ބ. ބޮޑުފިނޮޅުގެ މަސައްކަތްތަކަކާ ހަވާލުގެން ތިބި ރިޒް ކުންފުނިން އެ ރަށަށް ގެންގޮސް ތިބި ބިދޭސީންނަށް އެ ކުންފުނިން ހަވާލުވާން އިންކާރުކުރުމުން، އެމީހުންނާއި ވަގުތުން ޙަވާލުވެ އެރަށުން ބޭލުމަށް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގެ މަސައްކަތްތައް ކުރަމުން ދިޔައީ ރިޒް ކުންފުނިންނެވެ. އަދި މަސައްކަތަށް އެރަށް ގެންގޮސްފައިތިބި ބިދޭސީންނަށް ހަތް މަސްވަން މުސާރަ ނުދިނުމުގެ ސަބަބުންވަނީ ބޮޑެތި ހަމަ ނުޖެހުންތަކެއްވެސް ހިނގާފައެވެ.
ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ ހެނދިފައިވާ އެއްބަސްވުންތަކަށް ބަލާއިރު ދައުވާލިބޭ ރިޒް ކުންފުނީގެ މުވައްޒަފުން ބޮޑުފިނޮޅަށް އަރުވާފައިވާކަން، ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭކަމަށެވެ.
އެއްބަސްވުމުގެ ދަށުން ރިޒް ކުންފުނިން ބޮޑުފިނޮޅަށް އަރުވާފައިވާ މުވައްޒަފުން ބޭލުމުގެ ހުއްދަ ސީލް އަށް ލިބިދީފައިވާކަން އެނގޭ ކަމަށް އަމުރުގައިވެއެވެ. އަދި މެއި މަހުގެ 23 ގައި ސީލް ކުންފުނިން ފޮނުވާފައިވާ ސިޓީގައި ރިޒްގެ މުވައްޒަފުން ރަށުން ބޭލުމަށް އަންގާފައިވާ ކަމަށްވެސް އަމުރުގައި ވެއެވެ.
އެ މުވައްޒަފުންތައް ރަށުން ނުބޭލުމުން މި މަހުގެ ދެ ވަނަ ދުވަހު ހިނގައިދިޔަ ހާދިސާގައި ސީލް ކުންފުންޏަށް ވަނީ އިއާދަނުކުރެވޭ ވަރުގެ ގެއްލުންވެފައި ކަމަށް އަމުރުގައިވެ އެވެ.
ބޮޑުފިނޮޅަށް ރިޒުން އަރުވާފައި ތިބި އެންމެންނާ ހަވާލުވެ، އެފަރާތްތައް ވަގުތަށް ރަށުން ބޭލުމަށާއި ވަގުތީ އަމުރު ރައްދުވާ ރިޒްގެ އެއްވެސް މުދަލެއް ނުވަތަ އެއްޗެއް ބޮޑުފިނޮޅުގައި ހުރި ނަމަ އެތަކެއްޗެއް ވަގުތުން ބޮޑުފިނުޅުން ބޭލުމަށްވެސް ތުޅާދޫ ކޯޓުންވަނީ އަމުރުކޮށްފައެވެ.
މި އަމުރު ތަންފީޒުކުރުމުގެ ގޮތުން ފުލުހުންނަށް ގާނޫނީ ގޮތުން ލިބިގެންވާ އެންމެހައި ބާރުތައް ބޭނުންކުރުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

