ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ ޝަމީމްގެ ބަސް: އަދީބުގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ، މިހާރު ވެސް ހެއްކާއި އެކު 150 ދައުވާ އުފުލެން އެބައޮތް!

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ޝަރީއަތެއް ނިންމަވާލެއްވުމަށްފަހު ޖަލަށް ގެންދާ މަންޒަރު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް، ކުރެވޭ އެކި ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް 150 ދައުވާ އުފުލޭވަރުގެ ހެކި އެބަހުރިކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ތަހުގީގަށް އެއްބާރުލުން ދިނުމަށް ދައުލަތާއި އެކު އެއްބަސްވުމެއް ގާއިމްކޮށްފައިވަނިކޮށް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައިވާކަން ޕީޖީއިން ހާމަކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މައްސަލައިގައި އަދީބަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއެއް ބާތިލު ކުރުމާއި އެކު، އޭނާ ވަނީ މިއަދު މިނިވަންވެފައެވެ. އަދީބު މިނިވަންވީއިރު އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތެވެ. ބަންދުގައި ހުންނެވީ ދައުވާތަކުގެ ޝަރީއަތަށެވެ.

މި ދައުވާތައް ބާތިލުކުރުމާއި އެކު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން ދަނިކޮށް ޕީޖީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާ، ޝަމީމް ވިދާޅުވީ އަލަށް އުފުލި ހަތް ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ދައުވާތަކެއް ކަމަށް ކަނޑައަޅުމާއި އެކު އެ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލްކުރުމާއި މެދު ސުވާލު އުފެދޭ ކަންތަކެއް އެބަހުރި ކަމަށެވެ. ޝަމީމް ވިދާޅުވީ، މިއަދުގެ ނިންމެވުން ފަނޑިޔާރު ނިންމަވާފައިވަނީ އަދީބުގެ ހުށަހެޅުންތަކަށް ވުރެ ބޮޑަށް ފަނޑިޔާރުގެ އަމިއްލަފުޅު ހޯދުންތަކުގެ މައްޗަށް ކަމަށެވެ.
އެވާހަކަތައް އެންމެ ބޮޑަށް ސާބިތުވަނީ، އަދީބު އެންމެ ފުރަތަމަ ހައްޔަރު ކުރިއިރުގެ ލިޔުންތައް ޝަރީއަތަށް ހުށަހަޅާފައި ނެތުން ކަމަށާއި އެންމެ ފަހުން އަދީބު ހައްޔަރު ކުރި ތާރީހުގެ ތަފްސީލުތައް ހިއްސާކޮށްފައިނުވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

”ހައްޔަރުކުރި ދުވަހުގެ މައުލޫމާތެއް ވެސް، ހައްޔަރުކުރި ކުށުގެ މައުލޫމާތެއް ވެސް، ތުހުމަތު ކުރެވުނު ސަބަބެއް ވެސް، މި މައުލޫމާތު ތަކަކީ އަޅުގަނޑުމެން މި މައްސަލައިގައި ކްރިމިނަލް ކޯޓާ ހިއްސާކުރި މައުލޫމާތެއް ނޫން. ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ހުރި މައުލޫމާތެއް ނޫން. އެހެން ނަމަވެސް މި ހުކުމްގައި ވަރަށް ތަފްސީލްކުރި ހައްޔަރުުކުރި ދުވަހާ ހައްޔަރުކުރި ސަބަބާ ތުހުމަތު ކުރެވުނު ކަންތަކާ ހުރި. އަޅުގަނޑަކަށް ނޭނގޭ ފަނޑިޔާރު އެ އެއްޗެހި ހޯއްދެވީ ކޮންތާކުން ކަމެއް“ ޝަމީމް

އަދީބުގެ މައްޗަށް އުފުލެން ހުރި ދައުވާތަކުގެ ތަފްސީލު ހިއްސާ ކުރައްވާ ޝަމީމް ވިދާޅުވީ، މިހާރުވެސް އަދީބުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލިދާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ 150 ދައުވާއެއް އެއީ ޕީޖީ އޮފީހާއި އެކު އަދީބު މީގެ ކުރިން ވެފައިވާ އެއްބަސްވުން ބާތިލް ކުރި ނަމަވެސް އުފުލެން ހުރި ދައުވާތަކެއްކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ދައުވާތައް ސާބިތުވެއްޖެނަމަ 800 އަހަރަށް ވުރެ ކުރުނޫން މުއްދަތެއްގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަސް އަންނާނެ ކަމަށް ޕީޖީ ޝަމީމް ފާހަގަ ކުރެއްވިއެވެ. 

އަދީބުގެ މައްސަލަތައް ބޭރުކޮށް، މިނިވަންވީ ނަމަވެސް މައްސަލަ އިސްތިއުނާފުކޮށް ކުރިޔަށްދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދީބު ހިޔާނަތްވިކަން ސާބިތުވެސް ކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިއަދުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ އަދީބު ދޫކޮށްލާފައިވަނީ ދައުލަތުން ހުށަހަޅާފައިވާ އެތައް ސަތޭކަ ސަފުހާއެއްގެ ލިޔެކިއުންތަކަށް ވެސް ބެލުމެއް ނެތި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: