ކޮވިޑާ ގުޅިގެން ދައުލަތާއި ވިޔަފާރިތަކާއި މުޅި ރާއްޖެ ހުއްޓުމަކަށް އައި ދަނޑިވަޅެއްގައި ޖިނާއީ މައްސަލައެއްގެ ތެރެއިން ކުށުގެ ރެކޯޑެއް އުފަން ކުރަން ބޭނުން ނުވާތީ ލޮކްޑައުން އަމުރުތަކާ ހިލާފުވި މައްސަލަތަކުގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް، ޕީޖީއިން ނިންމައިފި އެވެ.
ޕީޖީ އޮފީހުން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުނު ލޮކްޑައުން އަމުރާއި ހިލާފުވެގެން ދައުވާކޮށްފައިވާ މައްސަލައިގައި ދައުވާކުރުމަށް ކޯޓަށް ހުށަހެޅި މައްސަލަތައް ކުރިޔަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް އަނބުރާ ގެނެސް ފުލުހަށް ފޮނުވާފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މައްސަލައިގައި ޕީޖީން ނިންމާފައިވާ ބައެއް ނިންމުންތައް މީޑިއާތަކާއި ހިއްސާކޮށް އެ އޮފީހުން ބުނެފައިވަނީ ލޮކްޑައުން އަމުރާއި ހިލާފުވެގެންކޮށްފައިވާ ޖޫރިމަނާ ތަންފީޒުކޮށް އެ ފައިސާ ހޯއްދެވުމަށް ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުމަށް ދައުލަތުކުގެ މުވައްސަސާތަކަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
ޕީޖީން ބުނެފައިވަނީ ލޮކްޑައުން އަމުރާއި ހިލާފުވެގެން ފިޔަވަޅު އެޅޭ ހަމަ ހުރިހާ މީހުންނާއި މެދު ހަމަހަމަ އުސޫލުތަކުން އަމަލު ކުރުމަކީ ދުސްތޫރީ ގޮތުން ލާޒިމުވެގެންވާ ކަމެއްކަމަށާއި ލޮކްޑައުންގެ އަމުރާއި ހިލާފުވީ މީހުންގެ ތެރޭގައި، އެކި ސަބަބުތަކާއި ހުރެ މާލޭގައި ތާށިވެފައިތިބި މީހުން ތިބިއިރު އެ މީހުން ލޮކްޑައުން އަމުރާއި ހިލާފުވާންޖެހުނު މަގުބޫލު ސަބަބުތަކެއް ހުރިކަމަށް ގަބޫލު ކުރެވޭކަމަށެވެ. އަދި އެކަމުގެ މައްޗަށް ބަލައި ޖިނާއީ ކުށެއްގެ ރިކޯޑެއް އުފަން ކުރުމުގައި މުޖްތަމައުގެ އާއްމު މަސްލަހަތެއް އޮތްކަމަށް ނުފެންނާތީ އާއި ކޮވިޑް-19 އާއި ގުޅިގެން ދައުލަތާއި ވިޔަފާރިތަކަށް މުޅި ރާއްޖެ ހުއްޓުމަކަށް އައިސް އެތައް ބައެއްގެ ވަޒީފާތައް ވެސް ގެއްލިފައިވާ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އުފެދިގެން އައި ކަމެއްގައި ޖިނާއީ މައްސަލައެއްގެ ތެރެއިން ކުށުގެ ރިކޯޑެއް އުފަން ކުރުމަކީ މިވަގުތަސް މުޖްތަމައުގެ ތެރޭގައި އޮތް އާއްމު މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ނުފެންނަ ކަމަށެވެ.
މީގެ އިތުރުން މި ނިންމުން ނިންމާފައިވަނީ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ކ) ގެ ދަށުން ބަންޑާރަ ނައިބު ނެރުއްވާފައިވާ ޕޮރޮސެކިއުޓާރ ޖެނެރަލް އަމަލު ކުރަންޖެހޭ މައިގަނޑު ސިޔާސަތުގެ ”ދައުވާ ކުރުމާއި، ނުކޮށް ދޫކޮށްލުމާއި، ދައުވާ މުރާޖައާ ކުރުން“ ސުރުހީގެ 01 ވަނަ ނަމްބަރުގައި ”ޖިނާއި އަދުލުގެ ނިޒާމުގެ މައިގަނޑު އަސާސަކީ މީހުންނަށް އަދަބު ދިނުންކަމަށް ނުވާ ގޮތަށް، ވީވަރަކުން، އަލަށް ކުށްކުރާ ހާލަތުގައި، ކުށުގެ އަމަލުތަކުގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ލިބޭ ބާވަތުގެ މައްސަލަތަކުގައި ޖިނާއީ ކުށުގެ ދައުވާ އުފުލުމަކާއި ނުލައި ގާނޫނުގައި ކަނޑައަޅާދީފައިވާ އެހެނިހެން ގޮތްގޮތުން މައްސަލައިގައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމްކޮށް ހިންގުން“ ކަމަށް އޮންނައިރު ”ލޮކްޑައުން އަމުރާއި ހިލާފުވެގެން ކުރެވުނު ޖޫރިމަނާގެ ކަންކަން ހަރުދަނާކަމާއި އެކު ހަމަހަމަ ގޮތެއްގައި ތަންފީޒު ކުރުން، މިވަގުތަށް އާއްމު މަސްލަހަތަށް ބަލާއިރު ރަނގަޅުކަމަށް“ ފެންނަ ކަމަށް ބަޔާނުގައި ވަނީ ފާޙަގަކޮށްފައެވެ.

