވެހިންކަމެވެ. މި ޤައުމުގެ މިނިވަންކަން ނިގުޅައިގަތުމަށް، ދޮރުތައް ހުޅުވައިދިނީ ދިވެހިންކަމެވެ. އާދެ! ދިވެހިންގެތެރެއިން އަމިއްލައެދުން ބޮޑު، ޤައުމަށް ހަރާންކޯރުވީ ބައެއް މީހުންގެ ސަބަބުންނެވެ.
ތާރީޚުގެ ފަތްފުށްތައް އުކަމުންދާއިރު އެންމެ ފުރަތަމައަށް ވެސް، ދިވެހި ތާރީޚުގައި މަޝްހޫރު ދޮންބުޅާފާށަނާގެ ދައިތާފުޅު ބުރެކިރަނިން މަތިން ހަނދާންކޮށްލަން ޖެހެއެވެ. މި ކަމަނާގެ ހިތްޕުޅުގައި، ދިވެހި ތަޚުތަށް އޮތް ދަހިވެތިކަމެއްގެ ބޮޑުކަމުން، އޭނާގެ ކޮއްކޯފުޅު އައްސުލްޠާނު ޢަލީ ފަސްވަނަ ނުވަތަ ދޮންބުޅާފާށަނާގެ ޣައްދާރުވެރި ޚާދިމެއްލައްވާ، އެ ރަދުން އަވަހާރަކޮށްލެއްވިއެވެ. އަދި ޕޯޗުގީޒު ސިފައިންގެ އެހީތެރިކަމާއެކު ރަސްކަން ހިއްޕަވައި، އޭނާގެ އާޝިޤު ކަޅު މުޙައްމަދު މަނިކަށް ރަސްކަން ހޯއްދަވައިދެއްވިއެވެ. އާދެ، ކަޅު މުޙައްމަދު މަނިކަކީ، ދިވެހި ތާރީޚުގައި ތިންފަހަރު މަތިން ރަސްކަން ކުރެއްވި ކަޅު މުޙައްމަދު ރަސްގެފާނެވެ. މި ރަސްގެފާނަކީ، ރަސްކަން ހޯއްދެވުމަށްޓަކައި، އިންޑިއާގެ ބާރުގަދަ ރަސްރަސްކަލުންނާއި، ޕޯޗުގީޒުންނާއި، ކަންނަންނޫރާއި، މަލާބާރު މީހުން، ދިވެހިރާއްޖޭގެ ދާޚީލީ ކަންތައްތަކުގެތެރެއަށް ވައްދައިގެން، އެބައިމީހުން މެދުވެރިކޮށް ރާއްޖޭގެ އަމާންކަން ނަގައިލެއްވި ރަސްކަލެކެވެ.
ތާރީޚުގެ ސަފުހާތަކުން ދެން ފާހަގަކުރެވިގެންދަނީ، އިސްވެ މި ދެންނެވި ކަޅު މުޙައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން ނުވަވަނަ ޙަސަން ރަސްގެފާނެވެ. މި ރަދުންނަކީ، ދިވެހި ތަޚުތުގައި ރަސްކަން ކުރައްވާތާ ދެ އަހަރެއްހައި ދުވަސްވީތަނާ، ކޮއްޗޭއަށް ވަޑައިގެން ކްރިސްޓިއަން ދީން ޚިޔާރުކުރައްވައި އަމިއްލަފުޅަށް ނަންފުޅު ބަދަލުކުރައްވައި ޑޮން މެނުއަލް 1 ވަނަ ކަމުގައި ހަމަޖެއްސެވި ރަސްގެފާނެވެ. އެއަށްފަހު ޕޯޗުގީޒުންގެ މަދަދު ހޯއެްދަވައި ރާއްޖެއަށް ލަޝްކަރުތައް ފޮނުއްވެވިއެވެ. މި ގޮތުން އަނބުރާ ވެރިކަން ހޯއްދަވަން ކުރެއވި މަސައްކަތްޕުޅުގެ ނަތީޖާއަކަށްވީ 15 އަހަރަށްވުރެ ގިނަ ދުވަހު އަޅުގަނޑުމެންގެ ކާބަފައިން ޕޯޗުގީޒުންގެ އަތްދަށުގައި ތިބެންޖެހުމެވެ.
މީގެ އިތުރުން، ދިވެހި ތާރީޚުގެ ބައްޕަ އަލްގާޟީ ޙަސަން ތާޖުއްދީނުގެ ދެ ދަރިކަލުންކަމަށްވާ، އަލްޤާޟީ މުޙައްމަދު ސަމްޝުއްދީނާއި، އަލް ޚަޠީބު އަޙްމަދު މުޙްޔިއްދީނުގެ ޢަމަލުފުޅުތަކަކީ ވެސް، ތާރީޚު އެ ޢަމަލުތަކުގެ މައްޗަށް ލަދުވެތިވާ ޢަމަލުތަކެކެވެ. މި ގޮތުން އޭރު ރާއްޖޭގެ ފަނޑިޔާރަކަށް ހުންނެވި މި ދަންނަވާ އަލްޤާޟީ މުޙައްމަދު ސަމްޝުއްދީނާއި، އޭރު ހުންނެވި ރަދުންގެ ދަރިކަނބަލަކާއި ކައިވެނި ބައްލަވައިގެން ހުންނެވި އަލް ޚަޠީބު އަޙްމަދު މުޙްޔިއްދީނު، ކަންނަންނޫރު ޢަލީ ރާޖާގެ އަރިހުން ދިވެހި ތަޚުތު ފޭރިގަތުމަށް އެދިލެއްވި އެދިލެއްވުން ވެގެންދިޔައީ، ކޮރު ބަންޑާރައިން ރަހީނުކޮށްގެން ގެންދެވުމެވެ. އަދި ހަމައެހެންމެ ޤައުމަށް ވަފާތެރިނުވި ބަޔަކު، ތިމަންނަމެންނަށް ވެސް ވަފާތެރިނުވާނެއޭ ބުނެ، ޕޯޗުގީޒުން އެ ދެބެން ކަނޑުފެއްތިއެވެ.
ދެން މި ބަލައިލަނީ ތަންކޮޅެއް ފަހަށެވެ. ވެލާނާގޭ މުޙައްމަދު ދީދީ ވެރިއަކަށް ހުންނަވައިގެން، ރާއްޖެއާއި ތޮޅުމަށްޓަކައި، 1909 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހު ޕޯޗުގީޒުން ގެންނެވިކަން ވެސް ހަނދުމަކޮށްލަންޖެހެއެވެ. މީގެ އިތުރުން، ހުވަދު އަތޮޅާއި، ފުވަމުލަކާއި، އައްޑޫއަކީ ވަކި ދަޢުލަތެއްގެ ގޮތުގައި ހަމަޖެއްސެވުމުގެ ގޮތުން ”ޔުނައިޓެޑް ސްވާޑީވް އައިލަންޑްސް“ ގެ ނަމުގައި، ވަކި ދަޢުލަތެއް އުފައްދަވަން މަސައްކަތްކުރެއްވި، އައްޑު އަތޮޅު ހިތަދޫގެ ޢަބްދުﷲ ޢަފީފްގެ ނަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ހަމައެހެންމެ 1980 އިގެ އަހަރުތައް ގުނަމުންދިޔަ ހިނދުގައި، ކުލީ ސިފައިން ބޭނުންކޮށްގެން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި، ހ. ހިކިފިނިފެންމާގޭ އަޙްމަދު ނަސީމާއި، އޭނާގެ ބައިވެރިންކަމަށްވާ ކުވާ މުޙައްމަދު ޔޫސުފާއި، މައިޒާން ޢަލިމަނިކުގެ ނަން ވެސް ފާހަގަކޮށްލަންޖެހެއެވެ. އަދި ކީއްތަ، އަމިއްލައެދުމުން ފޯވެފައި ތިއްބެވި ބޭފުޅުންނާއި، މީހުންގެ ވާހަކަ ދަންނަވަމުންދާއިރު، ދިވެހި ޤައުމު ސިއްސުވައިލި ނޮވެމްބަރު ތިނެއްގެ ބަޣާވާތުގެ އިސްވެރިންކަމަށްވާ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި، އައްޑުއަތޮޅު ހިތަދޫ ސަގަރު އަޙުމަދު ނާޞިރާއި، ހަމަ އެ ރަށު ޢަބްދުﷲ ޝާހިދާއި، ކަރޯ ޢައްބާސް އިބްރާހިމާއި، މ.ދުއްލިސާގޭ މުޙައްމަދު ނަޢީމު ނުވަތަ ޕައިލޮޓް ނަޢީމާއި، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކުގެ އިތުރުން، މއ.ތިނަދޫގޭ ޢުމަރު ޖަލާލްގެ މަތިން އަޅުގަނޑު ހަނދާނެއްނުނެތެއެވެ.
އާދެ، އިސްވެ މި ދެންނެވި ހުރިހައި ބޭފުޅުންނާއި، ހުރިހައި އެންމެން ވެސް، ޤާނޫނާއި ޚިލާފަށް ސަރުކާރު ބަދަލުކުރަން މަސައްކަތްކުރެއްވިކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. އެ ގޮތަށް ސަރުކާރު ބަދަލުކުރުމަށް ކިޔެނީ ބަޣާވާތް ކުރުމެވެ. އަދި އެކަން ކުރި ބަޔަކަށް ކިޔަނީ ބާޣީންނެވެ. މި ދުވަސްކޮޅަކީ، ބަޣާވާތުގެ އަޑުގަދަވެގެން ގޮސްފައިވާ ދުވަސްވަރެކެވެ. އެކިއެކި ބޭފުޅުންނަށާއި، ވަކިވަކި ބޭފުޅުންނަށް ބާޣީއަށް ގޮވަމުން އަންނަ ދުވަސްވަރެކެވެ. ބާޣީއޭ ކިޔައި ގޮވައިލުމަށް ހިތްވަރުދެމުން އަންނަ ދުވަސްވަރެކެވެ. ބާޣީއޭ ގޮވުމުގެ ޙައްޤުއޮތްކަމަށް ބުނަމުންދާ ދުވަސްވަރެކެވެ. ނަމަވެސް ހިތާމައަކީ، އެހެން އެކިޔާ ބަޔަކަށް ނުވަތަ އެހެން އެ ވިދާޅުވާ ބޭފުޅުންނަށް، ބަޣާވާތަކީ ކޮބައިކަމާއި، ބާޣީންނަކީ ކޮބައިކަން ނޭނގުމެވެ. ކޮބައިކަން އެނގިވަޑައިނުގަތުމެވެ.
ތިޔަ އެންމެ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން މިކަމަށް އެންމެ ބޮޑަށް ބަސްފުޅު ވިދާޅުވަނީ، ޙަޤީޤީ ބާޣީން ވަކިކުރައްވަން އެނގިވަޑައިނުގަންނަވާ، އެ ބުނާ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އާދޭހެވެ. ކެނެރީގޭ މުޙައްމަދު ނަޝީދެވެ. ރާއްޖޭގައި އުފެދުނު ބާޣީން ހިމެނޭ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ، ރައީސް މުޙައްމަދު ނަޝީދެވެ. އަދި ކީއްތަ، ރައްޔިތުންގެ މަޖިލީހަކީ، އަމިއްލަ މިލްކިއްޔާތެއްކަމަށް ދެކެވަޑައިގެން އެ ތަނުން ނުނުކުންނެވުމަށް ގަދައަޅުއްވައި މަސައްކަތްކުރައްވާ މުޙައްމަދު ނަޝީދެވެ. އަދި އޭގެ އިތުރުން، ރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ގެއްލުންވެދާނެކަމަށް ވިދާޅުވެ އަމިއްލަފުޅަށް އިސްތިއުފާދެއްވި ރައީސް ނަޝީދެވެ.
އަޅުގަނޑު ހައިރާންވަމެވެ. އަންތަރީސްވެ އަޖާއިބުވަމެވެ. އެ މަނިކުފާނު އެހެރަ ވިދާޅުވަނީ ވެރިކަން ވެއްޓުނީ ބަޣާވާތަކުންކަމުގައެވެ. ނަމަވެސް އެކަމަކީ އެނގިފާޅުވެގެންވާގޮތުގައި އެ މަނިކުފާނު އަމިއްލަފުޅަށް ކުރެއްވިކަމެކެވެ. އެހާ ވަރުގަދަނަމަ، އެހާ ހިތްވަރުގަދަ ނަމަ، ވެރިކަން ދޫކޮށްލެއްވީ ކީއްވެތޯއެވެ. އެ މަނިކުފާނުގެ އިސްތަށިފުޅުގައި މީހަކު ބަޑިއެއް ނުޖައްސައެވެ. އެމަނިކުފާނުގެ ކަރުފުޅުގައި މީހަކު ކަނޑިއެއް ނުޖައްސައެވެ. ނުވަތަ އެ މަނިކުފާނު މެދުން ފަޅާލަން މީހަކު ހަންޖަރެއްވެސް ނުގެނެއެވެ. އަދި އެ މަނިކުފާނު މޭފުޅާ ދިމާއަށް މީހަކު ތީރެއް ވެސް އަމާޒެއް ނުކުރެއެވެ. ނުވަތަ އެ މަނިކުފާނުގެ ގެއަށް މީހަކު ބޮމެއް ވެސް ނުލައެވެ. ވީއިރު ވެރިކަން ދޫކޮށްލެއްވީ އަމިއްލަފުޅަށްނޫންތޯއެވެ.
ކަންމިހެން ހުރިއިރު، އެހެން ބޭފުޅަކާ ދިމާއަށް އެ މަނިކުފާނަށް ބާޣީއަށް ގޮވައިލެއްވި ދާނެތޯއެވެ. ނުވަތަ އެ ގޮތަށް ގޮވާލުމަށް ހިތްވަރުދެއްވޭނެތޯއެވެ. ނޫނެކެވެ. އެ މަނިކުފާނަށް އެ ފުރުސަތެއް ނެތެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ކުރައްވަންވީކަމަކީ، ބަޣާވާތަކީ، ކޯއްޗެއްތޯއާއި، ބާޣީ އަކީ ކޯއްޗެއްތޯއާއި، މި ރާއްޖޭގަ އުފެދުނު ޙަޤީޤީ ބާޣީންނަކީ ކޮބައިތޯ ބައްލަވައިލެއްވުމެވެ. ކުކުޅަށްވުރެ ބިސްދޮށިނުވާށޭ ވެސް މުސްކުޅިން ބުނެ އުޅެއެއްނޫންތޯއެވެ. ނުފޯރާ ފޮތިން ފޫގަޅަން ނޫޅޭށެ ވެސް ބުނެ އުޅެއެއްނޫންތޯއެވެ. އަދި ކީއްތޯއެވެ. މެކުނު ފުމުނަކަސް ގާހައަކަށް ނުފުމެވޭނެއޭ ވެސް ބުނެ އުޅެއެވެ.

