ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 18 މީހަކު ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު 2400 އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން(އެޗްޕީއޭ) ހާމަކޮށްފިއެވެ.
މި ކަން ހާމަކޮށް އެޗްޕީއޭއިން ބުރާސްފަތި ދުވަހުގެރޭ ބުނީ ބުދަދުވަހުގެ 18:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ 18:00 އާއި ހަމައަށް ކޮވިޑް-19 އަށް އިތުރު 18 މީހަކު ޕިޮޒިޓިވްވެފައިވާކަމަށެވެ. އަދި މި މީހުންނާއެކު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު 2400 އަށް އިތުރުވެފައިވާކަމަށެވެ. މި ގޮތުން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ 07 ދިވެއްސެއްގެ އިތުރުން ބަންގްލަދޭޝްގެ 11 މީހުންކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑަށް ފަރުވާހޯދަމުންއައި ބަލިމީހުންގެތެރެއިން އިތުުރު 15 މީހަކު ރަނގަޅުވެފައިވާކަމަށެވެ. މި ގޮތުން މިހާތަނަށް ޖުމްލަ 1969 މީހަކު ރަނގަޅުވެފައިވާކަމަށާއި މިހާރު ފަރުވާދެމުން އަންނަނީ 416 މީހުންނަށްކަމަށް ވެސް އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެތެރެއިން ބުރާސްފަތިދުވަހު ހެނދުނު ވަނީ އިތުރު މީހަކު ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެއީ އިންޑޮނޭޝިއާށް ނިސްބަތްވާ ޢުމުރުން 39 އަހަރުގެ މީހެއްކަމަށާއި އޭނާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގެ DH11 ގައި ފަރުވާދެނިކޮށްކަމަށް ބުރާސްފަތިދުވަހުގެރޭ އެޗްޕީއޭއިން ވަނީ ބުނެފައެވެ. ނަމަވެސް އެޗްޕީއޭއިން ފަހުން ބުނީ، އޭނާ ނިޔާވީ ކޮވިޑަށް ޕޮޒިޓިވްވެގެންނޫންކަމަށާއި، އޭނާ ނިޔާވީ ކެންސަރަށް ފަރުވާދެމުންދަނިކޮށްކަމަށެވެ. ނަމަވެސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެތެރެއިން މިހާތަނަށް ޖުމްލަ 10 މީހަަކު ވަނީ ނިޔާވެފައެވެ. އެއީ 05 ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ 04 މީހުންނާއި ޕިލިޕީންސްގެ މީހެއްކަމަށް އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.

