މަސައްކަތުގެ މުސާރަ ދީފައިނުވާތީ، ހުޅުމާލޭގައި ބިދޭސީންތަކެއް މުޒާހަރާ ކުރަން ފަށައިފިއެވެ.
ބިދޭސީންތަކެއް ހުޅުމާލޭގެ ރެސިޑެންޓު ކައިރީ ބިދޭސީން މިވަގުތު މުޒާހަރާ ކުރަމުންދާއިރު ފުލުހުން ވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން މުޒާހަރާ ކުރަމުންދަނީ ފުލުހުންނާއި، ސިފައިންގެ ފްލެޓުތައް ހަދަމުންދާ އައިލެންޑް އެކްސްޕާޓު ކުންފުނީގެ ބިދޭސީންތަކެކެވެ. އަދި އެހެން ބިދޭސީންތަކެއް ވެސް އެ މީހުންނާއި އެކު މުޒާހަރާ ކުރަމުން އެބައާދެއެވެ.
މީގެ ކުރިން ވެސް ހުޅުމާލޭގައި ބިދޭސީންތަކެއް ވަނީ މުސާރައިގެ މައްސަލައިގައި މުޒާހަރާކޮށްފައެވެ.
https://twitter.com/Meythss_/status/1280056888265191425
ސަންގުއިން ވަނީ ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅާ، ތަނުގެ ހާލަތާއި ބެހޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އެކަން ވަނީ ސާފު ނުވެފައެވެ.
މި ހަފްތާގެ ތެރޭގައި، ބ. ބޮޑު ފިނޮޅުގައި ވެސް ބިދޭސީންތަކެއް ވަނީ ހަތް މަސް ދުވަހުގެ މުސާރަ ނުދީގެން މުޒާހަރާކޮށްފައެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ބިދޭސީން ވަނީ ދިވެހިންތަކެއް ރަހީނުކޮށް، މަޝްރަހު ހަމައަކަށް އެޅުވުމަށް ރަށަށް އަރަން އުޅުނު ފުލުހުންނަށް ވެސް ހަމަލާ ދީފައެވެ.

