މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދެވިފައިނުވަނީ އެކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ލަފައެއް ނުލިބިގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، އެމްއޭސީއެލްއިން ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި މީގެ ކުރިން ވެސް ބޮޑެތި ބަހުސްތަކެއް ދިޔައެވެ. އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ފުރަތަމަ ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ. އެ މައްސަލައިގައި ޓީއެމްއޭއިން ވެސް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާ ސީޕްލޭން ޓާމިނަލް އިން ޖާގަ ދޫކުރުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތައް ކުރިއަށް ގެންދެވުނީ އެމްއޭސީއެލް ގެ އޮތޮރައިޒްޑް މަންދޫބަކާއި ޓީއެމްއޭ ގެ އޮފިޝަލުންނާއި ދެމެދުކަމަށް ވަނީ ބުނެފައެވެ.
މިގޮތުން، އާ ޓާމިނަލްއިން ޓީ.އެމް.އޭ އަށް ޖާގަ ދޫކުރެވޭނެ ޓަރމްސް ތައް ބަޔާންކޮށް އެމް.އޭ.ސީ.އެލް އިން ފޮނުވާފައިވާ ސިޓީތަކުގައި ސޮއިކޮއްފައިވަނީ އެކުންފުނީގެ ޖެނަރަލް މެނޭޖަރ ކޮމާޝަލް، ހުސެއިން ފަޒީލްކަން ޓީއެމްއޭގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
މައްސަލަ ބޮޑުވެ މިހާރު މައްސަލަވީ ހިސާބެއް ވެސް ސާފެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައިވަނީ ސީޕްލޭން ޓާމިނަލް ދޭން އޭސީސީގެ ލަފައަކަށް ދެވަނަ ފަހަރަށް އެދިފައިވަނީ ޓާމިނަލް ކުއްޔަށް ދޭން ފިނޭންސް މިނިސްޓްރީން ހުއްދަ ދިން ފަހުން ކަމަށެވެ. އަދި އެމްއޭސީއެލްއިން އޭސީސީގެ ލަފައަކަށް އެދުނީ ފިނޭންސް މިނިސްޓްރީގެ އެންގުމުގެ ފަހުން ކަމަށް ވުމާއި އެކު ޓާމިނަލް ކުއްޔަށް ދިނުމުގައި އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވި ގޮތުގައި އެމްއޭސީއެލްއިން މިދިޔަ ޖޫމް މަހުގެ 17 ވަނަ ދުވަހު އިތުރު އިރުޝާދެއް ލިބިފައިވާކަމަށް ބަޔާންކޮށް ކޮމިޝަނަށް ސިޓީއެއް ހުށަހަޅާފައިވެއެވެ. އޭރު ވެސް އެ ހުއްދަ ފިނޭންސްއިން ދޫކޮށްފައިވާނެ ކަމަށާއި، އެމްއޭސީއެލްއަށް މަސައްކަތް ކުރިޔަށް ގެންދެވިފައިނުވަނީ އޭސީސީގެ ބަހެއް ނުލިބޭތީ ކަމުގައި ބެލެވެން ނެތް ކަމަށް ޝިއުނާ ވިދާޅުވިއެވެ.
އެމްއޭސީއެލްއަށް އޭސީސީން ވަކި ގޮތަކަށް އަމަލު ކުރަން އަންގާފައި ނޯންނާނެ ކަމަށާއި، ދީފައިވާނީ ލަފާތަކެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ކޮމިޓީގައި މި ވާހަކަ ދެކެވުނީ، ބޯޑަރުތައް ހުޅުވާލުމާއި ގުޅޭގޮތުން އެމްއޭސީއެލް ކޮމިޓީއަށް ހާޒިރުކޮށް ދެއްކެވި ވާހަކަތަކުގެ ތެރެއިން ޓާމިނަލް ކުއްޔަށް ދިނުން މަޑުޖައްސާލާފައިވަނީ އޭސީސީގެ ލަފައެއް ލިބިނުވާތީކަމަށް ބުނުމުންނެވެ.
މަޖިލީހުގެ ކޮމިޓީގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހް ވިދާޅުވީ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމަށް އޭސީސީގެ އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ނުވަތަ އެ މުވާމަލާތް ކުރިޔަށް ގެންދިއުން ހުއްޓުވާފައި ނުވީ ނަމަވެސް، އޭސީސީގެ ބަހެއް ބޭނުންވާ ކަމަށެވެ.
ޓާމިނަލްގެ މައްސަލައިގައި ނިންމާފައިވާ ނިންމުމާއި ގުޅޭ ގޮތުން ސަރުކާރުން ބުނެފައި ވަނީ އެމްސީއެލް އިން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް ދޫކުރުމާ ގުޅޭ ގޮތުން ސަރުކާރުން މިހާރު ނިންމާފައިވާ ގޮތުގެ ސަބަބުން ދައުލަތެއް ލިބޭނެ ގެއްލުމެއް ނެތް ކަމަށާއި މިއީ އެންމެނަށް ވެސް އެންމެ އިންސާފުވެރި ނިންމުން ކަމަށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކުރީ ސަރުކާރުގެ ދުވަސްވަރު އެމްއޭސީއެލްގެ ބޯޑުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާ މުއާމަލާތް ކުރަމުން ދިޔައީ 15 އަހަރު ދުވަހުގެ މުއްދަތަށް މުޅި ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރުމަށް ޓީއެމްއޭއާ ހަވާލު ކުރުމުގެ ވިސްނުމުގައި ކަމަށެވެ.
އެކަމަކު މި ސަރުކާރުން ނިންމީ އެމްއޭސީއެލްއާއި ދައުލަތަށް އެންމެ ފައިދާ ވާނެ ގޮތަކީ އެމްއޭސީއެލް އިން އެ ޓާމިނަލް ހިންގުމުން ކަމަށެވެ. އެހެންކަމުން މުޅި ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް ދޫކުރުމަށް ވިސްނާފައި އޮތް ގޮތް ބަދަލު ކުރުމަށް ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
އެކަމަކު ޓީއެމްއޭ އިން ބުނަނީ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. ޓީއެމްއޭއިން ބުނާ ގޮތުގައި، އެމްއޭސީއެލް އިން އެ ގޮތަށް ކޮމިޓްމަންޓްވެ އެ ކުންފުންޏަށް ސިޓީތަކެއް ވަނީ ފޮނުވައިފަ އެވެ.
ސަރުކާރުން މިހާރު ނިންމާފައިވާ މީގެ ކުރިން އެއާޕޯޓްގައި ޓީއެމްއޭއަށް އޮތް ވަރުގެ ޖާގައެއް އާ ޓާމިނަލުން ވެސް ދޫކުރުމަށެވެ. އެއީ 6،300 އަކަފޫޓުގެ ޖާގަ އެކެވެ. އެ ގޮތަށް ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަށް އަކަފޫޓެއް 10.5 ޑޮލަރަށެވެ. އަދި ދެ އަހަރު ފަހުން އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލް ހިންގާ ގޮތަށެވެ.

