ގުޅީފަޅުގައި އަލަށް ހިއްކާ ސަރަހައްދުން 6،000 ހައުސިން ޔުނިޓް ޢިމާރާތްކުރެވޭނެ ވާރުގެ ބިމެއް ކަނޑައެޅުމުގެ ގޮތުން ސަރުކާރަށް ހުށަހެޅުމަށްޓަކައި، ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި، ގުޅީފަޅުގައި އަލަށް ހިއްކާ ސަރަހައްދުގައި ހައުސިން ޔުނިޓް ޢިމާރާތްކުރަން ހުށަހަޅަން އެންވަޔަރަމަންޓް ކޮމިޓީގެ ރިޕޯޓު ފާސްކޮށްފައިވަނީ، 65 މެންބަރުންގެ ވޯޓާއެކުއެވެ. ރިޕޯޓު ފާސްކުރަން ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.
މިއަދު ފާސްކުރެވުނު އެންވަޔަރަމަންޓް ކޮމިޓީގެ ރިޕޯޓަކީ، ގުޅީފަޅުގެ ބޮޑު ބައެއް ހިއްކަމުންދާތީ، ވިލިމާލޭ ފަރުތެރެއަށް ކިސަޑުއެޅި ތިމާވެށްޓަށް ނޭދެވޭ އަސަރުކުރަމުންދާތީ އެކުލަވާލާފައިވާ ރިޕޯޓެކެވެ. ހަމައެއާއެކު އެ ރިޕޯޓުގައި، ހަމައެކަނި އެންމެ މަޝްރޫޢަކަށް އެ ތަން ހާއްސަކުރުމުގެ ބަދަލުގައި، އިޖުތިމާޢީ ގޮތުންނާއި އިިޤުތިޞާދީ ގޮތުން ފައިދާކުރާނެ ކަންކަން ހިމަނަން ޖެހޭކަމަށް ހުށަހަޅާފައިވެއެވެ.
މި ގޮތުން މާލެ ތޮއްޖެހިފައިވުމުގެ ސަބަބުން، ގުޅީފަޅުން ހިއްކާ ބިމުން %15 ގެ ބިން ބޯހިޔާވަހިކަމަށް ޚާއްސަކުރުމަށާއި، މަދުވެގެން 6،000 ހައުސިން ޔުނިޓް ޢިމާރާތްކުރެވޭވަރުގެ ބިމަކަށްވެސް ވާންޖެހޭކަމަށް އެންޔަރަމްންޓް ކޮމިޓީގެ ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، އެންވަޔަރަމަންޓް ކޮމިޓީގެ ރިޕޯޓުގައި ގުޅީފަޅު ހިއްކުމުގެ ސަބަބުން، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެގޮތުން، މިހާރު ވެސް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގާފައިވާ ފިޔަވަޅުތައް އެޅުމަށް މަޝްރޫޢު ހިންގާ ފަރާތަށް އަންގަން ހުށަހަޅާފައިވެއެވެ. އަދި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އަޅާ ފިޔަވަޅުތައް ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ވަގުތީ ކޮމިޓީއެއް އެކުލަވާލާފައިވައިވެއެވެ. އަދި އެ ކޮމިޓީން ހަފުތާއަކު އެއްފަހަރު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށާއި، ކޮންމެ ދުވަހަކު ވެސް އެންމެފަހުގެ މަޢުލޫމާތުތައް އާންމު ކުރަމުން ގެންދިއުމަށް ވެސް ހުށަހަޅާފައިވެއެވެ.
ހަމައެއާއެކު ކުރިއަށް އޮތްތަނުގައި އެ ފަދަ މަޝްރޫޢުތައް ހިންގުމުގައި ބައެއް ކަންތައްތައް ބެލުމަށް ވެސް ހުށަހަޅާފައިވެއެވެ. މި ގޮތުން އެންމެ ފުންކޮށް ހިއްކޭނެ މިންވަރު ސަރުކާރުން ކަނޑައެޅުމަށާއި މަޝްރޫޢުގެ ބަޖެޓުގައި ތިމާވެށީގެ ރައްކާތެރިކަމަށް ބަޖެޓް ހަމަނުޖެހޭނަމަ އެ މަޝްރޫޢު ކުރިއަށް ގެންދަން ހުއްދަ ދިނުމަށް ހުށަހަޅާފައިވެއެވެ.
މިއަދުގެ ޖަލްސާގައި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްވަނީ، ގުޅީފަޅުގައި ޢިމާރަތްކުރާ ހައުސިން ޔުނިޓްގެ ޢަދަދު 8،000 އަށް އިތުރުކުރުމަށް އެންވަޔަރަމަންޓް ކޮމިޓީގެ ރިޕޯޓަށް އިސްލާހެއް ހުށަހެޅުއްވިއެވެ. ނަމަވެސް އެ އިސްލާހު ހިމަނަން ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވާފައިވަނީ އެންމެ 06 މެންބަރުންނެވެ. މީގެ އިތުރުން އެ އިސްލާހު ހިމަނަން ފެނިވަޑައި ނުގަންނަވާކަމަށް 58 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.

