ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 31 މީހުން ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 2،762 އަށް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
މި ކަން ހާމަކޮށް އެޗްޕީއޭއިން ހޯމަދުވަހުގެރޭ ކުރި ޓްވީޓްގައި ބުނީ، އާދިއްތަ ދުވަހުގެ 18:00 އިން ފެށިގެން، ހޯމަދުވަހުގެ 18:00 އާއި ހަމައަށް ކޮވިޑް-19 އަށް އިތުރު 31 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި ރާއްޖެއިން ކޮވިޑް ފެނުނު ފަހުން، މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ޢަަދަދު 2،762 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ރިޕޯޓުކޮށްފައިވެއެވެ.
މި ގޮތުން އެންމެފަހުން ޕޮޒިޓިވްވެފައިވަނީ، 22 ދިވެހިންގެ އިތުރުން، ބަންގްލަދޭޝްގެ 08 މީހުންނާއި، އިންޑިއާ މީހެއްކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން އެޗްޕީއޭއިން ބުނީ، މި ބައްޔަަށް ފަރުވާ ހޯދަމުންއައި މީހުންގެތެރެއިން އިތުރު 06 މީހަކު ރަނގަޅުވެފައިވާކަމަށާއި، ރަނގަޅުވީ މީހުންގެ ޖުމްލަ ޢަދަދު މިހާރު 2،290 އާއި ހަމައަށް އިތުރުވެފައިވާކަމަށެވެ. އަދި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 444 މީހުންކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި މިހާރުވެސް، 70 މީހުން އެބަތިބިކަމަށާއި، އައިސޮލޭޝަން ފެސިލިޓީތަކުގައި 382 މީހުން އެބަތިބިކަމަށެވެ.
https://twitter.com/HPA_MV/status/1282722654819102723?s=20
އެޗްޕީއޭއިން ހާމަކުރި ގޮތުގައި، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު، މި ދުވަސްވަރު އިތުރުވަމުން އަންނަނީ ގިނަ މީހުން އެއްތަނަކަށް ޖަމާވެ ތަފާތު އެއްވުންތައް ބޭއްވުމުގެ ސަބަބުންނެވެ. މި ގޮތުން ބަލާއިރު ޕޮޒިޓިވްވަމުން އަންނަ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައިކަމަށް ވެސް އެޗްޕީއޭއިން ބުނެފައެވެ. އަދި މި ގޮތަަށް ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން އަންނަނަމަ، އަލުން ފުރަބަންދު (ލޮކްޑައުން) ކުރަންޖެހިދާނެކަމަށް ވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. މި ބަލީގެ ނުރައްކާތެރިކަން އިތުރުވެފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވި 13 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ، 08 ދިވެހިންގެ އިތުރުން، ބަންގްލަދޭޝްގެ 04 މީހަކާއި، ޕިލިޕީންސްގެ ރައްޔިތެކެވެ.

