ކޮވިޑް-19 އަށް އިތުރު 24 މީހުން ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޢަދަދު 2361 އަށް އިތުރުވެއްޖެއެވެ.
މިކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާރަދުވަހުގެރޭ ހާމަކުރިގޮތުގައި، ހޯމަދުވަހުގެ ހަވީރު 18:00 އިން ފެށިގެން، އަންގާރަ ދުވަހުގެ 18:00 އާއި ހަމައަށް، ރައްޖެއިން ކޮވިޑް-19 އަށް އިތުރު 24 މީހުން ޕޮޒިޓިވްވެ، ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު މިހާރުވަނީ 2361 އަށް އިތުރުވެފައެވެ. ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، 11 ދިވެއްސެއްގެ އިތުރުން، 13 ބިދޭސީއެއްކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. ޕޮޒިޓިވްވި ބިދޭސީންގެތެރޭގައި ހިމެނެނީ، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެތެރެއިން 7 މީހަކާއި، އިންޑިއާގެ 6 މީހަކުކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި ގޮތުން ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު މިހާރު 831 އަށް އިތުރުވެފައިވާއިރު، ބަލި ޖެހުނު ބިދޭސީންގެ ޢަދަދު މިހާރުވަނީ 1232 އަށް އިތުރުވެފައެވެ.
https://twitter.com/HPA_MV/status/1278010777522319361?s=20
މީގެއިތުރުން އެޗްޕީއޭއިން ހާމަކުރިގޮތުގައި، ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަ މީހުންގެތެރެއިން، އިތުރު 17 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި މި 17 މީހުންނާއެކު، މިހާތަނަށް 1944 މީހަކު ރަނގަޅުވެފައިވާކަމަށާއި، މިހަރު ފަރުވާދެމުން އަންނަނީ 403 މީހުންނަށްކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުނުފަހުން މިއަދާ ހަމައަށް 116 ދުވަސްވެފައިވާއިރު، ބަލިޖެހުނު މީހުންގެތެރެއިން މިހާތަނަށް 09 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރެއިން އެކަކު ނިޔާވެފައިވަނީ އަންގާރަ ދުވަހުކަމަށާއި، ނިޔާވި މީހާއަކީ ޢުމުރުން 43 އަހަރުގެ ޕިލިޕީންސްގެ ރައްޔިތެއްކަމަށް އެޗްޕީއޭއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ 04 މީހުންނާއި، 04 ދިވެއްސަކު ވެސް ވަނީ މީގެކުރިން ނިޔާވެފައެވެ.

