ކުޑަކުދިންގެ ހިޔާގައި، ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހު އިންޑިއާގެ ކޮޗިންއިން ބޭސްފަރުވާ ކުރުމަށްފަހު އެނބުރި އައިސް ތަނުގައި ކަރަންޓީންވެގެން އިން ކުއްޖެއްކަމަށް ޖެންޑާރ މިނިސްޓްރީއިން ބުނެފިއެވެ.
ކުޑަކުދީންގެ ހިޔާގައި ހުރި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެންމެ ފުރަތަމަ ދައުރުވީ ސޯޝަލް މީޑިއާގައެވެ.
ޖެންޑާރ މިނިސްޓްރީއިން އެ ކޭސްއާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށް ބުނެފައިވަނީ ބައްޔަށް ޕޮޒިޓިވެފައިވަނީ އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި ކުއްޖާއަކީ މިދިޔަ މާޗު މަހުގެ 06 ވަނަ ދުވަހު އިންޑިއާއަށް ބޭސްފަރުވާއަށް ދިޔަ ކުއްޖެއްކަމަށާއި އެ ކުއްޖާ އެނބުރި އައިސްފައިވަނީ ޖޫން 30 ގައި ކަމަށެވެ. ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދާ އެ ކުއްޖާއަކީ އުފެދުމުގައި ވެސް ބަލި ކުއްޖެއްކަމުން، އެ ކުއްޖާގެ ފަރުވާގެ ކަންކަން ކުރިޔަށް ގެންދަނީ ރާއްޖެއިން ބޭރުންކަމަށް ޖެންޑާރ އިން ވަނީ ބުނެފައެވެ.
ރާއްޖެއަށް އެނބުރި އައުމަށްފަހު، ކުޑަކުދިންގެ ހިޔާގައި ކަރަންޓީނުކޮށްފައި ހުރި އެ ކުއްޖާ ކަރަންޓީނު މުއްދަތު ހަމަވުމުން ބައްޔަށް ޓެސްޓު ކުރިކަމަށާއި އެހެން ނަމަވެސް ޖުލައި 16 ލިބުނު އެ ނަތީޖާތަކުން ކުއްޖާ އެންމެ ފުރަތަމަ ކޮވިޑަށް ނެގެޓިވްކަމަށް ޖެންޑާރ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޖެންޑާރ މިނިސްޓްރީން ބުނެފައިވަނީ އެ ކުއްޖާ އަލުން ޑޮކްޓަރަށް ދައްކާފައިވަނީ ސިއްހީ މައްސަލަތަކެއް ދިމާވެ، ހާލަތު ގޮސްވާން ފެށުމުން ކަމަށެވެ. އެއީ ޖުލައި މަހުގެ 18 ވަނަ ދުވަސް ކަމަށާއި، ވިލިމާލެ ހޮޕިސްޓަލަށް ދެއްކުން އެތަނުން އިރުޝާދު ދިނީ ކުއްޖާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ދެއްކުމަށް ކަމަށެވެ. މިނިސްޓްރީން ބުނެފައިވަނީ ކުއްޖާ އައިޖީއެމްއެޗްގައި އެޑްމިޓުކޮށް ހަމަ އެރޭ ކޮވިޑަށް ޓެސްޓު ކުރިކަމަށާއި އޭގެ ޖެހިގެން އައި ދުވަހު ލިބުނު ނަތީޖާތައް ދައްކާގޮތުން ބައްޔަށް ޕޮޒިޓިވް ކަމަށެވެ.
އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުމާއި އެކު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ކަމާއި ގުޅުން ހުރި އިދާރާތްތަކާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންގެންދާކަން ފާހަގަކޮށް ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ ކުދިންނާއި، އެ ތަނުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގަވާއިދުތަކާ އެއްގޮތަށް ފުރިހަމަކޮށްފައިވާ ކަމުގެ ުަޔަގީންކަން ދޭ ކަމަށެވެ.

