ކިތަންމެ ވަރަކަށް ފޮށި ބަންދުކުރިޔަސް ވައްކަންކުރާ މީހުން ވައްކަން ކުރާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާސަތުގައި އިންނަވައި މަޖިލިސް މެމްބަރުންގެ މާލީ ބަޔާން ހުށަައެޅުއްވުމާއި ގުޅޭ ގޮތުން މަޖިލީޙުގެ ގަވާއިދަާް ގެނެސްފައިވާ އިސްލާހުގެ ކޮމެޓީ ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މެމްބަރުންގެ މައުލޫމާތާއި، އަނބިދަރިންނާއި މައިންބަފައިންނާއި، ބޮޑުބޭބެއިންނާއި ޅިޔަނުންގެ މާލީ ބަޔާންވެސް މަޖިލީހަށް ހުށައެޅިދާނެ ކަމަށެވެ. އެހެންނަމަވެސް، އާންމުންނަށް ނޭނގޭ ސިއްރު ބައިވެރިއެއްގެ އެކައުންޓަށް ފައިސާ ޖަމާކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.
”ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ވީތީ މިކަން ކުރީމަ ދެން ރަނގަޅުވާނޭ! ނޫން! އެހެނެއް ނުވާނެ! އަޅުގަނޑުމެން މިކަން ކުރާނަން. ކުރުން ބޭނުންތެރިކަމެއް މިއީ. އެކަމަކު މެމްބަރުންގެ އަދި ވަޒީރުންގެ ނަޒާހާތްތެރިކަން ހިފަހައްޓާއިދޭ ބަޔަކީ ރައްޔިތުން.“
ރައީސް ނަޝީދު ވިދާޅުވީ، ކޮރަޕްޝަނަކީ ތަރައްގީއަށް އެޅޭބޮޑު ހުރަހެއް ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީއިން ގެއްލުނު ފައިސާގެ އިތުރަށް ރާއްޖޭގެ އިގްތިސާދަށް ކުރާ އިތުބާރު ގެއްލުން ބޮޑުކަންވެސް ފާހަގަކުރެއްވިއެވެ. އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ބޮޑު އަދަދެއް ހޯދުމަށް މިހާރުވެސް ދައުވާކޮށްފައިވާ ކަމަށާއި އުންމީދަކީ އެފައިސާ އަނބުރާ ދައުލަތަށް ލިބުންކަމަށް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އިދިކޮޅު މެމްބަރުން މަޖިލީހަށް އައުމަށް ގޮވާލައްވާފައެވެ. ރާއްޖޭގައި ހަގީގީ ސިޔާސީ ހަރަކާތް ހިނގަނީ މަޖިލީހުގައި ކަމަށާއި މަޝްވަރާ އާއި ބަހުސް ކުރުންވެސް މަޖިލީހުގައި ކުރިއަށްދާނެ ކަމަށެވެ.އަދި ބައެއް ފަހަރު ހޫނު ޒުވާބުވެސް ހިނގާނެ ކަމަށާއި އެއީ ރައްޔިތުންގެ ލާބައަށްޓަކައި މަސައްކަތް ކުރިޔަށް ގެންދެވޭނެ ގޮތްކަމަށް ވިދާޅުވިއެވެ.

