ދީނުގެ ނަމުގައި ޝެއިޚު ކާޑު އަޅައިގެން އަންހެނުންނަށް ފުރައްސާރަ ކުރާނެ ކަމެއްނެތް ކަމަށްބުނެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ޝެއިޚް މުހައްމަދު އިޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު އީވާ ވަނީ ދާދިފަހުން ޑރ އިޔާޒް ކުރައްވާފައިވާ ޓުވީޓުތަކަަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ މިފަދަ ވަހުޝީ، އިސްލާމްދީނުގެ އުސޫލުތަކާއި ޚިލާފު ވާހަކަދައްކާ، އަންހެނުންނަށް އިހްތިރާމް ނުކުރާ މީހުންގެ އަނގަ ބަންދުކުރުން ކަމަށް ވިދާޅުވިއެވެ.
އަންހެނުން ރޭޕް ކުރުމާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅަކީ އަންހެނާގެ އައުރަ ނިވާކޮށް، މަހުރަމަކާއެކު ދަތުރުކުރުންކަމަށް ބުނެ ދާދި ފަހުން އިޔާޒް ވަނީ ޓުވީޓުތަކެއް ކޮށްފައެވެ. މިޓުވީޓުތަކަށް ރައްދު ދެއްވައި އީވާ ވަނީ ހަމަހުގެ އަންހެން ކުއްޖާ ރޭޕްކޮށް، ބައްޕަ ދަރިފުޅު ރޭޕް ކުރަނީ އެކުއްޖާ ކޯއްޗެއް ލައިގެން ހުންނާތީތޯ ސުވާލުކުރައްވާފައެވެ.
”ޚަބަރުދާރު! ޑރ.އިޔާޒް ފަހަތަށް ޖެހޭ ހަމަ މިހާރު! ދީނުގެ ނަމުގައި އަންހެނުންނަށް ފުރައްސާރަކުރަން ތިޓުވިޓާ އެކައުންޓް ބޭނުންކުރާ ހިނދަކު، ގަލޮޅު އުތުރު ދާއިރާގެ މައިކް އަޅުގަނޑު އަތުގައި އޮތްހާ ހިނދަކު ދިވެހި އަންހެނުންގެ ހިމާޔަތުގައި އަޑު އުފުލާނަން! ހަމަހުގެ ކުއްޖާ މިރޭޕް ކުރަނީ ކޯއްޗެއް ލައިގެން ހުރީމަ؟ ބައްޕަ ދަރިފުޅު މިރޭޕް ލކުރަނީ ކޮއްޗެއް ލައިގެން ހުރީމަ؟“
އަދި ނަމުގެ ކުރިއަށް ޑރ ލައިގެން، އަމިއްލައަށް ޝެއިޚެކޭ ކިޔަމުން މިދައްކަނީ ހުސް މުޑުދާރު ވާހަކަތައް ކަމަށާއި މިއީ އިސްލާމްދީނަށާއި އިސްލާމްދީން ދަންނަ މީހުންނަށް ހުތުރުއެރުވުން ކަމަށް އީވާ ވިދާޅުވިއެވެ. އިސްލާމްދީނަކީ އަންެހުންނަށް އިހްތިރާމްކުރާ، މުދާވެރިކުރުވާ އަދި ބާރުވެރިކުރުވުމަށް ބާރު އަޅާ ދީނެއް ކަމަށާއި އިޔާޒް ދީން ބޭނުންކުރަނީ ދިވެހި ހުރިހާ އަންހެނުންނަށާއި އުންމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަ ކުރުމަށް ކަމަށް އީވާ ވިދާޅުވިއެވެ.
މިއީ ވަހުޝީ ވާހަކަ ދައްކާ، މުޖުތަމައުގައި އަނިޔާވެރިކަން އިތުރުކޮށް އަންހެނުންނަށް އޮތް ގަދަރުކުޑަ ކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް އީވާ ވިދާޅުވިއެވެ. އަދި ދައްކާނެ ވާހަކައެއް ނޭންގޭނަމަ، ވާހަކަ ނުދައްކާ ތިބުމަށް އީވާ ވަނީ ވިދާޅުވެފައެވެ.

