ރައްޔިތުންގެ މަޖިލީހަކީ ޝަރީއަތްކޮށް ހުކުމްކުރާ ތަނަކަށް ބަދަލުވެއްޖެ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ކުޅިވަރު ގާނޫނާ އެއް ގޮތަށް ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމްއަށް ފިޔަވަޅު އަޅާފައި ނުވާތީ އެ މައްސަލަ ބަލައިދިނުމަށް އެދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ބަހުޘް ކުރައްވަމުން ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ތަހުގީގުކުރާ އިދާރާއަކަށް މިއަދު ބަދަލު ވެފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ މިނިސްޓްރީތަކުގެ މައްޗަށް ވަކި ގޮތަކަށް އަމަލު ކުރަން އަންގާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ”ޝަރުއީ ހުކުމްތަކެއް“ ނުކުރެވޭނެ ކަމަށެވެ. އަދި އާޒިމް ހުށަހެޅި މައްސަލައަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޝަރީފް ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ކުރެވެމުން ދަނީ ގާނޫނު އަސާސީއާއި ގާނޫނާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.
އާޒިމް ހުށަހެޅުއްވި މައްސަލައަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޝަރީފް ވިދާޅުވީ. އާޒިމް ހުށަހެޅުއްވި މައްސަލަގައި ހިމެނޭ ކަންކަމަކީ ގާނޫނު އަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެއްވެސް ވުޒާރާއަކުން ނުވަތަ މުއައްސަސާއަކުން ގާނޫނާ ހިލާފުވެއްޖެ ކަމަށް މަޖިލީހަށް ކަނޑަނޭޅޭނެ ކަމަށެވެ. އަދި އެފްއޭއެމްއާއި ސްޕޯޓްސް މިނިސްޓްރީން ގާނޫނާއި ހިލާފަށް ކަމެއް ކޮށްފައިވާ ކަމަށް ގަބޫލު ކުރެވޭނަމަ ޝަރުއީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
”އިއްޒަތްތެރި ރައީސް މިތަން ވެއްޖެ މިހާރު ޝަރީއަތްކުރާ ތަނަކަށް، މިތަން ވެއްޖެ ހުކުމް ކުރާތަނަކަށް، އަދި މިތަން ވެއްޖެ އަޅުގަނޑުމެން ބަދަލު ހިފުމަށް ހުށަހަޅާ ތަނަކަށް، ސަރުކާރުގެ ވަކި ވުޒާރާއަކަށް ވަކި ގޮތަކަށް ވަކި ކަމެއް ކުރަން ލާޒިމުކޮށް އަމުރު ކުރަން މި ތަނަށް މައްސަލަ ހުށަހަޅައިގެން ވަލު ދޮރާށިން ކަން ކުރާ ގޮތް ކަމަކު ނުދޭ، ޝަރީފް ވިދާޅުވި އެވެ.
އާޒިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ޝަރީފް ވިދާޅުވި ފާޑު ކިޔުންތަކަށް ރައްދު ދެއްވާ މަޖިލީހުގެ ރިޔާސަތުން، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާއަށް މައްސަލަތައް އެޖެންޑާ ކުރަނީ އެ މައްސަލާގައި ގާނޫނާ ހިލާފު ކަމެއް ވޭތޯ ބެލުމަށް ފަހު އެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ގާނޫނާ ހިލާފު އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ. އަދި ދައުލަތުން އަމަލު ކުރަން ޖެހޭ ގާނޫނުތައް ހެދުމާއި، ދައުލަތް ޖަވާބުދާރީކުރުވުމާއި މުއައްސަސާތަކުން ޤާނޫނާއި އެއްގޮތަށް އަމަލުކުރޭތޯ ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ މަސް ކައްކާ ނުވަތަ އެހެންވެސް ކަމެއް ކުރާތަނެއް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާތަން ކަމަށެވެ.

