ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަސްފުޅުމަދު، އަމަލުފުޅުގިނަ އަމާން ބަނދަރަކަށް ގެންގޮސްދޭނެ ލީޑަރު!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރަށް ދެއަހަރުވާން ދެން މާ ގިނަ ދުވަހެއް ނެތެވެ. މިވީ މުއްދަތުގެ ތެރޭގައި ރައީސް ސާލިޙްއަށް ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި ކަންކަން ނުވަތަ މައްސަލަތައް ވެސް މަދެއް ނޫނެވެ.

ރައީސް ސާލިޙްގެ ސަރުކާރަށް މިވީ މުއްދަތުގެ ތެތޭގައި އެމަނިކުފާންގެ ސަރުކާރާ ބެހޭ ގޮތުން އެންމެ ގިނައިން ދައްކާ އެއްވާހަކައަކީ ސަރުކާރުގެ ސްލޯކަމުގެ ވާހަކައެވެ. ތަރައްގީގެ މަޝްރޫޢުތައް ނިހިނގާ ކަމުގެ ވާހަކައެވެ.

ކޮންމެއަކަސް މި ހިޔާލުގައި ސަރުކާރުގެ ސްލޯކަމުގެ ވާހަކަ މަޝްރޫޢުތައް ނުހިނގޭ ކަމުގެ ވާހަކަ ބެޖެޓަށް ވީނުވީއެއް ނޭނގި ހުސްވާ ވާހަކަ ދައްކާކަށް ނެތީމެވެ. އޭގެ ބަދަކުގައި ފެންނަމުންދާ އެހެން މަންޒަރެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލީޙް ދިވެހިރާއްޖޭގެ ވެރިކަމުގެ ތަޙުތާ ހަވާލުވެވަޑައިގެންނެވީ ޖަޒީރާވަންތައް ރާއްޖެއެއް ތަރައްގީ ކުރުމުގެ ކޮންސެޕްޓެއް ހިއްޕަވައިގެންނެވެ. ނަމަވެސް ރައީސް ސާލިޙްގެ ޖަޒީރާ ކޮންސެޕްޓް ތަންފީޒް ކުރުމުގައި ނުވަތަ ތަންފީޒް ކުރަމުންދާ މިންވަރާއި ބެހޭ ގޮތުން ރައީސް ސާލިޙް ފިޔަވައި އިތުރު އެހެން ބޭފުޅަކަށް ބުނެދެވޭ މަންޒަރެއް ނުފެނެއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފޮޓޯ ރައީސް އޮފީސް

ރައީސް ސާލިޙް ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެ އެމަނިކުފާނަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ވެރިރަށް މާލެއަށް ދިމާވި ފެނުގެ ކާރިސާއެވެ. އެ ކާރިސާގައި ރައްޔިތުންނަށް ލިބުނު ގެއްލުންތަކާއި ކުރިމަތިވި މައްސަލަ ހައްލު ކުރެއްވުމުގައި އެންމެ ކުރީ ސަފުގައި ހުންނެވީ އެމަނިކުފާނެވެ. އެވަރަކުން ފުދުނީއެއް ނޫނެވެ. ފެން ހިންދުމަށް ބޭނުން ކުރާ ސާމާނުގެ މައުލޫމާތާއި ކުރަމުންދާ މަސައްކަތުގެ މައުލޫމާތުވެސް ކަމާއި ގުޅުންހުރި ބޭފުޅުންނާއި މުއައްސަސާތައް ގާއިމް ކުރެވިފައި ވަނިކޮށް އެކަން ވެސް ކުރައްވަން ޖެހުނީ ހަމަ އެމަނިކުފާނަށެވެ. މުއައްސަސާތައް ހިންގަވަން ތިއްބެވި ވެރިނަށް ނުވަތަ ބޭފުޅުންނަށް މައްސަލަތަކާއި ބެހޭގޮތުން މީޑިއާތަކުން އަމާޒްކުރާ ސުވާލުތަކަށް ޖަވާބް ނުދެވުމުގެ ނަތީޖާއަކަށް ވެގެންދެނީ ރައީސް ސާލިޙް ގައުމް ހިންގެވުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓަވާލެއްވުމަށްފަހު ވަޒީރުންނާއި އެހެން ބޭފުޅުންގެ ދިފާއުގައި ނިކުންނަވަން ޖެހިވަޑައިގަތުމެވެ. ދިފާޢަށް ކުޅުއްވަން ޖެހުމެވެ.

ރާއްޖޭގެ އެތައްހާސް ރައްޔިތުންގެ ކަންބޮޑުވުމާއި ރުޅިވެރިކަން އަމާޒްވެގެން ދިޔަ އެހެން މައްސަލައެއް ނުވަތަ ހާދިސާއެއް ހިއްސާކޮށްލާނަމެވެ. 1988 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގެ މޭސްތިރި ބާޢީ އަބްދުﷲ ލުތުފީ ފިލައިގެން ލަންކާގައި ހުންނަ ދިވެހި އެންބަސީގައި ހުރިކަން ފަޅާއެރުމުން ދެން ކަންކަން ވެގެން ދިޔަ ގޮތާއި ސަރުކާރުގެ ތެރެއިން މައްސަލައާއި ގުޅޭ ގޮތުން މީޑިއާތަކަށާއި އާންމު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި އަމަލު ކުރި ގޮތް އެއީ ލަދުވެތި ޒިންމާދާރުކަން ކުޑަގޮތެކެވެ. ލުތުފީ ފިލިގޮތާއި އެންބަސީއަށް ވަތް ގޮތް ސަރުކާރުގެ ތެރެއިން އެކިއެކި ބޭފުޅުން ވިދާޅުވަމުން ގެންދެވީ އެކިގޮތަށެވެ. ދެއްވަމުން ގެންދެވީ އެކިއެކި ތާޜީހްތަކެވެ. ފެންނަމުން ދިޔައީ މައްސަލައިން ރެކިވަޑައިގަންނަވަން އުޅުއްވި މަންޒަރެވެ. އެންމެފަހުން ބާޢީ ލުތުފީ ރާއްޖެ ގެނައުމުގެ މައްސަލައިގައި ރައްޔިތުން ރަތަށް އެރުމުން ކަންވެގެން ދިޔަގޮތާއި ސަރުކާރުން ކަން ކުރަން ނިންމާފައިވާ ގޮތާއި މިނޫންވެސް މައްސަލައާއި ގުޅުންހުރި ހުރިހައި މައުލޫމާތެއް މީޑިއާތަކަށާއި ރައްޔިތުންނަށް ދެއްވަން ޖެހިވަޑައިގަތީ ހަމަ ރައީސް ސާލިޙްއަށެވެ. ފޮރިން މިނިސްޓަރުގެ ބޭނުމެއް ނެތެވެ. ދެންވެސް ތިއްބެވި ބޭފުޅުންގެ ބޭނުމެއް ނެތެވެ.

ބާޣީ އަބްދުﷲ ލުތުފީ

އޭގެފަހުން ދެން ދިމާވި މައްސަލައިގައި ކަން ހިނގާދިޔައީވެސް ހަމަ މިދެންނެވި މަގުންނެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާން މަރުގެ މައްސަލައިގައި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ލީކްވެ އޭގެ ސައްހަކަން ގެއްލޭ ހިސާބަށް ދިއުމުން އެ މައްސަލައިގައި ވެސް ކަން އޮތް ގޮތާއި ސަރުކާރުން އަމަލު ކުރާނެ ގޮތް ހާމަކޮށްދެއްވަން ޖެހިވަޑައިގަތީ ހަމަ ރައީސް ސާލިޙްއަށެވެ. ރިޔާސީ ކޮމިޝަންގެ ބޭނުމެއް ކޮބައިތޯއެވެ؟ ފްލެޓްގެ ކަންކަން ހައްލު ކުރުމަށް އެކުލަވާލި ކޮމެޓީއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ހާލަކީ ވެސް ހަމަ މިއީއެވެ. މި ކޮމިޝަންތަކުން ކުރާ މަސައްކަތްތަކުގެ މީޑިއާއަށް ހިއްސާ ކުރައްވަން ޖެހިވަޑައިގަންނަވަނީ ހަމަ ރައީސުލްޖުމްހޫރީއްޔާއަށެވެ.

ދެން އޮތީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ވާހަކައެވެ. މުއައްސަސާތަކުން ކުރާ މަސައްކަތްތަކުގެ ވާހަކައެވެ. ސަރުކާރުން ހަފްތާއަކު އެއްފަހަރު ނުވަގަޑި ސައެއް ބާއްވާއިރު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާ ކުރުމަށް މުއައްސަސާތަކުގެ ވެރިން ތިބެނީ ނުކުޅެދިފައެވެ.

ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބް ނުދެވޭތާ ފެންނަމުންދާ މަންޒަރަކީ ކުރީގެ ސަރުކާރުން ނެއްޓެން ނޭނގިގެން އުޅޭ މަންޒަރެވެ. އެންމެ ފަހުން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން ވެސް މީޑިއާތަކަށާއި ރައްޔިތުންނަށް މައުލޫމާތު ހިއްސާ ކުރައްވަން ހަމަ ޖެހިވަޑައިގަތީ ރައީސް ސާލިހްއަށެވެ. ފުކެއް ބޮޑުވަރު އެހެން ނޫންތޯއެވެ.

އެހެން ކަމުން އަޅުގަނޑަށް ސިފަކުރެވެނީ ރައީސް ސާލިހު އަކީ ވަން މޭން ޝޯ ކުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނު އދ.ގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނިކޮށް ހެންވޭރު ބޮޑު ހުޅުގެ ކާރިސާގައި ސާބިތުކަން ދެއްކެވިއެވެ. ހަމަ ފުރާވަޑައިގަތުމާއެކު އެއް މުއައްސަސާ އަނެއް މުއައްސަސާ ބޮލަށް ޒިންމާ ޖަހަމުން ދިޔައެވެ.

ކޮންމެއަކަސް މިދެންނެވި ހުރިހައި ކަމަކުން ރައީސް ސާލިޙް ވަރަށް ރަނގަޅު ފިލާވަޅެއް ހޯއްދަވައި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހުގެ މުސީބާތުން ދިވެހި ގައުމު ސަލާމަތްކޮށް އަމާން ބަނދަރަކަށް ގެނެސްދެވޭނެ ލީޑަރަކީ އެމަނިކުފާންކަން ސާބިތުކޮށްދެއްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް

ހަލުވި ކަމާއިއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހަކީ ޗައިނާގެ ވޫހާން އިން ފެނުނު ވައިރަހަކަށް ވީނަމަވެސް ހަގީގަތަކީ އެބަލި ދުނިޔެއަށް ފެންމަތިވި ގޮތް މިހާތަނަށް ވެސް ހޯދިފައި ނުވާކަމެވެ. ނަމަވެސް މިއަދު މިބަލި މުޅިދުޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާއިރު ދުނިޔޭގެ ބޮޑެތި ބާރުތައް ވަނީ ގޮތް ހުސްވެފައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ބައްޔަށް ފަރުވާއެއް ނުހޯދި ބަލި ފެތުރުން ކޮންޓްރޯލް ނުވެ އެތައް މިލިޔަން ބަޔަކު މަރުވެ ދާތީއެވެ. ބައެއް ގައުމުތަކުގައި މަރުވާ މީހުން ވަޅުލެވޭނެ ގޮތެއް ވެސް ނެތްފަދައެވެ. ވައިރަހަށް ޕޮޒިޓިވްވާ މީހުން އެޑްމިޓް ކުރާނެ އެނދު ނުލިބޭ ގައުމުތައް ވެސް މަދެއް ނޫނެނެވެ. ހީވަނީ 21 ވަނަ ގަރުނު އެތައް ޒަމާންތަކެއްގެ ފަހަތަށް ޖެހި މުޅި ދުނިޔެ ގޮތް ހުސްވިހެންނެވެ. ނަމަވެސް އަޅުގަނޑުމެންގެ މި ކުޑަކުޑަ ޖަޒީރާ ދިވެހިރާއްޖެ މި ނުރައްކާތެރި ކޮރޯނާ ވައިރަހުގެ މުސީބާތުން ސަލާމަތްވާނެ ކަމުގެ އުންމީދު އައު ކެއްދެއްވާ ﷲ ގެ ވާގިފުޅާއިއެކު ގައުމު އަމާން ބަނދަރަކަށް ގެންގޮސް ދެއްވާނެކަން މިއަދު ދިވެހި ރައްޔިތުންނަށް ޔަގީންވާ ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއެވެ.

ތިން މަހަށްވުރެ ގިނަ ދުވަހު ކޮރާނާ ވައިރަހާއި ދިވެހި ރައްޔިތުން ކުރަމުންދާ ހަނގުރާމައިގެ ކޮމާންޑާއިން ޗީފްއަކަށް ހުންނެވީ ރައީސް ސާލިޙްއެވެ. ހަނގުރާމައިގެ ހުރިހައި ޕްލޭންތަކެއް ރާވައި ތަންފީޒް ކުރެއްވީ ސިދާ ބަސްފުޅު މަދު އަމަލުފުޅު ގިނަ ސިޔާސީ ލީޑަރުގެ ބެއްލެވުމުގެ ދަށުންނެވެ. ހިތްވަރާއި ކެތްތެރި ކަމާއިއެކުގައެވެ.

މިއަދު އަޅުގަނޑުމެން އައު ވައްޓަފާޅިއަކަށް ދިރިއުޅުން ބަދަލުކޮށް އަޅުގަނޑުމެން އަޅުގަނޑުމެންގެ ދިރިއުޅުމައިގެން ކުރިއަށްދާން ފަށާފައިވާއިރު އަޅުގަނޑުގެ ހަނދާނަށް އަންނަނީ ވެރިރަށް މާލެއިން ކޮރޯނާ ވައިރަހަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ދިވެހި ގައުމާއި މުހާތަބް ކުރައްވައި ރައީސް ސާލިޙް ކީރިތި ކުރައްވަމުން ދެއްކެވި ވާހަކަފުޅެވެ.

ރައީސް ސާލިޙް ކީރިތި ކުރައްވަމުން ވިދާޅުވީ މި ބަލިން ރައްކާތެރިވުމަށް، އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ، ބޭރުތެރެއަށް ނުނިކުމެ ގޭގައި މަޑުކުރެއްވުމާއި އަދި ޞިއްޙީ ޚިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރެއްވުން ކަމުގައެވެ. އަދި މިދަނޑިވަޅުގައި އެކަކު އަނެކަކާ މެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުޢާމަލާތް ކުރުމަށާއި ކެތްތެރިކަން އިސްކުރައްވައި އިސްލާމް ދީނުގެ މަތިވެރި އުޞޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް ވެސް ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

 

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް

ރައީސް ސާލިޙްއެވެ. އަޅުގަނޑުގެ ހިޔާލަުގައި ދެން އިތުރަށް ދައްކާނެ އަދި ދެއްކޭނެ ވާހަކައެއް ވެސް ނެތެވެ. މަނިކުފާން ތިޔަ ކުރެއްވި ގައުމީ ޖިހާދަށް އައްސަރިބަހާއި ސާބަސްހައްގެވެ. ހަމަ ޔަގީނުން ވެސް މަނިކުފާނަކީ ބަސްފުޅުމަދު، އަމަލުފުޅުގިނަ އަމާން ބަނދަރަކަށް ގައުމު ގެންގޮސްދޭނެ ލީޑަރެވެ!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: