މިނިސްޓަރު ކަމުގައި ހުންނަވައިގެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދު މަގާމުން ވަކި ކުރިތާ ހަފްތާއެއް ވީއިރު ވެސް އޭނާގެ ބަޔާނެއް މިހާތަނަށް ނަގާފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ޖެންޑާރ މިނިސްޓްރީއަށާއި، ސީދާ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށް މުވައްޒަފުން ވަނީ އަލީ ވަހީދުގެ ފަރާތުން ކުރިމަތިވީ ފުރައްސާރަތައް ހުށަހަޅުއްވާފައެވެ. އަދި ރައީސް ވަނީ އެ އަޑުތައް އައްސަވާ އަލީ ވަހީދަށް އިސްތިއުފާ ދެއްވުމަށް އަންގަވާފައެވެ. އެހެން ނަމަވެސް ރައީސް ސޯލިހް އެންގެވިގޮތަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން، އޭގެ ޖެހިގެން އައި ދުވަހު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.
އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވިކަމަށް 12 ކުއްޖަކު މައްސަލަ ހުށަހެޅިކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. ކޮވިޑާއި ގުޅިގެން ވެރިރަށް މާލެ ސިޓީ ލޮކްޑައުންކޮށް، މަގުތަކަށް ހުއްދައެއް ނެތި ނިކުތުން މަނާކުރިއިރު މިނިސްޓްރީގެ ބައެއް މުވައްޒަފުން ތިބީ މާގިރީ ހޮޓެލްގައި ލޮކްޑައުން ވެގެންނެވެ.
މިއީ ވަޒީރެއްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި މަގާމުން ވަކި ކުރެވުނު ފުރަތަމަ ފަހަރެވެ. ސޯޝަލް މީޑިއާގައި އާއި، ވޮއިސް އޮފް މޯލްޑިވްސް އިން އިންތިޒާމުގެކޮށްގެން މާލޭގައި ބާއްވަމުންދާ ހަރަކާތްތަކުގައި ބައިވެރިވާ ޒުވާނުން ވެސް ދަނީ އަލީ ވަހީދު ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދިއުމަށް ގޮވާލަމުންނެވެ. އަދި މިނިސްޓްރީގެ އިތުރު ބައެއްގެ ބައިވެރިވުން އޮތް ތޯ ބެލުމަށް ވެސް ގިނަ މީހުން ދަނީ ގޮވާލަމުންނެވެ.
އަލީ ވަހީދަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ ގޮތުގެ މައުލޫމާތު މިއަދު ނޫސްވެރިންނާއި ހިއްސާކޮށްފައިވާއިރު، ޕްރެސްކޮންފަރެންސްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އަލީ ވަހީދުގެ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިޔަށް ކަމަށެވެ. އަދި މިއީ ތަހުގީގުގެ ކުރީކޮޅުކަމަށް ވުމުން އިތުރު ތަފްސީލުތަކެއް ހިއްސާކުރެވެން ނެތް ކަމަށް ބަޝީރު ވިދާޅުވިއެވެ.
ބަޝީރު ވިދާޅުވީ ތަހުގީގު ބޭނުމަށް އަލީ ވަހީދުގެ ފޯނާއި، ލެޕްޓޮޕް އަދި ބައެއް އިލޮކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭގެއިން އެއްވެސް އެއްޗަކުން ހެއްކެއް ނުވަތަ ތަހުގީގަށް ކުރި އެރުމެއް ލިބުނުކަމެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.
އަލީ ވަހީދަކީ މިނިސްޓަރެއްގެ މަގާމުގައި ހުރި ފަރާތަކަށްވެފައި، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާއިރު އެ މައްސަލައިގައި އަލީ ވަހީދުގެ ބަޔާން ނަގައިފިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އަދި މިހާތަނަށް އަލީ ވަހީދުގެ ބަޔާން ނުނަގާކަމަށެވެ. ނަމަވެސް ތަހުގީގަށް ބަޔާން ނަގާނެކަމަށް ވިދާޅުވިއެވެ.
”މައްސަލައިގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކާ ސުވާލެއް ނުކުރަން. އަޅުގަނޑުމެން ނުކޮށް މިހުރީ މިހާރު ތަހުގީގުގައި އައިސްފައި މިހުރި ހިސާބުން އަދި އެކަން ކުރަން ތަހުގީގަށް ނުފެންނާތީ“ މަންނާނު
މަންނާނު ވިދާޅުވީ އަލީ ވަހީދު ފިލާފާނެކަމަށް، އޭނާގެ ޕާސްޕޯޓު ހިފަހައްޓާ ފުރުން މަނާކޮށްފައި ވާކަމަށެވެ.
އަލީ ވަހީދަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވުމުން ވެސް އޭނާ އިސްތިއުފާ ނުދެއްވައެވެ. އަދި އެރޭ ޓްވީޓެކޮށް ވިދާޅުވީ ”ވަގުތު އައިސް ޖެހުމުން ހަގީގަތް ހާމަވާނެ“ ކަމަށެވެ.
އަލީ ވަހީދަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭއިރު، ކޮވިޑުގެ ތެރޭގައި އޭނާގެ އޯޑިއޯއެއް ވެސް ލީކުވިއެވެ. އެ އޯޑިއޯތަކުގައި ކެބިނެޓު މިނިސްޓަރުންނަށް އޭނާ ހުތުރު ބަސްތައް ބޭނުން ކުރައްވާއިރު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ގުޅޭގޮތުން ވަނީ ބޭއަދަބީ، އަދި ހަޑި ހުތުރު ވާހަކަތަކެއް ދައްކަވާފައެވެ. އެ މައްސަލައިގައި އަލީ ވަހީދަށް އެއްވެސް ފިޔަވަޅެއް އޭރު ނާޅައެވެ.

