ހއ.ކެލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އެމްޓީސީސީން ފަށައިފިއެވެ.
2019 ވަނަ އަހަރުގެ ޖުލައިމަހުގެ 30 ވަނަ ދުވަހުގައި އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް އެ ކުންފުނިން ފަށާފައިވަނީ، ހަމަ އެ އަހަރުގެ ސެޕްޓެމްބަރުމަހުގެ 13 ވަނ ދުވަހުގައެވެ. މި މަޝްރޫޢުގެ ދަށުން، ކެލާ ފަޅުތެރެއިން 3،496 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމަށާއި، 12،768 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް މޫރިންގް ބޮއި އިންސްޓޯލްކުރުމުގެ މަސައްކަތްތައް މިހާރުި ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން އެމްޓީސީން ބުނީ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ކޮންސްޓްރަކްޝަން މަސައްކަތްތައް މިހާރު ފެށުމަށް ހަމަޖެހިފައިވާކަމަށާއި، މި ގޮތުން 30 މީޓަރުގެ ބޭރު ތޮށްޓެއްލުމާއި،220 މީޓަރުގެ ރިވެޓްމަންޓްޖަހައި، 50 މީޓަރުގެ އެއްގަމު ތޮށްޓެއްލުމަށް ހަމަޖެހިފައިވާކަމަށެވެ.
މި މަސައްކަތްތަކުގެ އިތުރަށް، ބަނދަރާއި އިންވެގެން 1445 އަކަ މީޓަރުގެ ޕޭވްމަންޓް މަގު ހެދުމާއި،މަގުތަކުގައި ލައިޓްތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރަން ހަމޖެހިފައިވާކަމަށް އެެމްޓީސީސީން ބުނެއެވެ.
17.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް އެމްޓީސީއާއި ސަރުކާރުން ހަވާލުކޮށްފައިވަނީ 410 ދުވަސްތެރޭގައި އެ މަސައްކަތްތައް ނިންމާގޮތަށެވެ.

