ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި، ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްދޭ ބާރުތަކާ ކުރިމަތިލައި، ރައްޔިތުންނާއި ދަޢުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ ޢަމަލުތަކަށް ފުރުސަތުނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސް ޞާލިޙް މި ގޮތަށް ނިންމަވާފައިވަނީ، ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވުމާއި ގުޅިގެން، ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ.) އާއި، ކަމާގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގައެވެ.ހޯމަދުވަހު ބޭއްވި ބައްދަލުވުމުގައި، ބައްދަލުވުމުގެ ބައިވެރިންވަނީ، ރާއްޖޭގެ ދާޚިލީ އަމްނާ، ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ރައީސް ޞާލިޙަށް ލަފާ އަރުވާފައެވެ. މި ގޮތުން މި ގޮތުން ރާއްޖޭގައި އުޅޭ ބިދޭސީން ހިންގަމުންދާ މި ފަދަ ޢަމަލުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތްތަނުގައި މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށާއި، އެއްވެސް ފަރާތަކަށް މިފަދަ ފުރުސަތެއް ނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާމުން ގެންދިއުމަށް ނިންމަވާފައެވެ.
ރައީސް ޞާލިޙް މި ގޮތަށް ނިންމަވާފައިވާއިރުގައި، ހޯމަދުވަހު ވަނީ، ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓްތައް ޢިމާރާތްކުރަމުން އަންނަ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މުސާރަނުދޭތާ 07 މަސް ވެފައިވާ މައްސަލައިގައި، އެތައް ބިދޭސީންނެއް ނިކުމެ ފުލުހުންނާއި ކުރިމ ަތިލައި ހަމަނުޖެހުން ހިންގާފައެވެ. އެ ބިދޭސީންނަށް މުސާރަނުދޭ މައްސަލައިގައި މީގެ ކުރިން، މި މަހުގެ 06 ވަނަ ދުވަހުގައި ވެސް މަގުމައްޗަށް ނިކުމެ ވަނީ އިހުތިޖާޖުކޮށްފައެވެ. މީގެ އިތުރުން މި މަހުގެ 02 ވަނަ ދުވަހު ބ.އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ނިކުމެ، ދިވެހިންތަކެއް ރަހީނުކޮށް، އެ ރަށުގައި ވަނީ ހަމަނުޖެހުންތަކެއް ހިންގައި، ފުލުހުންނާއި ކުރިމަތިލައި ތޫނުކޮށްފައިވާ ދަގަނޑާއި ގާ އުކާފައެވެ. މި ހަމަނުޖެހުންތަކުގައި ބިދޭސީންވަނީ، އެ ރަށުގެ ތަންތަނުގައި އަލިފާންޖަހައި، ތަކެއްޗަށް ވެސް ގެއްލުންދީފައެވެ. މި ހަމަނުޖެހުންތައް ވެސް ހިނގައިދިޔައީ މުސާރަނުދީ އެތަކެއް މަސްތަކެއް ވޭތުވެފައިވާ މައްސަލައިގައިކަން ފާހަގަކޮށްލެވެއެވެ. މި ހަމަނުޖެހުންތަކުގެ އިތުރުން ވެސް މިފަދަ މައްސަލަތަކުގައި، ފަހަކަށް އައިސް ބިދޭސީން ނިކުމެވަނީ މުޒާހަރާކޮށްފައެވެ.

