ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން، މިހާތަނަށް ޖުމްލަ 12 ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ، މި ހުސްވި ޖޫންމަހުގެ 23 ވަނަ ދުވަހުގައެވެ. މި ގޮތުން އިލެކްޝަން ކޮމިޝަނުން ހުޅުވައިލި ފުރުސަތުގައި، މިހާތަނަށް ޖުމްލަ 12 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. މި ގޮތުން ނަން އަނބުރާ ގެންގޮސްފައިވާ ކެންޑިޑޭޓުންގެތެރޭގައި، އަމިއްލަގޮތުން ކުރިމަތިލާފައިވާ 6 ކެންޑިޑޭޓުންނާއި، އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލާފައިވާ 5 ކެންޑިޑޭޓުންގެ އިތުރުން، ޕީޕީއެމްގެ ކެންޑިޑޭޓަކު ހިމެނޭކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
މި ގޮތުން އަމިއްލަގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން މިހާތަނަށް ނަން އަނބުރާ ގެންގޮަސްފައިވަނީ، ތ.ވަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކުރެވިފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ތ.ވަންދޫ ދަނބުގޭ އާމިނަތު ޝިފާނާއާއި، ލ.މާވަށު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ލ.މާވަށު އެންދެރިމާގޭ ޢަބްދުލްމަޖީދު މާހިރާއި، ގއ.ކޮނޑޭ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ގއ.ކޮނޑޭ ދޯދި، ފާޠިމަތު ސައިގާ ޚާލިދުގެ އިތުރުން، ބ.ހިތާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ބ.ހިތާދޫ ވައިޖެހޭގެ، ޢަމްނާ ޙުސައިން އާއި، ހއ.މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ހއ.މޮޅަދޫ ލުމިނަސް، ޒަހީނާ ޢަބްދުއްރަޝީދުކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން ނަން އަނބުރާ ގެންގޮސްފައިވަނީ، ލ.ކަލައިދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ލ.ކަލައިދޫ ހެޕީރޯޒް، މަރްޔަމް ޢާޠިރާ އާއި، ހއ.މުރައިދޫ ކައުންސިލުގެ އަންހެނުންނަށް ޚައްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ހއ.މުރައިދޫ ހިޔަލީގޭ މިޢުނާ ޙަސަން އާއި، ހއ.އުލިގަމު ކައުންސިލުގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ހއ.އުލިގަމު ނޫކޮކާގޭ، ނިޢުމާ އަބޫބަކުރާއި، އއ.ބޮޑުފުޅަދޫ ކައުންސިލު މެންބަރުކަމަށް ކުރިމަތިލާފައިވާ އއ.ބޮޑުފުޅަދޫ ދެތަނޑިމާގޭ، ޙަސަން ނާފިޢުގެ އިތުރުން، ނ.މާޅެންދޫ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލާފައިވާ، ނ.މާޅެންދޫ ރިސާދުގޭ މުޙައްމަދު ރަޝީދުކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން އިލެކްޝަން ކޮމިޝަނުން ބުނީ ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލާފައިވާ މެންބަރުންގެތެރެއިން މިހާތަނަށް ނަން އަނބުރާ ގެންގޮސްފައިވަނީ، ށ.މަރޮށީ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ، ށ.މަރޮށީ ދުންފިނިގެ، ނަސްފާ މުޙައްމަދު ސަޢީދު ކަމަށެވެ.
ހުސްވި އޭޕްރީލް މަހުގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ރަށު ކައުންސިލުގެ މެންބަރުންގެ ގޮތުގައި 923 ކެންޑިޑޭޓަކު އިންތިޚާބުކުރާއިރު، ސިޓީ ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކުރަން ނިންމާފައިވަނީ، 39 ކެންޑިޑޭޓެކެވެ. މީގެ އިތުރުން، ރަށު ކައުންސިލު މެންބަރުކަމަށް 372 އަންހެނުން އިންތިޚާބުކުރަން ނިންމާފައިވާއިރު، ސިޓީ ކައުންސިލުތަކަށް އިންތިޚާބުކުރަން ނިންމާފައިވަނީ 12 އަންހެނުންނެނެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން އެންމެ ފުރަތަމަ ނިންމާފައިވަނީ، އެޕްރީލް މަހުގެ 04 ވަނަ ދުވަހުގައިކަމަށްވިޔަސް، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމާއި ގުޅިގެން އިންތިޚާބުވަނީ ފަސްކޮށްފައެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބުގެ ޚައްސަ ޤާނޫނު 2020 ބުނާ ގޮތުން، 2021 ވަނަ އަހަރުގެ މާޗުމަހުގެކުރިން އިންތިޚާބު ބާއްވަން ޖެހެއެވެ.
އިލެކްޝަން ކޮމިޝަނުން ހާމަކުރިގޮތުގައި، އަންނަ އަހަރުގެ މާޗުމަހުގެ ފުރަތަމަކޮޅު އިންތިޚާބު ބޭއްވުމުގެ މަޝްވާރާތައް އަންނަނީ ކުރަމުންނެވެ. މިކަމާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް ހުސްވި ޖޫންމަހުގެ 21 ވަނަ ދުވަހު ވިދާޅުވީ ، އަންނަ އހަރުގެ ރަމަޟާން މަސްއައުމުގެ ކުރިން އިންތިޚާބު ބާއްވަން މަޝްވަރާކުރަމުން އަންނަކަމަށާއި، ނަމަވެސް އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި ކަނޑައަޅުއްވާފައިނުވާކަމަށް ވެސް ޝަރީފްވަނީ ވިދާޅުވެފައެވެ.

