ހުއްދަ ލިޔެކިޔުންތައް ނެތި އުޅެމުންދާ ބިދޭސީން އަތޮޅުތެރޭގައި އުޅޭ އުޅުން މަދުކުރުމަށްޓަކައި ކައުންސިލްތަކުގެ މަސައްކަތް ފުޅާކުރުމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަންސް މުހައްމަދު އަހުމަދު ގޮވާލައްވައިފިއެވެ.
އޮގަސްޓް މަހުން ފެށިގެން އދ މާމިގިލިގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންނަށް އެރަށުގައި ނޫޅެވޭނެކަމަށް ލިޔެފައިވާ ޚަބަރެއް ރީޓްވީޓްކުރައްވާ ކޮންޓްރޯލަރ ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަތޮޅުތެރެވެފައިވަނީ ”ސޭފް ހެވަން“އަކަށް ކަމަށެވެ. އަދި މާމިގިލީގައި މިކަމަށް ހައްލެއް ގެނައުމަށް ކުރުމަށް ނިންމެވި މަސައްކަތަށް ވަނީ ސާބަސް ރައްދުކުރައްވާފައެވެ.
ކޮންޓްރޯލަރ ވިދާޅުވީ، އަތޮޅުތެރެއަކީ ”ސޭފް ހެވަން“އެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އެސަގާފަތް ބަދަލުކުރުމަށް ރަށްތަކާއި އަތޮޅު ކައުންސިލްތަކުގެ މަސައްކަތް ފުޅާކުރަންޖެހޭ ކަމަށެވެ. އަދި ކައުންސިލްތަކުންވެސް މިކަމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލައްވާފައެވެ.
https://twitter.com/hanafymv/status/1284892069350146048
އޮގަސްޓް މަހުން ފެށިގެން ގަވާއިދާ ޚިލާފަށް މާމިގިލީގައި ބިދޭސީންނަށް ނޫޅޭވޭނެކަމަށް އެރަށު ކައުންސިލުން ހާމަކޮށްފައިވާއިރު، ކައުންސިލުން ވަނީ މިކަމުގައި އަމަލުކުރާނެ އުސޫލުވެސް ބައެއް މީޑިޔާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އޮގަސްޓް މަހުގެ ފަހުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެރަށަށް ގެންނަ މީހަކު ނުވަތަ އެފަދަ ބިދޭސީއަކު ގެންނަ އުޅަނދެއް 2500 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެކަން ތަކުރާރުވާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށެވެ.
ދާދިފަހުން ވަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މޮނިޓަރކޮށް އެކަން ހަރުދަނާކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަންސްގެ އިސްބޭފުޅުންނާއި ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.
ގަވާއިދާ ޚިލާފަށް ގެންގުޅޭ ބިދޭސީންގެ މައްސަލައާއި މުދާރަ ނުދީ ގެންގުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު އަންނަނީ ބިދޭސީން ދޭތެރެދޭތެރެއިން އިހުތިޖާޖުތައް ކުރިއަށް ގެންދަމުންނެވެ. ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށް، މުސާރަ ދިނުމަށް ބިދޭސީން ޑިމާންޑްކުރި ހިސާބުން ފެށިގެން ދޭތެރެދޭތެރެއިން އިހުތިޖާޖުތައް ބާއްވަމުން އަންނައިރު، މިއިހުތިޖާޖުތަކުގައި ހަމަނުޖެހުން ހިނގައި އެކި މީހުންނަށް އަނިޔާވެ ބައެއް މުދަލަށްވެސް ވަނީ ގެއްލުންލިބިފައެވެ.

