ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އަމަލުތައް ހިންގާ މީހުންނާއިމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އެފަދަ މީހުންނަށް ޖެންޑަރ މިނިސްޓްރީ އިންޒާރެއް ދީފިއެވެ.
ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކުރާ މީހުންނާ މެދު، ގާނޫނުން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ޖެންޑަރ މިނިސްޓްރީން މިފަދަ ބަޔާނެއް ނެރިފައިވަނީ ކުޑަ ދެ ކުއްޖެއްގެ އުމުރާ ނުގުޅޭ އަމަލެއް ހިންގާ މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ކުރުވަމުންދާތީ މިނިސްޓްރީން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، އެ މައްސަލަ ކަމާއިބެހޭ އިދާރާތަކުން ބަލަމުން އަންނަކަން ފާހަގަކޮށްފައެވެ.
ކުޑަކުދިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކުޑަކުދިން ކުރާ އުމުރާ ނުގުޅޭ ކަންކަމާއި އަޚުލާގީ މައްސަލަތައް ވީޑިއޯކޮށް އާއްމުކުރުމާއި ޖިންސީ ގޯނާ ލިބޭ ކުދިން އެނގޭ ގޮތަށް ޒާތީ މައުލޫމާތު އާއްމުކުރުމަކީ ކުށެކެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ މައުލޫމާތު، ފޮޓޯ އަދި ވީޑިއޯ ސޯޝަލްމީޑިއާގައި އާއްމުކުރާ ނަމަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާ އިން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ މާއްދާގައި ބުނަނީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެފަދަ ކަންކަމަށް ހިތްވަރުދިނުމަކީ މަނާކަމެއް ކަމަށެވެ. އަދި މިފަދައިން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެކަން ތަހްގީގުކޮށް އެކަމުގެ ކުޑަބޮޑުމިނަށާއި، އެކަން ތަކުރާރުވާ މިންވަރަށް ބަލައި އެކަމުގައި ށާމިލުވާ ފަރާތްތައް ޖޫރިމަނާކުރުން ނުވަތަ އާންމުންނަށް ހިދުމަތެއް ދިނުމުގެ ލައިސެންސެއް ލިބިފައިވާ ފަރާތެއްނަމަ، ލައިސެންސް ހިފެހެއްޓުންފަދަ ފިޔަވަޅުތައް މިނިސްޓަރު އަޅަންވާނެ ކަމަށެވެ.
ކުޑަކުދިން ނުރައްކަލަކަށް ހުށަހަޅޭ ފަދަ އަމަލުތަކާއި އަނިޔާ ދިނުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގާނޫނުގައި، އާއިލާ އާއި ބެލެނިވެރިންނާއި މުޖުތަމައު އާއި ދައުލަތަކަށް ޒިންމާތަކެއް މަތިކޮށްފައިވެ އެވެ.

