މެލޭޝިޔާގެ ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީއަށް 22.8 މިލިއަން ޑޮލަރު ދެއްކުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައްޗަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) އަމުރުކޮށްފި އެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި ޑަބްލިއު.ޒެޑް.އާރު ކުންފުންޏަށް ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް އެޅުމަށް ވަނީ ހަވާލުކޮސްފައެވެ. ފިނޭންސް މިނިސްޓްރީއާ ޖެހިގެން އޮތް ހުސްބިމުގައި ފިނޭންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމަށް ހަވާލުކުރީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް، ފަހުން އެއިމާރާތް އެޅުން ހުޅުމާލެއަށް ވަނީ ބަަދަލުކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ހަވާލުވުމަށް ފަހު އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދަން ނިންމައި، ކޮންޓްރެކްޓަރާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.
އޭއައިއޭސީއިން މި މަހުގެ ފަސް ވަނަ ދުވަހު ނިންމި ނިންމުމުގައި ބުނެފައި ވަނީ، އެ ޕްރޮޖެކްޓް ހުއްޓާލިއިރު ޑަބްލިއު.ޒެޑް.އާރުއިން އެހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ހޯދުމަށް 2018 ވަނަ އަހަރުގެ ތެރޭގައި އެޗްޑީސީއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ ފައިސާ ހޯދުމަށް އެކި ފަހަރު މަތިން މަސައްކަތް ކުރި ނަމަވެސް އެ ބިލަށް އެޗްޑީސީއިން ފައިސާ ދައްކާފައި ނުވާތީ 22.82 މިލިއަން ޑޮލަރު އެޗްޑީސީއިން އެކުންފުންޏަށް ދިނުމަށް ވަނީ އަންގާފައެވެ. އަދި މިފައިސާ ހަތް ދުވަހުގެ ތެރޭގައި ޑަބްލިއު.ޒެޑް.އާރުއަށް ދައްކާ ހަލާސްކުރުމަށް ވެސް ވަނި އަންގާފައެވެ.
ޖުމްލަ 123 މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓް މި ސަރުކާރުން ހުއްޓާލިއިރު، އެ ޕްރޮޖެކްޓްގެ 20 އިންސައްތަ މަސައްކަތާއި ޕައިލިންގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޑަބްލިއު ޒެޑް އާރު ޕްރޮޕަޓީ ސެންދްރިއަން ބަރްހާދު ގްރޫޕުން، އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އެ މައްސަލަ ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެކުންފުނިން އާބިޓްރޭޝަނަށް މައްސަލަ ހުށައެޅިއިރު ކުންފުނިން އެހާތަނަށް ކޮށްފައިވާ މަސައްކަތަށް ސަރުކާރުން ފައިސާ ދީފައިނުވާކަމަށް މައުލޫމާތުލިބެއެވެ. އަދި އޭރު އެމަޝްރޫއު ކުރިއަށް ނުގެންދަން ރައީސް އިބްރާހިމް މުހައްމަދުގެ ސާލިހުގެ ސަރުކާރުންވެސް ވަނީ ނިންމާފައެވެ.
މެލޭޝިއާގެ ބައެއް ނޫސްތަކަށް ރިޕޯޓް ކޮށްފައިވާ ގޮތުގައި ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް އެޅުމަށް 123 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް ރައީސް ޔާމީންގެ ސަރުކާރުން އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އަދި މަޝްރޫއު ހަވާލު ކުރިކަމުގެ އެއްބަސްވުމުގައި އެ އަހަރުގެ މާޗު މަހު ފިނޭންސް މިނިސްޓްރީއާއެކު ސޮއިކޮށްފައިވާކަމަށް މެލޭޝިޔާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރައީސް ސާލިހުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ޕްރޮޖެކްޓް ހުއްޓިފައިވާއިރު ސަރުކާރުގެ ޖަވާބެއް ހޯދުމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަރު ވިސާމް އަލީ އާއި ސަރުކާރުގެ އިސް ބޭފުޅުންނާ ވާހަކަ ދައްކައިގެންނާއި ސިޓީ ފޮނުވައިގެން ވެސް ހައްލެއް ލިބޭތޯ މަސައްކަތް ކޮށްފައިވާ ކަމަށް ކުންފުންޏާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
މީގެއިތުރުން މަޝްވަރާ ކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ހުށަހެޅުމުން ޖަވާބެއް ނުދެއްވި ކަމަށް ވެސް މެލޭޝިޔާގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

