ބޯޑަރުތައް ހުޅުވާލާއިރު، ރާއްޖެއަކީ އެންމެ ރައްކާތެރިކޮށް ބޯޑަރު ހުޅުވާލާ ގައުމުތަކުގެ ތެރޭގައި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ދިވެހިރާއްޖެ ފާހަގަކުރާކަމަށް ޓުއަރިޒްމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ޔޫރޮޕިއަން ޔުނިއަންއިން އާންމު ކޮށްފައިވާ ރައްކާތެރިކަމުގެ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިފައި ނުވާތީ އެކަމާއި ގުޅިގެން ޓުއަރިޒްމް މިނިސްޓްރިއާއި ފޮރިން މިނިސްޓްރީ ސަލާމަތީ އަދި ޚާރިޖީގުޅުންތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކރެއްވުމުން، މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކޮވިޑް-19ގެ ހާލަތާއި ފުރަތަމަ ކުރިމަތިލައި ބޯޑަރުތައް ބަންދުކުރި ހިސާބަށް ދިޔައިރު، މިއަހަރުގެ ތެރޭ ބޯޑަރުތައް ހުޅުވާލެވޭނެކަމަށް އުންމީދުވެސް ނުކުރައްވާ ކަމަށެވެ.
އެހެންނަމަވެސް، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ރާއްޖޭގެ ހާލަތު ރަނގަޅުވިކަަށާއި އެއާއެކު ވަރަށް ގިނަ ބަޔަކު ބޯޑަރުތައް ހުޅުވާލާނެ ދުވަހެއް އިއުލާންކުރުމަށް އެދެމުންދިޔަ ކަމަށެވެ. އަދި ބޯޑަރު ހުޅުވާލާނެ ދުވަހެއް އިއުލާން ކުރުމުގައި ރައީސުލްކުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިއްހީ މާހިރުންގެ އިރުޝާދު ހޯއްދަވާފައިކަން ފާހަގަކުރެއްވިއެވެ. އަދި ބޯޑަރު ހުޅުވާލާނެ ދުވަހެއް އިއުލާންކުރުން މިދިޔަ މަހުގެ 23 ވަނަ ދުވަހާއި ހަމައަށް ލަސްކުރީ ލޮކްޑައުންއަށް ދެވުނު ލުއިތަކާއެކު ދެވަނަ ސާޖްއެއް އަަތުވެދާނެ ކަމަށް ބަލައި ކޮންމެހެން ކަށަވަރު ކުރަންޖެހޭ ކަންކަން ހުރުމުން ކަމަށެވެ.
ބޯޑަރު ހުޅުވާލައިރު، ފަތުރުވެރިކަމުގެ ދާއިރާގެ ތަންތަނާއި މީހުންނަށް ޚާއްސަ ގައިޑްލައިންއެއް ކަނޑައަޅާފައިވާ ކަމަށާއި އެގައިޑްލައިންއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ޖަމިއްޔާގެ ގައިޑްލައިންތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ގައިޑްލައިންއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”ފަތުރުވެރިން ގެނައުމަށް ކުރަންޖެހޭ މަސައްކަތް އެމްއެމްޕީއާރުސީއާ ގުޅިގެން ކުރަމުން މިދަނީ. އަދި ފޮރިން މިނިސްޓްރީއާ ޑިޕްލޮމެޓިކް މިޝަންތާކާ ބައްދަލުކޮށް ރާއްޖެ ހުޅުވާލުމުގެ ތަފްސީލް ގައުމުތަކާ ހިއްސާކުރަމުން މިއަންނަނީ.“
އެގޮތުން ދާދި ފަހުން އިނގިރޭސި ވިލާތުގެ ކަމާގުޅުންހުރި ބޭފުޅުންނާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި ބޯޑަރުތައް ހުޅުވާލުމާއި ފަތުރުވެރިން ގެނައުމުގައި ރާއްޖެއިން އަމަލުކުރާނެ އުސޫލުތައް ހިއްސާކޮށްފައިވާ ކަމަށެވެ. މީގެ އިތުރަށް މެއި މަހުގެ 31 ވަނަ ދުވަހު އިންޓަނޭޝަނަލް އެއާލައިންތަކާއެކުވެސް ބައްދަލުވުމެއް ބާއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރަށް ފަތުރުވެރިންގެ މައި ޖަމިއްޔާއާއެކު ބައްދަލުވުމުގައިވެސް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ފާހަގަކޮށްފައިވާ ކަމަށާއި އެންމެ ފުރަތަމަ ރައްކާތެރި ފިޔަވަޅުތަކާއެކު ބޯޑަރު ހުޅުވާލާ އެއް ގައުމަކީ ރާއްޖެކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ރިޒޯޓްތަކާއި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ތަންތަން ހުޅުވާލާއިރު ފަސޭހަ އަދި ރައްކާތެރިގޮތްތައް ބަލައި އެކަންކަމަށް އިސްކަންދޭ ކަމަށް ވިދާޅުވިއެވެ.
ބޯޑަރުތައް ހުޅުވާލާއިރު، އެކަމަމަށް ތާއްޔާރުވުމުގެ ގޮތުން މިމަހުގެ 8 ވަނަ ދުވަހު ޑްރިލްއެއް އެއާޕޯޓުގައި ބާއްވާނެކަމަށާއި ބޯޑަރުތައް ހުޅުވާލުމަސްފަހު ރެންޑަމް ސާމްޕްލިންގ ނެގުންވެސް އެއާޕޯޓުގައި ކުރިއަށްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

