ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން އެ ކޭސް ބެލުން ލަސްވެފައި ނޯންނާނެ ކަމަށާއި، އަދި އެފަދަ މައްސަލައެއް ނުވެސް ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޖިންސީ ގޯނާގެ ކުށުގައި ހައްޔަރު ކުރެވޭ މީހުންނާއި މެދު ފިޔަވަޅު ނޭޅޭ މައްސަލައިގައި އާއްމުންގެ ނުރުހުން އިތުރުވަމުން އަންނައިރު ފާއިތުވީ މަހެއް ހާ ދުވަހުގެ ތެރޭގައި އަނެއްކާ ވެސް ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތަކުގައި ކުއްޖާގެ އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންވެސް ހައްޔަރުކޮށްފައިވެއެވެ.
އޭރު މަޖިލީހުގެ ކޮމިޓީތައް ވެސް ބާރު ސްޕީޑެއްގައި މަސައްކަތް ފެށިއެވެ. އަދި ކަމާއި ބެހޭ އިދާރާތަކާއި މަސްއޫލިއްޔަތުތައް ވެސް ހަވާލު ކުރިއެވެ. ނަމަވެސް ފަހުން އެކަމުގެ މާބޮޑު އަޕްޑޭޓެއް ނުލިބެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައިގައި ދައުލަތުގެ މުވައްސަސާތައް ޒިންމާދާރުވެ، މި ފަދަކަންކަމުގައި ޝާމިލުވާ މީހުންނަށް ވީހާވެސް ހަރުކަށި އަދަބު ދިނުމަށް އާއްމުންދަނީ ގޮވާލަމުންނެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގު“ އިން މި މައްސަލައިގައި ސުވަލު ކުރުމުން ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގެ މަސައްކަތްތައް މިހާރު ބައްޓަން ކުރެވިފައި ހުރި ގޮތުން، ލަސްވެފައި އޮތް މައްސަލައެއް ނޯންނާނެ ކަމަށެވެ. އެގޮތުން މިހާރުގެ ތެރޭގައި ހުށަހެޅުނު މައްސަލަތަކުގެ އެވްރެޖު، ޕީޖީ އޮފީހަށް ހުށަހެޅޭ ދުވަހުން ފެށިގެން މައްސަލަ ބޭނުންވާ ލިޔެކިޔުންތަކާއި އެކު ކޯޓަށް ހުށަހެޅުމާއި ދެމެދު ވާނީ ތިން ދުވަސް ބައި ކަމަށެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ހިސާބެއް އެއްކޮށްގެން ވެސް އެވްރެޖުގޮތެއްގައި ވަނީ އަށް ދުވަސް ކަމަށެވެ. އެހެން ކަމުން ދައުވާ ކުރުމަށް ހެކި ހުރެ، ކޯޓާއި ހަމައަށް މައްސަލައެއް ނުގޮސް ނޯންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
މިވަގުތު މަސައްކަތް ކުރިޔަށް ގެންދާ ގޮތަކީ 2013 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ނިޒާމުން މައްސަލަ ތަހުގީގު ކުރަމުންދާ ވަރަކުން އެކަމުގެ މައުލޫމާތުތައް ހިއްސާ ކުރަމުން ގޮސް މައްސަލަ ނަގާއިރު، މައްސަލަ ބަލައިގަންނާނީ ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާކަމަށް ގަބޫލު ކުރެވޭކަމަށް ވާނަމަ ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ޕީޖީގައި މައްސަލައެއް ލަސްވެފައި ނޯންނާނެ ކަމަށާއި، އަދި އެފަދަ މައްސަލައެއް ނުވެސް ނެތް ކަމަށެވެ.
”ދެން އަޅުގަނޑުމެން މި ބަލަނީ އަބަދުވެސް، މައްސަލަ ލިބޭ ދުވަހުން ފެށިގެން ކޯޓަށް ހުށަހެޅުމާއި ދެމެދު ވީހާވެސް އަވަސް ކުރެވޭތޯ. މިހާރުގެ އެވްރެޖްއަކީ 3.5، އަޅުގަނޑު މި ބަލަނީ އެއަށްވުރެ ވެސް އަދި އަވަސް ކުރެވޭނެ ގޮތެއް ވާނެ ތޯ.“ ޝަމީމް
މި އަހަރުގެ ކުރީކޮޅު 2 އަހަރު ނުފުރޭ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައިގައި އާއިލާގެ ޒިންމާދާރު މަގާމެއްގައި ތިބި ބަޔަކު ހައްޔަރުކޮށްފައިވާއިރު މައްސަލަ ކުރިޔަށް ނުދާ ކަމާއި، އަދި އޭރު އެ ކޭސްއާއި ގުޅިގެން މަޖިލީހުގެ ކޮމިޓީތަކުންނާއި ކޯޓުތަކުގައި ތާށިވެފައި ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ބަލާ ނިންމުމަށް އެންގިނަމަވެސް އެކަމުގެ އަޕްޑޭޓެއް ފަހުން ލިބިފައި ނުވުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ އެ ކޭސްގައި ޖެނުއަރީ މަހު އެ މައްސަލަ ހުށަހެޅުމާއި ގުޅިގެން، އޭގެ ތެރެއިން އައި ކަންތައްތަކުގެ ތެރޭގައި ފުލުހުންގެ 50 އަށް ވުރެ ގިނަ މައްސަލަ މަޝްވަރާ ކުރުމަށް ގެނައި ކަމަށެވެ. އަދި އޭގެ ތެރެއިން މައްސަލަތައް ކޯޓަށް ވެސް ހުށަހެޅުނުކަމަށް ޝަމީމް ވިދާޅުވިއެވެ.
ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި ތުއްތު ކުއްޖާގެ ކާފައާއި، އަދި މުނިކާފަ ތިބީ ބަންދުގައި ކަމަށާއި އެ މީހުންގެ ޝަރީއަތްތައް ކުރިޔަކަށް ނުދާކަމަށް ޝަމީމް ވިދުވިއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އަދި، ރައްޔިތުންގެ މަޖިލީހާއި އެކި މުވައްސަސާތަކާއި ޒިންމާތައް ހަވާލުކުރިއިރު އޭގެ ތެރޭގައި ހިމެނޭ ކޯޓުތަކުގައި ހުރި މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށް މަޑުޖެހުމެއް އައި ކޮވިޑުގެ ސަބަބުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ކޮވިޑުގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ކުރިޔަށް މައްސަލަތައް ކުރިޔަށް ގޮސްފައިވާނެކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ.
”ދެން އަޅުގަނޑުމެން މި ޖެހެނީ، ނިންމާލި ހިސާބުން އަލުން ފަށަން. ދެން ނިންމާލި ހިސާބުން މި ހުށަހަޅާ ގޮތަކީ މިހާރު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދެވޭނެ ޝަރީއަތްތައް އެބަހުއްޓޭ… އެހެން ވީމާ އެގޮތަށް ހުރި ޝަރީއަތްތައް ވީހާވެސް އަވަހަކަށް، މިހާރު ގާނޫނު ވެސް ފާސްކޮށް ދެއްވައިފި. އެހެންވީމަ އެ މަސައްކަތް ވީހާވެސް ބާރަކަށް ކުރިޔަށް ގެންދަން. އަޅުގަނޑު ގަބޫލު ކުރަނީ ކޮވިޑުގެ ކަންތަކަށްފަހު މި އަންނަ ދުވަސްތަކުގައި އަޅުގަނޑުމެން ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ހަމަ އަޅުގަނޑުމެން އެންމެން އެއްކޮށް މަސައްކަތް ކޮށްފިއްޔާ ވަރަށް ރަނގަޅު ހެޔޮ ބަދަލެއް ގެނެވިދާނެޔޭ. އެ މަސައްކަތް، އެ މަގަށް ބައްޓަން ކުރަން މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަން ޖެހެނީ“ ޝަމީމް
މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލައެއް އެއްވެސް ތަހުގީގީ އިދާރާއަކަށް ހުށަހެޅި އަދި ޝަރުއީ މަރުހަލާގައި ވެސް އެފަދަ މައްސަލަތައް ނުބެލި ދިގުލައިގެން ދާނަމަ ނުވަތަ ކަމާއި ބެހޭ ދައުލަތުގެ އިދާރާތަކަށް ޖިނާއީ މައްސަލައެއް ހުށަހެޅި އެކަން ނުބަލާނަމަ އެ އިދާރާއަށް މައްސަލަ ބެލުމަށް އަމުރު ކުރުމުގެ ބާރު ޕީޖީއަށް ލިބިގެންވާ ކަމަށެވެ.
ގާނޫނުގައި އެކަން ކުރެވޭނެ ގޮތް ބަޔާންކޮށްފައިވާ ކަމަށާއި، ބާރުގެ ބޭނުން ކުރަންޖެއްހިއްޖެ ނަމަ ބާރުގެ ބޭނުން ކުރާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
މި އަހަރުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ވަރަށް ބޮޑުވެފައެވެ. އަހަރުގެ ކުރީކޮޅު ކަނޑުހުޅުދޫގައި 2 އަހަރު ނުވާ ކުއްޖެއް ރޭޕް ކުރި މައްސަލައާއި އެކު އެތައް ޒުވާނުންނެއް ވަނީ މިފަދަ މައްސަލަތަކާއި ދެކޮޅަށް ތެދުވެ އަޑު އުފުލާފައެވެ. އަދި މިފަދަ މައްސަލަތައް ނުބަލާ ދޫކޮށް ނުލުމާއި ނުފޫޒެއް ނެތި ތަހުގީގުތައް ކުރިޔަށް ގެންދިއުމަށް ވެސް ހަރަކާތްތަކުގައި އާއި ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.

