ބ. ތުޅާދު އާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމަށް ނަގާފައިވާ، ރަށާއި އެކްސްޕާޓް މޮޓޯއާއި ގުޅުން އޮތް ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށް މުލީއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާވިދާޅުވެއްޖެއެވެ.
ބ، ތުޅާދޫކައިރީގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީ ކުރުމާއި ބެހޭ ގޮތުން ”ސަންގު“ އިން މައުލޫމާތު ސާފު ކުރުމުން އެނގިގެން ދިޔައީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ރަށް ނަގާފައިވަނީ ރަށް ތަރައްގީ ކުުރުމަށް ކަމަށެވެ. އަދި މި ރަށަކީ އެކްސްޕާޓް މޮޓޯ ހަންނާނު އާއި އިތުރު ބައެއްގެ ހިއްސާ އޮންނަ ރަށެއް ކަމަށެވެ.އެގޮތުން މުސްތަފާގެ ބައިވެރިވުމެއް އޮތް ކަމަށް މައުލޫމާތު ލިބިގެންދިޔައެވެ. ނަމަވެސް މުލީއާގެ ކުރީގެ ޗީފް އޮފް ސްޓާފް މުސްޔަފާ ”ސަންގު“ އަށް ގުޅުއްވާ އޭނާއި ބޮޑު ފިިނޮޅާއި އަދި އެކްސްޕާޓް މޮޓޯސްއާއި އެއްވެސް ގުޅުމެއް ނޯންނާނެކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އެގޮތުން މުސްތަފާ ވިދާޅުވީ މިލަންދޫ ދާއިރާގެ މެމްބަރު ރިޒާއަކީ އޭނާ ދަންނަ ބޭފުޅެއް ވެސް ނޫން ކަމަށާއި އަދި ދުވަހަކުވެސް ބައްދަލުވި ބޭފުޅެއް ވެސް ނޫން ކަމަށެވެ. އަދި ކޮންޓްރެކްޓް އުސޫލުން ބޮޑުފިނޮޅު ތަރައްގީ ކުރުމުގެ މަސައްކަތް ރިޒާ ކުރިއަށް ގެންދަވާކަން ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ ބޮޑުފިނޮޅާއި އޭނާއާއި ގުޅުވައިގެން ވާހަކަ ދައްކަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި އަދި ބޮޑުފިނޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ކުންފުންޏާއި އޭނާއާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ. ހަމައެހެންމެ ބޮޑުފިނޮޅު ތަރައްގީ ކުރާ ކުންފުންޏެއްގައި ވެސް އޭނާގެ ހިއްސާއެއް ވެސް ނޯންނާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ. އެހެން ކަމުން މިފަދަ ބޮޑު މައްސަލައެއްގައި ސާބިތުނުހިފޭ ވާހަކަ ނުފެތުރުމަށް މުސްތަފާ އެދިވަޑައިގެންނެވިއެވެ.
މުސްތަފާގެ ހިއްސާއެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ބޮޑުފިނޮޅުގައި ނޯންނާނެ ކަމަށް މުސްތަފާ ވިދާޅުވުމުން އެކަން އިތުރަށް ކަށަވަރު ކުރުމަށް ސަންގުން ކުރި މަސައްކަތުގެ ދަށުން ސާފުވީ ބ. ތުޅާދޫ ކައިރީ އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަނީ އެކްސްޕާޓް މޮޓޯސްގެ މެނޭޖިންގ ޑައިރެކްޓަރ ހަންނާންއާއި އަދި އެކްސްޕާޓް މޮޓޯސްގެ ޑިރެކްޓަރ ހަމީދު ކަމަށެވެ. އަދި ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މެމްބަރު ރިޒާގެ ކުންފުންޏާއި ހަވާލު ކުރީ ހަންނާންއާއި ހަމީދު ނިސްބަތްވާ ސީލް މޯލްޑިވްސްއިންކަން ވެސް ”ސަންގު“ އަށް ވަނީ ކަށަވަރުވެފައެވެ. އަދި އެކަން ރިޒާގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ޔަގީންކޮށްދެއްވާފައެވެ.
ރިސޯޓެއްގެ ގޮތުގައި ބ.ތުޅާދޫ. ކައިރި އޮންނަ ބޮޑުފިނޮޅު ކޮންޓްރެކްޓް އުސޫލުން ރިޒާ ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާއިރު ރިސޯޓު ތަރައްގީ ކުރާ މުވައްޒަފުންނަށް މުސާރަނުދޭ މައްސަލަބޮޑުވެ ބިދޭސީންގެ ތެރެއިންބަޔަކުވަނީ އެރިސޯޓުގައި ަމސައްކަތްކުރާ ދިވެހިންތަކެއް ރަހީނުކޮށްފައެވެ.ނަމަވެސް ފުލުހުން އެރަށަށްއަރާ ވަނީ ރަހީނުކޮށްފައިވާދިވެހިން ސަލާމަތްކޮށްފައެވެ. ފުލުހުން މަޢުލޫމާތުދޭގޮތުގައި ބިދޭސީން ރަހީނުކޮށްފައިވަނީ 12 ދިވެހިންކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި ބޮޑުފިނޮޅުގައި ފުލުހުންގެ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމަވާފައެވެ.

