ބޮޑެތި އުޅަނދުފަހަރަށް ގާތްކުރެވޭ މިންވަރަށް، ފ.ދަރަނބޫދޫގެ ބަނދަރު ބޮޑުކޮށް، ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 33 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
ހުސްވި އަހަރުގެ ޑިސެމްބަރުމަހުގެ 10 ވަނަދުވަހުގައި، ފ.ދަރަނބޫދޫގެ ބަނދަރު ބޮޑުކޮށް، ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު، މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވަނީ، ވޭތުވެދިޔަ މެއިމަހުގެ 27 ވަނަ ދުވަހުގައެވެ.
މި މަޝްރޫޢުގެ މަޢުލޫމާތު ހާމަކުރަމުން އެމްޓީސީން އަންގާރަދުވަހު ބުނީ، މި މަޝްރޫޢުގެ ދަށުން ދަރަނބޫދޫގައި 410 މީޓަރު ބޭރު ތޮއްޓަކާއި، 196 މީޓަރުގެ އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށާއި، ނެރު ބައްތި ހަރުކުރުމަށާއި، ބަނދަރު ސަރަހައްދުގައި ޕޭވްމަންޓް ޤާއިމުކޮށް ބައްތި ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން މަޢުލޫމާތުދީފައިވެއެވެ.
397 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢުއަށް، 38.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

