ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 45 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު ތިންހާހުން މައްޗަށް އަރައިފިއެވެ.
މި ކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާރަދުވަހުގެރޭ ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 45 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، 31 ދިވެހިންނާއި، ބަންގްލަދޭޝްގެ 12 މީހަކާއި، އިންޑިއާގެ 02 މީހެއްކަމަށް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. މި ޢަދަދުތަކާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު 3،044 އަށް އަރާފައިވާކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައިވަނީ ބުނެފައިވެއެވެ.
https://twitter.com/HPA_MV/status/1285620754772615169?s=20
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޢަދަދު 3،044 އަށް އަރާފައިވާއިރު، ބަލި ޖެހުނު މީހުންގެތެރެއިން އިތުރު 28 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިޖެހުނު މީހުންގެތެރެއިން، ރާއްޖެއިން މިހާތަނަށް 2،397 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާދެމުން އަންނަނީ، 617 މީހުންކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި 472 މީހުން އައިސޮލޭޝަން ފެސިލިޓިގައި ތިބިކަމަށް ވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުވަނީ ބުނެފައެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 15 މީހުން ނިޔާވެފައިވާއިރު، އޭގެތެރެއިން 10 މީހުންނަކީ ދިވެހިންނެވެ. އޭގެ އިތުރުން ދެން ހިމެނެނީ ބަންގްލަދޭޝްގެ 04 މީހުންގެ އިތުރުން، ޕިލިޕީންސް މީހެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

