ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެތެރެއިން، ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް ޚިދުމަތްދީފައިވާ 200 އަށްވުރެ ގިނަ ތަންތަނާއި ސުވާލުކޮށް ނަސޭހަތްތެރިވެ، އޭގެތެރެއިން ބައެއް ތަންތަން ޖޫރިމަނާކޮށްފިއެވެ.
ބުދަދުވަހުގެރޭ ހެލްތު އިމަރަޖެންސީ އޮޕްރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފް ވިދާޅުވީ، ފުރަބަންދަށް ލުއިތަކެއްދީފައިވީ ނަމަވެސް، ހެދިފައިވާ ޤަވާއިދުތަކާއި އުސޫލުތަކަށް ޢަމަލުކުރަމުންދޭތޯ ބެލުމުގެ މަސައްކަތްތައް ފުލުހުން ކުރާކަމަށެވެ. މި ގޮތުން މިހާރު އެންމެ އިސްކަމެއްދެއްވަނީ، މަނާކޮށްފައިވާ ވަގުތުތަކުގައި މީހުން ބޭރަށް ނިކުމެ އުޅުމާއި، ފިހާރަތަކާއި، ކެފޭ ރެސްޓޯރަންޓްތަކުން ޚިދުމަތްދެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނަޑައަޅާފައިވާ ގަޑިތަކާއި އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްތައްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބައެއް ފަރާތްތަކުން އަދިވެސް އުސޫލުތަކާއި ޚިލާފުވާކަމަށް ފާހަގަކުރެއްވިފައިވާ ކަމަށެވެ. މި ގޮތުން ޖުލައި 01 ވަނަ ދުވަހުން ފެށިގެން ވިޔަފާރިކުރާ 101 ތަނަކާއި، ކެފޭ،ހޮޓާ، ރެސްޓޯރަންޓް ހިމްނޭހެން 110 ތަނަކާއި ސުވާލުކޮށް ނަސޭހަތްތެރިވެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ވިޔަފާރިކުރާ 23 ތަނެއް ޖޫރިމަނާކުރިކަމަށާއި، ކެފޭ، ހޮޓާ، ރެސްޓޯރަންޓް ހިމެނޭހެން 14 ތަނެއް ޖޫރިމަނާކޮށްފައިވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
”ޖުލައި އެކަކުން ފެއްޓިގެން މިއަދާ ހަމައަށް އައިއިރު މަނާގަޑީގަ ވިޔަފާރިކުރެވިގެން 101 ފަރާތަކާއި ސުވާލުކުރެވި ނަސޭހަތްދެވި އަދި އޭގެތެރެއިން 23 ފަރާތެއް އަޅުގަނޑުމެންވަނީ ޖޫރިމަނާ ކުރެވިފަ. އަދި ކެފޭ،ހޮޓާ، ރެސްޓޯރަންޓް އޭގެތެރެއިން ވެސް، 110 ފަރާތަކަށް ސުވާލުކުރެވި ނަސޭހަތްދެވި 14 ފަރާތެއްވަނީ ޖޫރިމަނާކުރެވިފަ. އަދި ހަމައެހެންމެ މަނާގަޑީގަ މަގުމަތީގަ އުޅެގެން 2075 މީހުންނަށް ނަސޭހަތްދެވި 40 ފަރާތެއްވަނީ، ޖޫރިމަނާކުރެވިފަ. އެޗްޕީއޭއިން މި ނެރޭ ގައިޑްލައިންތައް ތަންފީޒުކުރުމުގެ ގޮތުން ފުލުހުންދަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން.“ ޝަރީފް
ކޮވިޑް-19 އަށް ދިން ލުއިތަކާއެކު، ކެފޭ،ހޮޓާ، ރެސްޓޯރަންޓް ފަދަ ތަންތަނުން މިހާރު ޚިދުމަތް ފޯރުކޮށްދެވޭނީ، ފަތިހު 05:00 އިން ފެށިގެން، ރޭގަނަޑު 22:00 އާއި ހަމައަށއވެ. މީގެ އިތުރުން ފިހާރަތަކުން ޚިދުމަތް ފޯރުކޮށްދެވޭނީ، ހެނދުނު 09:00 އިން ފެށިގެން، ރޭގަނޑު 22:00 އަށެވެ.

