ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އައި، ބ. ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނާއި ހަވާލުވެ، އެ މީހުން ރަށުން ބޭލުމަށް ރިޒް ކުންފުނީގެ މައްޗަށް މާޅޮސްމަޑުލު ދެކުނު ބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައިވަނީ ނުރޫޒު ބޭނުންކޮށްގެން ކަމަށް ބުނެ އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ވަނީ، އެ ކޯޓު އަމުރު ނެރުނު ދަރަންވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފް އަށް ފިޔަވަޅު އަޅައިދިނުމަށެވެ.
200 އެއްހާ ބިދޭސީން މަސައްކަތް ކުރަމުން ދިޔަ ބޮޑު ފިނިޅުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް މުސާރަ ނުދޭތާ 05 މަސް ވަނީ ވެފައެވެ. މުސާރަ ނުދިނުގެ ސަބަބުން އެ ރަށުގައި ތިބި ބިދޭސީން، ދިވެހިންތަކެއް ރަހީނުކުރިއެވެ. އަދި އެކަން ހުއްޓުވުމަށް މަސައްކަތް ކުރި ފުލުހުންނާއި އެ މީހުން ވަނީ ކުރިމަތިލާފައެވެ.
ބޮޑު ފިނޮޅުގެ ހަމަނުޖެހުން ކޮންޓްރޯލް ނުކުރެވި އެންމެފަހުން، މާލެއިން އެސްއޯ އާއި، އެމްއެންޑީއެފްގެ ޓީމެއް ޖެހުނީ އެ ރަށަށް ދާށެވެ.
ހަމަ ނުޖެހުމުގެ ތެރެއިން، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އައި ބޮޑު ފިނޮޅަށް ގެއްލުންތަކެއް ލިބިފައިވެއެވެ. އެ މައްސަލާގައި ސީލް މޯލްޑިވްސްގެ ފަރާތުން އެދިފައި ވަނީ ގެއްލުން ދިން ބިދޭސީން ތިބެގެން އެ ކަންކަން ބެލުމުގެ މަސައްކަތް ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެ ރިޒްއިން އެ ބިދޭސީންނާއި ހަވާލުވެ، ރަށުން ބޭލުވުމަށެވެ.
މައްސަލައިގައި، ސީލް ކުންފުނިން ބުނެފައިވަނީ މީގެ ކުރިން ވެސް ރިޒް ކުންފުންޏަށް ރަށުގައި ތިބި ބިދޭސީން، ބޮޑުފިނޮޅުން ބޭލުމަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ރިޒް ކުންފުނިން އެ ސިޓީއަށް އަމަލު ކުރަންޖެހުނު ނަމަވެސް، ބޮޑު ފިނޮޅުގެ ހަމަނުޖެހުން ހިނގައިދިޔައީ އެ އެންގުމަށް އަމަލު ނުކޮށް ތިއްބާ ކަމަށެވެ. އަދި ކޯޓުން ނެރުނު އަމުރުގައި ވަނީ އެކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުރިކަމަށް ބުނެފައެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ، މުވައްޒަފުން ރަށުން ބޭލުމަށް ރިޒް ކުންފުންނިން އެނގުމުގެ ބާރު އެއްބަސްވުމުގެ ދަށުން ލިބިގެންވާކަން އެނގެން އެބައޮތް ކަމަށެވެ.
ރަށުގައި ބިދޭސީން އިތުރަށް ރަށުގައި ބައިތިއްބައިފިނަމަ، ސީލް ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ މައްސަލައިގައި ރިޒް ކުންފުނިން ބޮޑު ފިނޮޅުގައި ތިބި ހުރިހާ އެންމެނާއި ވެސް ހަވާލުވެ އެ މީ ހުން ރަށުން ބޭލުމަށް ކޯޓު އަމުރުގައި ވަނީ އަންގާފައެވެ. އަދި ރިޒް ކުންފުނީގެ އެއްވެސް މުދަލެއް ބޮޑު ފިނޮޅުގައި ހުރިނަމަ އެތަކެތި ވެސް ރަށުން ބޭލުމަށް ކޯޓު އަމުރުގައި ވެއެވެ.
މައްސަލައިގައި ރިޒް ކުންފުނިން ބަޔާނެއް ނެރެ ބުނެފައިވަނީ، ތުޅާދޫ ކޯޓަށް ހުށަހެޅުނު މައްސަލައިގެ އަޑު އެހުމެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް އާދީއްތަ ދުވަހު ތާވަލު ކުރިކަމަށެވެ. ނަމަވެސް އެކަން ކުންފުންޏަށް އެންގީ ވަގުތު ކުޑަތަންވެފައިވަނިކޮށް ކަމަށެވެ.
ކޯޓު އަމުރު ނެރުނު ގާޒީއާއި ގުޅޭގޮތުން ރިޒް ކުންފުނިން ޖޭއެސްސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަޑުއެހުން ފެށުމުގެ ކުރިން އިޖުރާއީ ހަ ނުކުތާއަކާއި އެ ނުކުތާތަކަށް ބާރުދޭ ލިޔެކިޔުން ޝަރީއަތަށް މެއިލްގެ ޒަރީއާއިން ފޮނުވި ކަމަށެވެ. އަދި އެ ލިޔެކިޔުންތައް ލިބުނުކަން ވެސް އަންގާފައިވާ ކަމަށެވެ.
ޝަރިއަތުން ގޮތް ނިންމާފައިވަނީ، އެންމެ ނުކުތާއަކަށް ކަމަށް ބުނެ، ރިޒް ކުންފުނިން ވަނީ ވަގުތީ އަމުރަށް ޖަވާބުދާރީވުމަށް ފުރުސަތުނުދީ އިއުތިރާޒު ކުރަމުން ދަނިކޮށް ވަގުތީ އަމުރާމެދު ނިންމާ ގޮތް ކުރިޔަށް ގެންދިޔައިރު ވީޑިއޯ އަދި އޯޑިއޯވެސް މެދުކެނޑިފައިވާ ކަމަށެވެ.
ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އަހްމަދު ލަތީފް އެކުންފުނިން ހުށަހެޅި އެއްވެސް ނުކުތާއަކަށް ރިއާޔަތް ނުކުރާ ކަމަށެވެ. އަދި މަގާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ވަކިގޮތަކަށް މައްސަލަ ނިންމެވުމަކީ ފަނޑިޔާރުންގެ ގާނޫނާއި ހިލާފް ކަމެއް ކަމަށެވެ. އެހެން ކަމުން މި މައްސަލަ ބަލައިދިނުމަށް އެދޭކަމަށް އޭގައި ވެއެވެ.
ފާއިތުވީ ހަތަރު މަސް ދުވަހުގެ މުސާރަ ދީފައި ނުވާތީ، ބޮޑު ފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ވަނީ މުޒާހަރާކޮށް އިހުތިޖާޖުތަކެކޮށްފައެވެ. އަދި އެ މީހުން ޑިމާންޑަކީ މުސާރައާއި މެދު ވަކި ގޮތެއް ހަމަޖެއްސުން ކަމަށްވާއިރު އެ ހަމަނުޖެހުން އެންމެ ފުރަތަމަ ވެސް ބިދޭސީން ފަށާފައިވަނީ ރަށުގައި ތިބި ދިވެހި މަސައްކަތްތެރީން ރަހީނުކޮށްގެންނެވެ.
ބިދޭސީންގެ އަތް ދަށުގައި 15 ދިވެއްސަކު ތިބިއިރު، ރަށުގައި އޭރު ތިބީ 200 ބިދޭސީންނެވެ. އެތައް ގަޑިއިރެއްގެ މަސައްކަތްތަކަށްފަހު އެންމެ ފަހުން، މާލެއިން އެސްއޯ ފުލުހުންގެ ޓީމެއް ރަށަށް ދާން ޖެހުނުއިރު، މީގެ ކުރިން ބ އަތޮޅުގެ ޑިވިޒަން ފުލުހުން ރަށަށް އަރަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވަނީ ފުލުހުންނަށް އަމާޒުކޮށް ގާތަކައި، ދަގަނޑު ނަޓުތައް، އަދި ތޫނުކޮށްފައި ހުރި ދަގަނޑުތައް ދޯންޏަށް އަމާޒުކޮށް އުކަން ފެށުމުންނެވެ.
އެއްވެސް ގެއްލުމެއް ނުލިބި، ރަހީނު ކުރި ދިވެހިންތައް ސަލާމަތް ކުރެވިފައި ވަނީ، އިއްޔެގެ ހެނދުނު އިރު އެރިފަހުން ނެވެ.

