ރައީސް އޮފީހުގެ ޑިރެކްޓާރ އޮފް ކޮމިއުނިކޭޝަންސް، ހަސަން އިސްމާއިލް އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.
”މިހާރު“ ނޫހުގެ ދަށުން ހިންގާ، އިނގިރޭސި އެޑިޝަންއެއް ކަމަށްވާ ”ދި އެޑިޝަން“ ގައި މަސައްކަތް ކުރަމުން އަންނަ އެޑިޓަރު ރާއީ މުނައްވަރުއަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެގެން އައީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ޓޫރިޒަމް މިނިސްޓަރުކަމުގައި ހުރި އަލީ ވަހީދުގެ މައްޗަށް ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި، މިނިސްޓްރީގެ މުވައްޒަފުންތަކެއް ސީދާ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށް އެކަން ހުށަހެޅުމާއި އެކު ރައީސް ސޯލިހް ވަނީ އަލީ ވަހީދު ވަޒީޒުކަމުން ވަކި ކުރައްވާފައެވެ. ޖިންސީ ފުރައްސާރައާއި، ރޭޕްގެ އެތައް ކޭސްތަކެއް ފުލުފުލުގައި ފެންމަތިވަމުން އަންނަ މި ދަނޑިވަޅުގައި ރައީސް އެޅުއްވި އެ ފިޔަވަޅާއި އެކު ގިނަ ބަޔަކު ވަނީ ސަރުކާރަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. އަދި މިއީ ސަރުކާރުން ޖިންސީ ފުރައްސާރައަށް ގެންގުޅޭ ”ޒީރޯ ޓޮލަރެންސް“ ގެ ސިޔާސަތުކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރާއި ގުޅޭގޮތުން މި ވާހަކަތައް ދެކެވުނެވެ. އެހެން ނަމަވެސް، އިދާރާތަކުގެ މާބޮޑު ސަމާލުކަމެއް ނުލިބުނެވެ. ރާއީގެ ޓްވީޓަށް ރައްދު ދެއްވާ ހަމީދު ވިދާޅުވީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ އިދާރާއާއި އެކު ވާހަކަ ދެކެވި މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި މައްސަލަ ކުރިޔަށް ދާ ކަމަށް ހަމީދު ވިދާޅުވިއެވެ. ހަމީދު ވަނީ ވީހާވެސް އަވަހަށް މައްސަލަ ކުރިޔަށް ގެންގޮސްދެއްވުމަށް އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ.
މައްސަލައާއި ގުޅޭގޮތުން ރާއީ ވަނީ ޓްވީޓުތަކެއް ވެސް ކޮށްފައެވެ. އެގޮތުން އެ މައްސަލަ މިދިޔަ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހު ރައީސް އޮފީހަށް ހުށަހަޅާ، އެކަން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީހަށް ހުށަހަޅާފައިވާނެކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިއަދާއި ހަމައަށް އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.
މައްސަލަ ފެންމަތިވެފައިވިތާ ދުވަސްތަކެއް ފަހުން މޯލްޑިވްސް މީޑިއާ ކައުންސިލްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދި އެޑިޝަންގެ އެޑިޓަރަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް ނިންމަން ޖެހޭ ކަމަށެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކޭޓްރީގެ މަގާމުގައި ހުރެ ހަސަން އިސްމާއިލް ރާއިއަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ރައީސް އޮފީހަށާއި، ފުލުހުންގެ އިދާރާއަށް އަދި އެ ނޫންވެސް ކަމާއި ގުޅުން ހުރި އިދާރާތްތަކަށް ހުށަހަޅާފައިވީ ނަމަވެސް މިއަދާއި ހަމައަށް ހަސަން އިސްމާއިލްއަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމަކީ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މި މައްސަލަ ހުށެހެޅިތާ 18 މަސް ދުވަސްވެފައިވާއިރު، ރަސްމީ ސިފައެއްގައި މައްސަލަ ކުރިޔަށް ގެންދާކަން ހާމަކުރީ ވެސް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އެއީ މައްސަލަ ވީ ހިސާބަކާއި، މިހާތަނަށް އައިއިރު ހަސަން އިސްމާއިލްއާއި މެދު ފިޔަވަޅެއް އެޅިފައި ނުވަނީ ކޮން ސަބަބަކާއި ހުރެތޯ ސުވާލު އުފައްދާ ރާއީ ޓްވީޓު ކުރުމުންނެވެ.
މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ އިސް މަގާމެއްގައި ހުރި މީހަކު އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވޭތާ އަހަރެއް ވެގެން ދިޔައިރު ވެސް އެކަން ބެލިފައި ނުވުމަކީ ނޫސްވެރިންގެ ހައްގުތަކާއި މިނިވަން މީޑިއާއެއް ރާއްޖޭގައި ގާއިމް ކުރުމަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ މީޑިއާ ކައުންސިލުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ރާއްޖޭގެ ނޫސްވެރި ކަމުގެ ދާއިރާގައި އަންހެނުން މަސައްކަތް ކުރާ ނިސްބަތް މަދުއިރު، މުޖްތަމައުގެ ތެރޭގައި މިފަދަ ގޮންޖެހުންތަކާއި އަދި ނޫސްވެރިންނަށް ފުރައްސާރަތަކާއި ކުރިމަތިލާން ޖެހުމަކީ ދާއިރާއަށް ޝައުގުވެރިކަން ހުރެމެ، ނޫސްވެރިކަމަށް ވަނުމަށް ފަސް ޖެހޭނެ ސަބަބެއް ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ދައިރާގައި އަންހެނުނަށް ހަމަހަމަ ފުރުސަތު ނުލިބި، މިހާރަށް ވުރެ ފަސް ޖެހޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީޑިއާ ކައުންސިލުން ވަނީ، މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކުރުމަށް ގޮވާލާފައެވެ. އަދި ރާއީއަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ ރައްކާތެރިކަން މުވައްސަސާތަކުން ފޯރުކޮށްދިނުމަށް ގޮވާލާފައިވެއެވެ. ހާއްސަކޮށް ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުވައްސަސާތަކުން މަސައްކަތް ކުރުމަށް އެމްއެމްސީގެ ބަޔާނުގައި ވެއެވެ.
އެމްއެމްސީން ބުނެފައިވަނީ، އެ ކައުންސިލުން ދާއިރާގައި މަސައްކަތް ކުރާ އަންހެން ނޫސްވެރިން ކުރިޔަށް ދިއުމުގައި އަބަދުވެސް ހިއްވަރު ދޭނެ ކަމަށެވެ. އަދި ދިވެހި މީޑިއާތަކުގެ ރައްކާތެރިކަމުގެ ހަގީގަތުގައި އަބަދުވެސް ދެމި އޮންނާނެކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ހަސަން އިސްމާއިލް ރާއިއަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް ރިޕޯޓާސް ވިތްއައުޓް ބޯޑާސްއިން ވެސް ބަޔާނެއް ނެރެފައިވެއެވެ. މައްސަލައިގައި އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާ އެ އިދާރާއިން ބުނެފައިވަނީ މިއީ ސީރިއަސް ތުހުމަތުތަކެއް ކަމަށާއި، ނޫސްވެރިން އަބަދު ޑީލް ކުރަންޖެހޭ މީހެއްގެ މައްޗަށް މިފަދަ ތުހުމަތެއް ކުރެވުމަކީ މަގާމުން ދުރުކުރަން ޖެހޭނެ ވަރުގެ ސަބަބެއް ކަމަށެވެ.
ރިޕޯޓާސްއިން ވަނީ، ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް އޮންނާކެމަށް ބެލެވުނު ނަމަވެސް އެ މަންޒަރެއް ނުފެންނަ ކަމަށް ބުނެފައެވެ.
ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތު ކުރެވޭ ހަސަން އިސްމާއިލް އަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ގެ ބޭބެއެވެ.

