އަމާޒަކީ ތަފާތުކުރުމެއްނެތި ހުރިހާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުންކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވާފައިވާ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވަކި ފަނޑިޔާރަކަށް ވަކި ގޮތެއް ނުހަދާނެ ކަމަށެވެ. އަދި ވަކި ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލައި، ވަކި ފަނޑިޔާރެއްގެ މައްސަލަ ނުބަލައި ނުދޫކޮށްލާނެކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ވަޑައިގެންނެވީ ވަރަށް މުހިންމު ގިނަ ވައުދުތަކާއެކު ކަމަށާއި، ޚާއްސަކޮށް ޝަރުއީ ނިޒާމް އިންސާފްވެރި ތަނަކަށް ހެދުމަށް ވީ ވައުދު ފާހަގަކޮށްލެވޭ ކަމަށެވެ. އެހެންނަމަވެސް، އެއީ އެއް ރެއިން ވާނެ ކަމެއްނޫން ކަމަށާއި ވަކި ޚާއްސަ އިޖުރާއަތްތަކެއް ފުރިހަމަކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަލްއުސްތާޛް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާއި ގުޅޭގޮތުން ޖޭއެސްސީއިން ފޮނުވި މައްސަލަ މިހާރު ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. މައުސޫމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާކަން ޖޭއެސްސީއިން ހާމަކޮށްފައިވަނީ މިޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. މިމައްސަލަ މަޖިލީހަށް ފޮނުވުމަށް ނިންމެވިއިރު، މައުސޫމް ހުންނެވީ 60 ދުވަހުގެ ސަސްޕެންޝަނެއްގައެވެ.
މައުސޫމްގެ މައްޗަށް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމުގެ ތުހުމަތުކުރެވޭއިރު، މައުސޫމްގެ ބޭންކް އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖައިޒްގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާކަމަށް ޖޭއެސްސީއިން އާންމުކޮށްފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރަށް ވަޒީފާގެ މާހައުލާއި އެކަށިގެންނުވާ ގޮތަށް މުވައްޒަފުންނަށް އަމަލުކޮށްފައިވާ ކަމަށާއި، މައުސޫމްގެ ފަރާތުން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިމަތިވެފައިވާކަން ސާބިތުވާކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

