ކުރީގެ ނައިބްރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އުފުލާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ނިންމާ އެމައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި ގާޒީގެ މައްސަލަ ބެލުމަށް ޖޭއެސްސީއިން ނިންމައިފިއެވެ.
ޖޭއެސްސީއިން އާންމުކުރި ބަޔާނުގައި ވަނީ އަދީބުގެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ކޮމިޝަނުން ބެލުމަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މިމައްސަލަ ބެލުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ.
ދައުލަތުން ކްރިމިނަލް ކޯޓުގައި އަދީބާއި ދެކޮޅަށް އުފުލާފައިވާ ހަތް ދައުވާވެސް އުފުލާފައިވަނީ ގާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ނިންމާ، އެދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމާއި ގުޅިގެން އަދީބު މިހާރު ވަނީ މިނިވަންވެފައެވެ.
ތަހުގީގަށް އެއްބާރުލުން ދިނުމަށް ދައުލަތާއި އެކު އެއްބަސްވުމެއް ގާއިމްކޮށްފައިވަނިކޮށް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައިވާކަން ޕީޖީއިން ހާމަކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މައްސަލައިގައި އަދީބަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ.
ގާޒީ އިސްމާއިލް ރަޝީދުގެ ނިންމެވުމާއެކު، ޕީޖީ ހުސެއިން ޝަމީމް ވަނީ އެދުވަހު ކުއްލި ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ފަނޑިޔާރު އިސްމާއިލް ރަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޕީޖީ ޝަމީމް ވިދާޅުވީ އަދީބުގެ މައްސަލައާއި މެދު ކްރިމިނަލް ކޯޓުގެ ނިންމުމާއި ދޭތެރޭ ޝައްކު އުފެދޭ އަދި ސުވާލު އުފެދޭ ކަންތަކެއް އެބަހުރިކަމަށެވެ.
މިއީ އެއްވެސް ހަމަޖެހޭ ކަންތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށާއި މައްސަލަ ނިންމުމުގައި އެއްވެސް ގޯހެއް އުޅޭތޯ ނިންމާނީ ޕީޖީން ނޫން ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ބެލެނިވެރި ފަރާތެއް ނުވަތަ ކަންކަން ހިނގާގޮތް ބަލާ ތަނެއް އޮންނައިރު އެތަނަކުން މައްސަކައެއް ކުރިޔަށް ގެންދާނެ ކަމަށެވެ. އެހެން ކަމުން އެއީ ކޮންމެ ފަނޑިޔާރެއްގެ މައްސަލައަކަސް ޖޭއެސްސީއަށް ހުށަހަޅާނެކަމަށް އެދުވަހު ޝަމީމް ވަނީ ވިދާޅުވެފައެވެ.
އަދީބުގެ މައްސަލަ ބޭރުކޮށްލީ ގާނޫނުން ބޭރުންކަމަށާއި ގާޒީ އިސްމާއީލް ރަޝީދު ފާހަގަކުރި ބައެއް ނުކުތާތައް އެއީ ކޯޓާއި ހިއްސާކުރި މައުލޫމާތުތަކެއް ނޫންކަމަށް ތަކުރާރުކޮށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް މައްސަލަ ބާތިލު ކުރުމުގައި އެއްވެސް މާއްދާއަކާއި ހަވާލާދީފައި ވެސް ނުވާކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެން ކަމުން މައްސަލަ ބާތިލު ވާންވީ އެއްވެސް ހަމައެއް އެނގިވަޑައި ނުގަންނަވާކަމުގައިވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް، ފަނޑިޔާރު އިސްމާއިލް ރަޝީދުގެ މިނިންމެވުމުގައި ކޮރަަޕްޝަންގެ އަމަލު އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އަދީބު މިނިވަންކުރެއްވުމަށް ނިންމެވީ ގާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށްބުނެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށައަޅުއްވާފައެވެ. މިމައްސަލަ މަޖިލީހަށް ހުށައެޅުއްވުމާއި ގުޅިގެން، މިއީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ކަމަށާއި މިމައްސަލައަކީ މަޖިލީހުން ބެލޭނެ މައްސަލައެއް ނޫންކަމަށް ވިދާޅުވެ، އިދކޮޅު ކޯލިޝަންގެ މެމްބަރުންނާއި އަމިއްލަ މެމްބަރުން ވަނީ ވަރަށް ބޮޑަށް އެމްޑީޕީއަށް ފާޑުވިދާޅުވެފައެވެ.

