ދިވެހިރާއްޖޭގައި ބިދޭސީންލައްވާ މުސާރަ ނުދީ މަސައްކަތް ކުރުވުމަކީ ބައިނައްލަޣުވީ ގޮތުން ދިވެހި ދައުލަތުން ޒިންމާ ނަގަން ޖެހޭނެ މައްސަލައެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދިﷲ ދީދީ ވިދާޅުވެއްޖެއެވެ.
ބ، ތުޅާދޫ ކައިރީ އޮންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައިގައި އެ ރަށުގައި މަސައްކަތް ކުރަމުން ދިޔަ ދިވެހިން ރަހީނުކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ ދީދީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރާއްޖޭގައި ބިދޭސީ ލޭބަރުންތަކަކަށް މުސާރަ ނުދީ މަސައްކަތް ކުރުވުމަކީ ދިވެހި ދައުލަތުން އިންޓަނޭޝަނަލް ރެނސްޕޮންސިބިލިޓީ އުފަލަން ޖެހޭނެ ކަމެއް ކަމަށެވެ.
ޑރ ދީދީ ވިދާޅުވީ ބިދޭސީ ލޭބަރުން ލައްވާ މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ދިވެހި ދައުލަތުން ބައިނައްލަޣުވާމީ ދުނިޔޭގައި ޒިންމާ އުފުލަން ޖެހުނު ނަމަވެސް އެއީ މުޒާހަރާ ކުރުމަށް މީހުން ރަހީނު ކުރަން އޮތް ޖުއްޖަތެއް ނޫން ކަމަށެވެ.
ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސް ކުންފުނީގެ ފަރާތުން ތަރައްގީ ކުރަމުންދާ ރިސޯޓެކެވެ. އެ ރިސޯޓްގެ މަސައްކަތް ކުރަމުން ދަނީ ރިޒް ޕްރައިވެޓް ލިމިޑެޓުންނެވެ. އަދި މަސައްކަތް ކުރާ200 އަށް ވުރެ ގިނަ ބިދޭސީންނަށް މުސާރަ ނުދީވާ މައްސަލައިގައި ބިދޭސީ މަސައްކަތްތެރިން ވަނީ އެ ރަށުގައި މަސައްކަތް ކުރަމުން ދިޔަ12 ދިވެއްސަކު ރަހީނުކޮށްފައެވެ. އަދި ބިދޭސީން ރަހީނުކުރި ދިވެހިން ސަލާމަތް ކޮށްފައި ވަނީ ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންގެ ދަށުން މިއަދު ފަތިހުގެ ވަގުތެއްގައެވެ.

