ގާޒީ ކަމުގައި ހުންނަވައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމުން ކެމްޕެއިންކޮށް ވޯޓު ހޯދުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުގައި ހުރި މީހެއްގެ އާއިލާއިން ވޯޓު ދޭ ގޮތަކުން އޭނާ މިނިވަންކޮށްދޭނެ ކަމަށް ހަސަން ނަޖީބު ބުނެފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމީޝަނުން ބުނެފިއެވެ.
މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުވާފައިވަނިކޮށް، ނަޖީބު ވަނީ ކްރިމިނަލް ކޯޓުގެ ގާޒީކަމުން އިސްތިއުފާ ދެއްވާފައެވެ. ނަޖީބު ވަކިކުރުމުގެ ކުރިން މިދިޔަ އޭޕްރީލް މަހު ޖޭއެސްސީން ވަނީ އޭނާ ތިން މަހަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ. އޭނާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރު އެވެ.
ކޮމިޝަންގެ ބައްދަލުވުމަށްފަހު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނީ އެއްވެސް ތަފާތު ކުރުމެއް ނެތި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި ނުވަތަ ސިޔާސީ ވަކި ފިކުރަކަށް ތާއީދު ކުރާކަމަށް ބުނެ ކޮމިޝަނަށް މިދިޔަ އަހަރުން ފެށިގެން ހުށަހަޅާފައި ހުރި މައްސަލަތައް ނިންމުމުގައި އަދި ފަނޑިޔާރު މަގާމުން ވަކި ކުރަންޖެހުނަސް ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ފިކުރަކަށް ބެލުމެއް ނެތި މައްސަލަތައް ނިންމާފައިވާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޖޭއެސްސީން ބުނެފައިވަނީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެން މިހާތަނަށް 14 މައްސަލައެއް ބަލާ، ތަހުގީގު ނިމުމަށްފަހު ސިޔާސީ ހަރަކާތުގައި ބައިވެރިވީ މީހުންގެ ތެރެއިން 02 ފަނޑިޔާރަކު އިސްތިއުފާ ދީފައިވާ ކަމަށެވެ. އަދި ފަނޑިޔާރުކަމުގެ މަގާމުގައި ހުރެ ސިޔާސީ ހަރަކާތެއްގައި ފަނޑިޔާރަކު ބައިވެރިވުމަކީ އިސްތިއސްނާއެއް ނެތި ފަނޑިޔާރުން ގާނޫނުން މަނާކުރެވިފައިވާ ކަމެއްގެ ގޮތުގައި ޖޭއެސްސީން ވަނީ ބުނެފައެވެ.
މައްސަލަތައް ބަލަމުން ދަނީ ގާނޫނުތަކާއި ގަވައިދުތަކުން ކޮމިޝަނުން އެފަދަ މައްސަލައެއް ބެލުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިންކަން ފާހަގަކޮށް ޖޭއެސްސީން ބުނެފައިވަނީ ހަސަން ނަޖީބާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލަތައް ބެލުމަށްފަހު ފިޔަވަޅެއްގެ ގޮތުގައި ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ޖުލައި މަހުގެ 01 ވަނަ ދުވަހު ކޮމިޝަނުން ނިންމާފައި ވަނީ ކޮމިޝަންގެ ގާނޫޏުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށް އެ ފަނޑިޔާރަށް ލިބިދޭންޖެހޭ ކަމަށް ގާނޫނަކުން ކަނޑައަޅާފައިވާ އެންމެހާ ހައްގުތައް ފުރިހަމައަށް ދިނުމަށްފަހު ކަމަށެވެ.
ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވާ ގޮތުން 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. ކައުންސިލަށް އެމްޑީޕީން ކުރިމަތިލާފައިވާ ކެނޑީޑޭޓެއް ގާތު އޭނާގެ ނަން އަނބުރާ ގެންދިއުމަށާއި އެ އިންތިހާބުގައި ޕީޕީއެމްއިން ކުރިމަތިލާފައިވާ ކެނޑިޑޭޓަށް ތާއީދު ކުރުމަށް ނަޖީބު ވަނީ ބުނެފައެވެ. އަދި ނަން އަނބުރާ ގެންދިއުމަށް ބުނި ކެނޑިޑޭޓުގެ ކެނޑީޑެސީ ބާތިލު ކުރުމަށް ނަޖީބު ގާޒީ ކަމުގައި ހުންނަވައިގެން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ޖޭއެސްސީން ބުނެފައިވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމްއިން ވާދަކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ތާއީދު ހޯދުމުގެ ގޮތުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ގަޒީ ހަސަން ނަޖީބު އެހެން ފަނޑިޔަރުންތަކަކާއި އެކު ގއ. ވިލިނގިލި އެސްޓީއޯ މުވައްޒަފުންތަކަކާއި އެކު ބައްދަލުވުމެއް ބާއްވައި ޕީޕީއެމްގެ ކެނޑީޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަ ދައްކާވައިވާ މައްސަލައެއް ވެސް އެ ކޮމިޝަނަށް ހުށަހެޅުނު ކަމަށެވެ.
ވިލިނގިލީ ކޯޓުން އެއްވެސް ފަރާތަކުން ގއ. ވިލިނގިލީ ކޯޓުގެ އަމުރަކަށް އެދި ހުށަހަޅާފައިނުވަނީސް އޭނާގެ އަމިއްލަ އިސްނެގުމަކަށް ކޯޓު އަމުރުތަކެއް ވެސް ނެރުނު ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. މީގެ އިތުރުން ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު، ރައީސް ޔާމީނަށް ތާއީދުކޮށް ވޯޓު ދޭން އެއްބަސްވާނަމަ އެ މީހަކު ބަންދުން ދޫކޮށްދޭން ވެސް ނަޖީބު ބުނެފައިވާ ކަމަށެވެ. އެއާއި އެކު ނަޖީބާއި އެއްބަނޑު މީހެއްގެ ދަރިއެއްގެ މައްސަލައެއް ބެލިއިރު ޝަރީއަތަށް ފާހަގަކުރެވުނު ކަންތަކަށް އެއްވެސް ބެލުމެއް ނެތި ހުކުމްކޮށްފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އެންމެ ފަހު ނުކުތާއެއްގެ ގޮތުގައި ޖޭއެސްސީން ބުނެފައިވަނީ ކޮމިޝަނުން ބެލި އިތުރު މައްސަލައަކާއި ގުޅިގެން 15 އޭޕްރިލް 2020 އިން ފެށިގެން މަގާމުން ވަކިވުމާއި ހަމައަށް ވެސް ނަޖީބު ޖޭއެސްސީން ބެލި މައްސަލައަކާއި ގުޅިގެން އެޅި އިސްލާހީ ފިޔަވަޅެއްގެ ދަށުން މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން 03 މަސް ދުވަހަށް ސަސްޕެންޑު ކުރެވުނު ކަމަށެވެ. އަދި އެ މައްސަލައަކީ ނަޖީބި ކޮމިޝަނަށް ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި އޭނާއަކީ ”ބެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް“ ގެ ހިއްސާދާރެއްކަން ހާމަނުކޮށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައް ތަހުގީގުކޮށް ދިނުމަށް ޖިނާއި މައްސަލަތައް ބަލައިދިނުމަށް އެދި 16 އޭޕްރިލްގައި ފުލުހަށް ހުށަހަޅާފައިވާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

