ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ ޓްވީޓަކީ އެމަނިކުފާނު ކުރެއްވި ޓްވީޓެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ފުރަބަންދުގެ ލުއިތަކާއި އެކު މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭ ގޮތަށް އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.
ސޯޝަލް މީޑިއާގައި އެޑިޓްކޮށް ދައުރު ކުރަމުންދާ އެ ސްކްރީންޝޮޓަކީ ކޮންމެ ނަމާދެއް ވެސް 07 މިނިޓަށް ވުރެ ދިގު ނުކުރުމަށް އަންގާފައިވާކަމަށް ބުނެ ނުރުހުން ފާޅުކުރަމުންދަނިކޮށް އެކަމާއި ގުޅުވާފައިވާ ޓްވީޓެކެވެ. އޭގައި ބުނެފައިވަނީ ”ބައެއް ނަމާދުތަކުގެ ރަކުއަތްތައް މަދުކޮށްލުން ވެސް ސަރުކާރުން ގަވައިދެއްގެ ތެރެއިން ކުރެވިދާނެ“ މިހެންނެވެ.
https://twitter.com/MohamedNasheed/status/1278602535717093377
މި ފޮޓީ އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާއިރު ގިނަ ބަޔަކު ވަނީ އެއީ އެޑިޓްކޮށްފައިވާ ފޭކެއްކަން ވެސް ފާހަގަކޮށްފައެވެ. ނަމަވެސް އަދިވެސް އެ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ރައީސް ނަޝީދަކީ ދީނަށް ދުރައްސާރަ ކުރައްވާ ބޭފުޅެއްކަމަށް ބުނެ ފާޑުކިޔުންތައް ވެސް ދަނީ އަމާޒު ކުރަމުންނެވެ.
ދައުރުވަމުންދާ އެ ފޮޓޯ، ޓްވީޓު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިއީ އެ މަނިކުފާނު ކުރައްވާފައިވާ ޓްވީޓެއް ނޫން ކަމަށާއި، މައްސަލަ ބެލުމަށް ކަމާއި ބެހޭ އިދާރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.

