ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީޙުގެ ރައީސް ”ފަށްކެނޑުމުގެ“ ވާހަކަ ދެއްކުމަކީ ފުކެއް ބޮޑުވަރު.!

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިހަކީ ޤާނޫންތައް އެކުލަވައިލައި، ދައުލަތުގެ ޤާނޫނީ ނިޒާމް ބައްޓަންކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވައި، މިނިވަން މުއައްސަސާތަކާއި ޝަރުޢީ ދާއިރާގެ އެންމެ މަތީ ކޯޓު އެކުލަވައިލުމާއި އެކޯޓަށް ބަދަލުގެނައުމުގެ ޤާނޫނީ ބާރު ލިބިފައިވާ، މުއައްސަސާއެވެ. ހަމައެހެންމެ ޤާނޫން އަސާސީއަށް ބަދަލުގެނައުމުގެ ބާރު ލިބިފައިވާ މުއައްސަސާއަކީ ވެސް ރައްޔިތުންގެ މަޖިލީސްއެވެ. ރައީސުލް ޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބު މަޤާމުން ވަކިކުރެއްވުމުގެ ބާރުވެސް ލިބިފައިވާ މުއައްސަސާއެވެ. މިފަދަ މުހިންމު ޒިންމާތަކެއް އަދާކުރާ އަދި ބޮޑެތި ބާރުތަކެއް ލިބިފައިވާ މުއައްސަސާއަކާ މެދު ރައްޔިތުން އެތައް ފޮނި އުންމީދުތަކެއް ކުރާނެކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

ކުރިންވެސް ދެންނެވުނު ފަދައިން ރައްޔިތުންގެ މަޖިލީހަކީ ޤާނޫން ހެދުމުގެ ބާރު ލިބިފައިވާ ފަރާތެވެ. ޤާނޫން އަސާސީގެ 70ވަނަ މާއްދާގެ ހ.ގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގައި ޤާނޫން ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. މިދެންނެވި ބާރުތަކަކީ ނުހަނު ބޮޑު ޒިންމާއެކެވެ. ރައްޔިތުންނާއި ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރި ކުރެވޭނެ ގޮތަކަށް ޤާނޫންތައް އެކުލަވާލުމުގެ ޒިންމާއެވެ. މަޖިލީހަށް މިމާއްދާގެ ހ. އަދި ށ.އިން ލިބިދޭ ބާރުތަކަކީ ދައުލަތުގެ އިޤުތިޞާދީ އިޖުތިމާޢީ ޙާލަތު އެފުށް މިފުށަށް ޖަހައިލެވޭ ފަދަ ބާރުތަކެކެވެ.

މިހައި ބޮޑު ބާރުތަކެއް ރައްޔިތުން ދީފައިވާއިރު އެ ބާރުގެ ބޭނުން ތިމާމެން ހިތުހުރިގޮތަކަށް ހިފައިގެން ނުޥާނެއެވެ. ރައްޔިތުންގެ މަޖިލީހުން ޤާނޫން ހަދަން ޖެހެނީ ކޮން އުޞޫލެއްގެ މަތިން ކަން ޤާނޫން އަސާސީގައި ވަރަށް ސާފުކޮށް ބަޔާންވެފައިވެއެވެ.

އެގޮތުން ޤާނޫން އަސާސީގެ 10ވަނަ މާއްދާގެ ހ.ގައިވަނީ އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫންގެ މައިގަނޑު މަޞްދަރުކަމުގައެވެ. އަދި އެމާއްދާގެ ށ.ގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށެވެ. އަދިވެސް ޤަނޫން އަސާސީގެ 70ވަނަ މާއްދާގެ ށ. 2 ވަނަ ނުކުތާގައި ބަޔާންވެފައިވަނީ ރައްޔިތުން މަޖިލީހަށް، ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭ ގޮތުން، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާގޮތުގެ މަތީން ޤާނޫން ހެދުމާއި، ޤާނޫނަށް ބަދަލުގެނައުމާއި ޤާނޫން ބާޠިލްކުރުމުގެ ބާރު ލިބިފައިވާ ކަމަށެވެ. އަދި މިމާއްދާގެ ނ.ގައި ބުނެފައިވަނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެން ނުވާނެ ކަމަށެވެ.

ކޮންމެއަކަސް 19 ވަނަ ރައްޔިތުންގެ މަޖިލިހަކީ ވަރަށް މުހިއްމު ޤާނޫންތަކެއް އެކުލަވައިލަން ޖެހޭނެ މަޖިލިހެކެވެ. އެހެން މިދެންނެވީ 2018 ވަނަ އަހަރު އުފެދިގެން މިއައި ސަރުކާރުން، ސަރުކާރުގެ އިޤުތިޞާދީ އިޖުތިމާޢީ ސިޔާސަތުތައް ތަންފީޒުކުރެއްވުމަށްޓަކައި ދައުލަތުގެ މާލީ އަދި ޖިނާއީ ޢަދުލުގެ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ގަސްތުކުރައްވާތީއެވެ. އެކަންވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މެނިފެސްޓޯގައި ހިމަނުއްވާފައެވެ.

މުހިއްމު ޤާނޫންތަކެއް މަޖިލިހަށް ހުށަހެޅިގެންދާއިރު، ފާއިތުވި މަޖިލިސްތަކަށް ހުށަހެޅި އަދި ބަޙުސްކުރެވި ގޮތެއް ނުނިންމި ނުހަނު މުހިއްމު ބިލްތަކެއް ހުރިކަން ވެސް އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. ޖިނާއީ ޢަދުލުގެ ނިޒާމް އިޞްލާޙުކުރުމާއި އަލުން އެކުލަވާލުމަށްޓަކައި ނުހަނު ބޭނުންތެރި ޖިނާއީ އަދުލުގެ ނިޒާމް އިސްލާހު ކުރަން ޖެހޭ ބިލްތައް އެބަހުއްޓެވެ.

ހަމައެހެންމެ  ދައުލަތުގެ މާލީ ޙާލަތާ އެކަށޭނެ އަދި ނަތީޖާ ނެރެދެވޭނެ ނިޒާމަކަށް އެނިޒާމް ބަދަލުކުރަން ޖެހޭކަން އެއީ އަބަދުވެސް ދައްކަމުންދާ ވާހަކައެކެވެ. މިކަން މިހެން އޮތްއިރު  މީގެކުރިން އަޅުގަނޑުމެން އިންތިޚާބުކުރި ދެ މަޖިލިހުގައި ކުރެވުނު އުފެއްދުންތެރި މަސައްކަތްތަކަށްވުރެ ސިޔާސީ “ޑްރާމާ” ގިނައެވެ. އަޑުގަދަ، ސިޔާސީ ޙަރަކާތްތެރިން ގިނަ އެމަޖިލިހަކީ، ސިޔާސީ ޕާޓީތަކުގެ މަޖިލިހެކެވެ. ގަނެ ވިއްކުމުގެ ބާޒާރެއް ހުޅުވި، ދެއިރު ދެ ދަޅައަށް ޕާޓީ ބަދަލުކުރައްވާ މެންބަރުން އަޅުގަނޑުމެން ދުށީމެވެ.

މަޖިލީހުގެ ކޮމިޓީތަކުގައާއި މަޖިލީހުގެ ތަޅުމުގައި ކުޑަކުދިން މަދުރަސާގައި ސަކަރާތް ޖަހައި އުޅޭ އުޞޫލުން މެންބަރުން އުޅުއްވި މަންޒަރުވެސް އަޅުގަނޑުމެން ބެލީމުއެވެ. ބައެއްފަހަރަށް އެމަޖިލިހުގައި ޢާންމު ތަންތަނުގައި ބޭނުންކުރުން އެކަށީގެންނުވާ ބަހުރުވަ ބޭނުންކުރައްވައި، މާރާމާރީ ހިންގެވިތަންވެސް ފެނުނެވެ.

މިހުރިހާ ކަމެއް ތަޖުރިބާކޮށް، އެމަންޒަރުތައް ދެކެ، އެއަޑުތައް އެހުމަށްފަހު، މިފަހަރު މިއޮތީ ތަފާތު މަޖިލީހެއް ހޮވާފައެވެ. ނަމަވެސް ސުވާލަކީ މިފަހަރު މި އިންތިހާބުކުރި މަޖިލީހާއި ކުރީގެ މަޖިލިސްތަކާއި ވަކިތަފާތެއްވޭތޯއެވެ. ؟ ޖަވާބު ވަތަށް ސާފެވެ. އޭރުވެސް މިހާރުވެސް ފެންނަނީ ރައްޔިތުންނަށް ވުރެ އަމިއްލަ މަސްލަހަތު އިސްކުރާ މަންޒަރެވެ. ވެރިކަން ކުރާ ފަރާތުގެ ބާރުގަދަކުރާ މަންޒަރެވެ. ތިން ބާރު ވަކިކުރެވިފައިވާ ރާއްޖޭގެ ވެރިކަމުގެ ނިޒާމް އެއްބާރެއްގެ ދަށަށް ގެންނަން މަސައްކަތް ކުރަނީއެވެ. މަޖިލީޙުން ނުބެހޭކަށް ކަމެއް ނެތެވެ. ޖިނާއީ ބިޑެތި މައްސަލަތައް ވެސް ތަހުގީގު ކުރަނީއެވެ. ކޯޓުތަކުން ނިންމާ ނިންމުންތަކުގެ ތެރެއަށް ވެސް ވަންނަނީއެވެ. ވެރިކަން ހިންގާ ފަރާތުގެ ބާރުތަކުގެ ތެރެއަށް ވެސް ވަންނަނީއެވެ. މިހެން ގޮސް ނުވަންނަ ހަމަ އެއްކަމެއްވެސް ނެތެވެ. އެނެމް ފަހުން ވަރިކައިވެނީގެ މައްސަލަތަކާއި ބެހޭ ގޮތުން ވެސް ބަސް ބުނަން ފެށީއެވެ. މިއީ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑުމެން ބޭނުންވި ބަދަލުތޯ މިއަދު ސުވާލު އުފެދެއެވެ. 

ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހަކީ ޤާނޫންހެދުމުގެ އިތުރަށް ސަރުކާރު ޖަވާބު ދާރީކުރުވާ މަޖިލިސްއެވެ. އެއީ އެމަޖިލީހަށް ލިބިފައިވާ ބާރެއްގެ އިތުރުން، މަޖިލީހުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. މިދެންނެވި ޒިންމާ އަދާކުރުމުގެ ގޮތުން ވަޒީރުން ނުވަތަ ސަރުކާރުގެ އެހެންވެސް މަޤާމެއްގައި ހުރި މީހަކު މަޖިލީހަށް ޙާޟިރުކޮށް އެމީހަކު އަދާކުރާން ޖެހޭ ޒިންމާއާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ބާރު ޤާނޫން އަސާސީގެ ދަށުން މަޖިލިހަށް ލިބިގެންވެއެވެ.

މިދެންނެވި ބާރުތައް ހެޔޮ ގޮތުގައި ބޭނުންކޮށް ރައްޔިތުންނަށް މަންފާ ހޯދައިދިނުމަކީ މަޖިލިސް މެންބަރުންނަށް ކުރެވިދާނެ އަދި ކުރަން ޖެހޭނެ ކަމެކެވެ. އަހަރީ ބަޖެޓު އެކުލެވި ފާސްވެގެން ދާއިރު، ރަށްތަކަށާއި އަތޮޅުތަކަށް އެތައް ޚިދުމަތެއް ދިނުމަށް ބަޖެޓުގައި ހިމެނެއެވެ. އެތައް މަޝްރޫޢެއް ހިންގުމަށް ހަމަޖެހެއެވެ. އެހެންނަމަވެސް އެފަދަ ކަންކަން ނުހިނގައި ލަސްވަމުން ފަސްވަމުން ގޮސް ހުއްޓިފައި އެބަހުއްޓެވެ. އެފަދަ ޙާލަތްތަކުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ވެރިން ޖަވާބުދާރީ ކުރުވައި، ސުވާލުކޮށް، އެލިބޭ ޖަވާބު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ޤާނޫން އަސާސީގެ 98ވަނަ މާއްދާއިން މަޖިލީހުގެ ކޮންމެ މެންބަރަކަށް ލިބިފައިވާ ބާރެކެވެ. 

މަޝްރޫޢުތައް ހިންގުމާއި ޚިދުމަތްތައް ދިނުމަކީ މަޖިލިހުގެ ޒިންމާއެއް ނޫނެވެ. އަދި ދައުލަތުގެ ޢާންމު ސިޔާސަތުތައް އެކަށައެޅުމަކީވެސް މަޖިލީހުގެ ޒިންމާއެއް ނޫނެވެ. އެއީ ސަރުކާރު ނުވަތަ ވެރިކަންހިންގުމުގެ ބާރުގެ ޒިންމާތަކެކެވެ. އެހެންނަމަވެސް ޒިންމާއަދާކުރާ މިންވަރު ބަލައި، ޒިންމާއަދާކުރުމުގައި ސަރުކާރަށް ދިމާވާދަތިތައް އޮޅުންފިލުވައި އެމަޢުލޫމާތު ރައްޔިތުންނާ ޙިއްސާކުރުމުގެ ބާރު މަޖިލިހަށް ލިބިފައިވެއެވެ.

މަޖިލީހަކީ ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ޝަޚުޞީ ވާދަވެރިކަމުގެ ރޭސް ކުރިއަށްގެންދާ ކުޅިވަރު މައިދާނެއްކަމުގައި ހެދައި އަޑުގަދަ ސިޔާސީ ޙަރަކާތްތެރިން ބޮޑު މުސާރައަށް ބެއްދުމަށް އޮތް ކުޅިފަސްގަނޑަކަށް މަޖިލިސް ހެދީ އަޅުގަނޑުމެން ދިވެހި ރައްޔިތުންނެވެ. މިނޫން ގޮތަކަށް ގައުމުގެ ހިންގުމުގެ ނިޒާމް މިވަނީ ބައްޓަން ޖެހިފައެވެ. މަޖިލީޙުގެ ރައީސް ވެރިކައިވެނީގެ ވާހަކަ ދައްކަވާ ފަށްކަނޑާ ކޮންޓްރެކްޓްގެ ވާހަކަ ދެއްކުން އެއީ ހަމަ ފުކެއް ބޮޑުވަރެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: