ކޮރޮޕްޝަންގެ މައްސަލަތަކާއި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝއިޢުކޮށްފިއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރުމަށް ހަމަޖެހިފައިވާ މައްސަލަތަކަކީ 1 ޖަނަވަރ 2012 އިން ފެށިގެން 17 ނޮވެންބަރު 2017 ގެ ނިޔަލަށް ހިންގައިފައިވާ، ޚިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކުގެ ތެރެއިން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގެ ތެރެއިން އެކި ފަރާތްތަކުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާއި، ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ބަލާ މައްސަލަތަކެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަނަށް މައްސަލަ ހުށަހަޅާއިރު، މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭ މަޢުލޫމާތާއި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މަޢުލޫމާތު؛ ހުށަހަޅަން ޖެހޭނެއެވެ. މީގެއިތުރުން ކުށެއް ކުރިކަމަށް ގަބޫލުކުރެވޭ ސަބަބުތަކާއި ކުށް ކުރިކަމަށް ބެލެވޭ ތާރީޚު؛ އަދި މައްސަލަ ހިނގިކަމަށް ބެލެވޭތަނުގެ އިތުރުން މައްސަލަ ހިނގި ގޮތްކަމަށް މައްސަލަ ހުށަހަޅާ ފަރާތަށް ގަބޫލުކުރެވޭ ގޮތް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.
އެސެޓް ރިކަވަރީ ކޮޖިޝަނުން ތަހުގީގުތައް ކުރިއަށް ގެންދިއުމާއި ބެހޭ ގޮތުން އެކުލަވާލި ގަވާއިދުގައި ބުނެފައިވާ ގޮތުގައި ތަޙުޤީޤެއް ފަށައިގަތުމަށް ބޭނުންވާ މިންވަރަށް މައްސަލަ ހުށަހެޅި ފަރާތުން މަޢުލޫމާތު ހިމަނައިފައި ނުވިނަމަވެސް، އެ މައްސަލައަކީ ތަޙުޤީޤު ކުރަންޖެހޭ މައްސަލައެއްކަމަށް ކޮމިޝަނަށް ފެންނަނަމަ، ތަޙުޤީޤެއް ފެށޭ މިންވަރަށް މަޢުލޫމާތު އެއްކުރުމަށް ކޮމިޝަނުން މަސައްކަތް ކުރަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.
މީގެއިތރުން ވެސް ކޮމިޝަނަށް މީޙުން ހާޒިރު ކުރެވޭނެ ގޮތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާއި ސުވާލު ކުރާނެ ގޮތާއި މި ނޫންވެސް ގިނަ ކަންތައްތަލެއް ގަވާއޮދުގައި ވަނީ ކަނޑައަޅާފައެވެ.

