ބ. ތުޅާދު އާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމަށް ނަގާފައިވާ، ރަށުގައި ދިވެހިންތަކެއް ރަހީނުކުރި، ބިދޭސީން އަމާންދީ މަޝްވަރާއަށް ތައްޔާރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފާއިތުވީ ހަތަރު މަސް ދުވަހުގެ މުސާރަ ދީފައި ނުވާތީ، ބޮޑު ފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ވަނީ މުޒާހަރާކޮށް އިހުތިޖާޖުތަކެކޮށްފައެވެ. އަދި އެ މީހުން ޑިމާންޑަކީ މުސާރައާއި މެދު ވަކި ގޮތެއް ހަމަޖެއްސުން ކަމަށްވާއިރު އެ ހަމަނުޖެހުން އެންމެ ފުރަތަމަ ވެސް ބިދޭސީން ފަށާފައިވަނީ ރަށުގައި ތިބި ދިވެހި މަސައްކަތްތެރީން ރަހީނުކޮށްގެންނެވެ.
ބިދޭސީންގެ އަތް ދަށުގައި 15 ދިވެއްސަކު ތިބިއިރު، ރަށުގައި ތިބީ 200 ބިދޭސީންކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެނގިފައިވާ ގޮތުން ދިވެހިން ރަހީނުކޮށް ހިންގި އެ ހަމަނުޖެހުންތަކުގައި ރަށުގައި ތިބި ހުރިހާ ބިދޭސީން ބައިވެރިވެފައި ނުވެއެވެ.
އެތައް ގަޑިއިރެއްގެ މަސައްކަތްތަކަށްފަހު އެންމެ ފަހުން، މާލެއިން އެސްއޯ ފުލުހުންގެ ޓީމެއް ރަށަށް ދާން ޖެހުނުއިރު، މީގެ ކުރިން ބ އަތޮޅުގެ ޑިވިޒަން ފުލުހުން ރަށަށް އަރަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވަނީ ފުލުހުންނަށް އަމާޒުކޮށް ގާތަކައި، ދަގަނޑު ނަޓުތައް، އަދި ތޫނުކޮށްފައި ހުރި ދަގަނޑުތައް ދޯންޏަށް އަމާޒުކޮށް އުކަން ފެށުމުންނެވެ.
އެއްވެސް ގެއްލުމެއް ނުލިބި، ރަހީނު ކުރި ދިވެހިންތައް މިހާރު ސަލާމަތްކޮށްފައިވާއިރު ފުލުހުންނަށް އެ ރަށަށް އެރުނީ ބިދޭސީން އަމާން ދިނުމުންނެވެ. ރޭގެ ދަންވަރު ބަނދަރުމަތީ އެ މީހުން ހަތިޔާރާއި އެކު ފޯރި މަރަމުންދިޔަ ނަމަވެސް ފަތިހު ފުލުހުން ރަށާއި ގާތް ކުރިއިރު އެއްވެސް ބިދޭސީއެއް ބަނދަރުމަތީ ނެތެވެ.
މައްސަލައިގައި ފުލުހުން ބުނެފައިވަނީ، ދިމާވި ކަންތައް ހައްލު ކުރުމަށް ބަންގްލަދޭޝްގެ އެމްބަސީ ޓީމެއް ވެސް ފުލުހުންނާއި އެކު ރަށަށް ދިޔަ ކަމަށެވެ. އަދި ޓްރާންސްލޭޓާރ އެއްވެސް ދިޔައެވެ.
ފުލުހުން އަންނަނީ، އެ އިދާރާގެ ސީން އޮފް ކަރައިމް ޑިޕާޓްމެންޓާއި އެކު މަސައްކަތް ކުރަމުންނެވެ. އަދި އެއްވެސް މީހަކު ހަމަނުޖެހުމެއް ހިންގާފައިނުވާއިރު ރަށު ތެރޭގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

