ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފެލްޓުތައް ހަވާލު ކުރުން: އިއުލާނުކޮށް ނިމޭނީ ސެޕްޓެމްބަރު މަހު، ވަދެވޭވަރު ވާނީ އަށް މަސް ފަހުން!

ހިޔާ ފްލެޓުތައް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ޓްރިޕްގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތައް ވެރިފައިކޮށް ސެޕްޓެމްބަރުގެ ކުރިން ނަންތައް އިއުލާނު ކުރެވޭނެ ކަމަށާއި ފްލެޓަށް ވަދެވޭވަރު ވާނީ އަދި އަށް މަސް ދުވަސް ފަހުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓުތަކުގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށް މިހާރު ނިމިފައި ހުރި ފްލެޓުތަކަށް ވަދެވޭވަރު ވާނީ އަދި އަށް މަސް ދުވަސް ފަހުން ކަމަށެވެ. ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމަން ވަގުތުނަގާނެކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގާއިމްކުރި އެ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކޮންޓްރެކްޓުގައި ހިމަނާފައި ނުވަތަ އެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހިމަނާފައި ވެސް ނެތް ކަމަށެވެ.

ހިއްކައިގެން މަސައްކަތް ފެށި އެ ސަރަހައްދަށް ކަރަންޓާއި ފެނުގެ ހިދުމަތް ގުޅުމަށް ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެ، އަސްލަމް ވަނީ އިމާރާތްތަކުގައި އިންޓީރިއާ އާއި އެޕާޓްމެންޓުތަކުގައި ޓައިލްސް އަދި ލައިޓު ވެސް ހަރު ކުރުމަށް ކޮންޓްރެކްޓު އެއްބަސްވުމުގައި ހިމަނާފައި ނެތްކަން ފާހަގަ ކުރައްވާފައެވެ. 

”ނުނިމި ހުރި މަސައްކަތުގެ ތެރޭގައި އެންމެ ބޮޑު މަސައްކަތަކީ ފްލެޓްތަކުގެ ތަޅުން އެޅުން، ކަރަންޓް މީޓަރު ހަރުކުރުމާއި ފެން މީޓަރު ހަރުކުރުން އަދި އެއީ އެއްބަސްވުމުގެ ދަށުން ނިންމަން ޖެހޭ ކަންކަން. އެ މަސައްކަތް ނިންމުމަށް އެޗްޑީސީ އަށް ކޮންޓްރެކްޓާ އަންގަނީ މި މަސައްކަތް ނިންމަން އަށް މަސް ދުވަސް ނަގާނެ ކަމަށް“ އަސްލަމް

މި ހުރިހާ މަސައްކަތްތަކެއް ނިންމާ ފްލެޓުތައް ހަވާލުކުރުމަށް ބޮޑު މުއްދަތެއް ބޭނުންވާނެ ކަމަށާއި، ހުރިހާ މަސައްކަތްތަކެއް ނިމި ފްލެޓުތަކުގެ ހައްގުވެރިންނަށް އެޕާޓްމެންޓަށް ވަދެވޭވަރު ވާނީ އަންނަ އަހަރު ކަމަށް އަސްލަމް ވަނީ ވިދާޅުވެވައެވެ.

ފްލެޓުތަކުގެ އެއްބަސްވުމުގައި ވާގޮތުން މަސައްކަތް ދެ އަހަރު ދުވަސްތެރޭގައި ނިންމަން ޖެހެއެވެ. ނަމަވެސް މުއްދަތު ހަމަވެ، އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް ފެލްޓުތަކުގެ އެންމެ މުހިންމު މަސައްކަތްތައް ނިމިފައިނުވާކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ފެންމީޓަރު ހަރުކުރުމާއި މިފަދަ ހުރިހާ މަސައްކަތްތަކެއް ނިންމަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދީފައިވާ މުއްދަތަކީ އަށް މަސް ދުވަސް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

އަސްލަމް ވިދާޅުވި ގޮތުގައި، ފްލެޓުތަކުގެ ތެރެއިން 6،720 ފެލެޓު ވެރިފައިކޮށް، އަންނަ މަހުން ފެށިގެން ކެޓަގަރީތައް އިއުލާނު ކުރަމުން ދާނެއެވެ. އެހެން ނަމަވެސް މި ހުރިހާ ފްލެޓެއް ވެރިފައިކޮށް، ފެލްޓުތައް ލިބޭ ފަރާތްތައް އިއުލާނުކޮށް އެއްކޮށް ނިމޭނީ ދެ މަސް ދުވަހުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ. ސެޕްޓެމްބަރު މަހުގެ ހިސާބުގައި އިއުލާނުކޮށް ނިމޭނެ ކަމަށް އަސްލަމް ވިދާޅުވީއިރު، ފްލެޓުތަކަށް 25،240 ފޯމެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން މިހާރު ވެރިފައި ނުކުރެވި ވަނީ ގާތްގަނޑަކަށް 4،000 އެއްހާ ފޯމެވެ. އަސްލަމް ވިދާޅުވީ 21،000 އެއްހާ ފޯމު ވެރިފައިކޮށް ނިމިފައިވާ ކަމަށެވެ.

”ސެޕްޓެމްބަރުގެ ނިޔަލަށް އެއްކޮށް ފްލެޓް ލިބޭ މީހުން އިއުލާން ކުރެވޭނެ ކަމަށް އެ ކޮމިޓީން އަޅުގަނޑަށް އަންގާފައި ވަނީ“ އަސްލަމް

މީގެ އިތުރުން އަސްލަމް ވިދާޅުވީ، ފްލެޓުތައް ލިބޭ ފަރާތްތައް އިއުލާނު ކުރުމުގެ ކުރިން ފޯމު ހުށަހެޅި ފަރާތްތަކުގެ ގެތަކަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބަލަން ޖެހުނު ނަމަވެސް އެ މަސައްކަތުގެ ބޮޑު ބައި ކުރިޔަށް ގެންދެވިފައި ނެތް ކަމަށެވެ. ކޮވިޑުގެ ސަބަބުން ބައެއް ގެތަކަށް ގޮސް ދިރިއުޅުމުގެ ހާލަތު ބެލުން މަޑުޖެހިފައިވާއިރު މިހާތަނަށް ދެވިފައިވަނީ 40 އިންސައްތަ މީހުންގެ ގެތަކަށެވެ.

ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަންފެށި ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ. މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެއެވެ.

ދާދިފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެ ފްލެޓުތަކަކީ ކުރީގެ ސަރުކާރުން ކުރި ބޭކާރު ބޮޑު އިސްރާފެއް ކަމަށެވެ. އަދި އެތަނަށް ވަންނަން ގިނަ ރައްޔިތުން ބޭނުމެއް ނުވާނެ ކަމަށާއި، އެއީ ދިރިއުޅެން ވެސް އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ.

ހިޔާ ފްލެޓުތަކުގެ ތެރެއިން، ފްލެޓަކަށް އޭގެ ޖެހިގެން އައި ދުވަހު ނޫސްވެރިން ވެސް ގެންދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: