ކޮވިޑް-19 އާއި ގުޅިގެން ދީފައިވާ ލުއިތަކުގެތެރޭގައި، އެހެން ރަށްރަށުން ގްރޭޓަރ މާލެ ސަރަހައްދަށް ދަތުރުކުރުމަށް އެއްވެސް ހުރަހެއްނެތްކަމަށް ސަރުކާރުން ބުނެފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވީ، އެހެން ރަށްރަށުން މާލެއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ހުއްދައެއް ނަގަންނުޖެހޭނެކަމަށެވެ. ނަމަވެސް މާލެއިން އެހެން ރަށްރަށަށް ދިއުމަށް އަދިވެސް ހުއްދަހޯދަންޖެހޭނެކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މި ގޮތުން ހުއްދައަށް އެދެންޖެހޭނީ، އެޗްޕީއޭއިން ޤާއިމްކޮށްފައިވާ ”ހާލުބެލުން ޕޯޓަލް“ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ، މާލެއިން ރަށްރަށަށް ދާން ބޭނުންވާ ފަރާތްތަކުން، ”ހާލުބެލުން ޕޯޓަލް“ މެދުވެރިކޮށް ލިބޭ ހުއްދަ ޕްރިންޓްކޮށްގެން، އެއަރޕޯޓަށް ނުވަތަ ފެރީގެ ޚިދުމަތްދޭ ތަނަށް ދައްކަންޖެހޭނެ ކަމަށެވެ.
ދަތުރުފަތުރުކުރުމަށް ސަރުކާރުން ލުއިތަކެއްދިން ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ގްރޭޓަރ މާލޭ ސަރަހައްދުގައި ތިބި އެހެން ރަށްރަށުގައި ދިރިއުޅޭ މީހުން، އެ މީހުން ރަށަށް އަނބުރާ ދިއުމުގައި ޢަމަލުކުރެވޭނީ މިހާރު ވެސް ޢަމަލުކުރެވޭ އުސޫލުންކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން މާލެއއިން ނުވަތަ ކޮވިޑް-19 އިގެ ބަލިމަޑުކަން ފެނިފައިވާ ރަށަކުން އެނބުރިދާ ރަށަކަށް ދިޔުމަށްފަހު، އެ މީހަކު ހުންނަން ހަމަޖެހިފައިވާ ގެއެއްގައި 14 ދުވަސް ހަމަވަންދެން ގޭގައި ކަރަންޓީނުގައި ހުންނަންވާނެކަމަށް ވެސް ތިންވަނަ މަރުހަލާގެ ފިޔަވަޅުތަކުގައި ބަޔާންކޮށްފައިވެއެވެ.

