ރ.ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 67 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީން ބުނެފިއެވެ.
ހުސްވި އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުގައި ޢަމަލީ މަސައްކަތް ފަށާފައިވާ، ރ.ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާާކުރަމުން އެމްޓީސީސީން މިއަދު ބުނީ، މި މަޝްރޫޢުގެ 67 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެތެރެއިން މަގުތަކުގެ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މި މަހުގެ 14 ވަނަ ދުވަހުގައި ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. މި ގޮތުން ދުވާފަރުގެ 12 މަގެއްގައި 3312.23 މީޓަރު ސަރަހައްދެއްގައި އޭބީސީ ފަށަލައަޅާފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
https://twitter.com/MTCCPlc/status/1285789844149436416?s=20
އެމްޓީސީސީން ހާމަކުރިގޮތުގައި، މި މަޝްރޫޢުގެދަށުން މަގުތަކުގައި ދުއްވޭގޮތަށް 25،513 ސްކެއަރ މީޓަރ ސަރަހައްދެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ަމީގެ އިތުރުން، މަގުތަކުގައި ބައްތިތައް ހަރުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްކުރަން ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
2019 ވަނަ އަހަރުގެ މެއިމަހުގެ 22 ވަނަ ދުވަހުގައި އެމްޓީސީސީއާއި ހަވާލުކޮށްފައިވާ، މި މަޝްރޫޢަށް 47.04 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ލަފާކުރެވޭކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

