ހުޅު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ކެންޔާގެ އަންހެން މީހާއާ މެދު ހިންގާފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރު ކުރި ދެ މީހުން ވަނީ އެ މީހުން ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލާފައެވެ. 39 އަހަރުގެ ދިވެހި ދެ ފިރިހެނުން އެ ކޭސްއާއި ގުޅިގެން ހައްޔަރު ކުރިއިރު އެ މީހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލާން ޖެހުނީ ”މަތީން އައި ފޯނު ކޯލެއް“ ގެ ސަބަބުން ކަމަށް ވާހަކަތައް ފެތުރޭއިރު އޭގެ ތެރެއިން އެކަކު އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިމީހާކަމަށް ވާހަކަތައް ދެކެވެއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު ކުރެއެވެ. އަދި އެ މައްސަލައިގައި ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމާއި، ކޭސްގައި އޮޅުވާލުންތަކެއް ގެންގުޅޭކަމުގެ ތުހުމަތު އާއްމުން ކުރެއެވެ.
މައްސަލައިގައި މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، ނޫސްވެރިންގެ އެއްވެސް ސުވާލަކަށް ފުލުހުންނަށް ޖަވާބެއް ނުދެވެއެވެ. ކޭސްއަށް އެޓެންޑު ކުރިގޮތާއި، އަދި އަންހެން މީހާގެ ސާމްޕަލް ނެގުމުގައި އަމަލު ކުރި ގޮތާއި ބެހޭ ގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ފުލުހުން ދައްކަމުން ދިޔައީ ތަފާތު އެކި ވާހަކަތަކެވެ.
އެގޮތުން ސަފާރީގައި ތިބި ދެ މީހުން ފަރާތުން ފުރައްސާރައާއި ކުރިމަތިވާން ފެށުމުން، އެ އަންހެން މީހާ މޫދަށް ފުންމާލި ސަބަބާއި ގުޅޭގޮތުން މަންނާނު ވިދާޅުވީ ”އަންހެނަކު ސަލާމަތް ވާން ވެގެން، މޫދަށް ފުންމާލާނީ ބޮޑު ސަބަބެއް އޮވެގެންކަމަށް“ ގަބޫލުކުރާ ކަމަށެވެ. މަންނާނު ވިދާޅުވީ، އެރޭ ސަފާރީގައި ޖިންސީ ގޯނާގެ އިތުރަށް އެހެން ބޮޑު ކަމެއް ވެސް އޭނާއާއި މެދު ހިނގިކަމަށް ބެލެވޭ ކަމަށެވެ.
މަންނާނު ވިދާޅުވީ، އަންހެން މީހާ ތަހުގީގަށް ކިޔައިދިން ގޮތުގައި މޫދަށް ފުންމާލީ އޭނާއި މެދު ޖިންސީ ގޯނާގެ އަމަލެއް ހިންގުމަށްފަހު ދެވަނަ ފަހަރަށް ވެސް އެ އަމަލު ހިންގަން މަސައްކަތް ކުރުމުން ކަމަށެވެ. ޖިންސީ ގޯނާއަށް ވުރެ ބޮޑުކަމެއް އެތަނުގައި ހިނގާފައި އޮވެދާނެ ކަމަށާއި އަދި ފުލުހުންގެ ފޯކަސްއަކަށް ވާނީ އެކަމެއް ތަހުގީގު ކުރުން ކަމަށް މަންނާނު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ބޭނުން ކުރާ ބަހަކީ ޖިންސީ ގޯނާ އެ ތަނުގައި. އަޅުގަނޑުމެންގެ ނިޔަތަކީ ފަހަރެއްގައި އަޅުގަނޑުމެން ގަބޫލުކުރަމޭ އެއަށްވުރެ ބޮޑު ކަމެއް އެތާ ހިނގާފައި އޮވެދާނޭ. ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނޭ. އެހެންވީމަ އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ އެކަން ތަހުގީގު ކުރުން“ މަންނާނު
މަންނާނު ވަނީ، ”މެންދުރު އޮންލައިން“ ކިޔާ ވެބްސައިޓެއްގައި ވިކްޓިމް އާއި ހަވާލާދީ ގެނެސްދީފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އަންހެން މީހާ ތަހުގީގަށް ކިޔައިދިން ވާހަކަތަކާއި، އެ ވެބްސައިޓުގައި ލިޔެވައިވާ ވާހަކަތަކާއި ވެސް ތަފާތު ކަމަށެވެ.
މަންނާނު ވިދާޅުވެފައިވަނީ، މައްސަލަ ކުރިޔަށް ގެންދަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް ސަފާރީ ކޭސްއާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އޭރު ވެސް މަންނާނު ވިދާޅުވަމުން ގެންދިޔައީ އެއީ ޖިންސީ ގޯނާގެ އަމަލެއް ކަމަށާއި، އެ ކޭސް ކުރިޔަށް ގެންދަނީ އެގޮތަށް ބަލައިގެން ކަމަށެވެ.
މިއަދުގެ ޕްރެސްގައި ވެސް ފުލުހުން އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ ނޫސްވެރިނަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މެމްބަރުން ވެސް ވަނީ ނޫސްވެރިންނަށް އަމާޒުކޮށް ފާޑުކިޔާފައެވެ.
މައްސަލައާއި ގުޅިގެން ނޫސްވެރިން ވަނީ ފުލުހުންގެ މީޑިއާ އޮފިޝަލް ގްރޫޕުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިމީހާތޯ ނުވަތަ ނޫން ތޯ ސާފު ކުރުމަށް އެދިފައެވެ. އަދި އޭނާ ހައްޔަރު ނުކުރާނަމަ އެކަން ހާމަކުރުމުން މީޑިއާތަކުން އެކަން ރިޕޯޓު ކުރާނެ ކަމާއި، އެއީ ދޮގެއްނަމަ އެ ކަތިލެވެނީ މީހެއްގެ އަބުރުކަން ވެސް ނޫސްވެރިން ފާހަގަކުރިއެވެ. ނަމަވެސް ފުލުހުން ތަކުރާރުކޮށް ބުނަމުން ދިޔައީ މީހެއްގެ ޒާތީ އެއްވެސް މައުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށެވެ. ނޫސްވެރިން އެތައް ސުވާލުތަކެއް ގްރޫޕްގައި ކުރިއިރު ވެސް އެއްވެސް ޖަވާބެއް ފުލުހުން ދީފައި ނުވެއެވެ. އަދި މިއަދުގެ ޕްރެސްގައި ވެސް ފުލުހުން ދިން ޖަވާބަކީ އެއީއެވެ.
ފާޑުކިޔުން އަމާޒުވެ، އޭގެ ފަހުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މައްސަލައިގައި ހިމެނޭ މީހުންގެ ތުހުމަތުތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

