މިޔަރުގެ ސަބަބުން މަސްވެރިިންނަށް ގެއްލުންވެ ދަތިވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއަށް މިނިސްޓަރ ޒަހާ ހާޒިރުވެވަޑައިގަތުމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލްލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ފަރުމަސް ބާނާ މީހުންނާއި ކަންނެލި މަސްވެރިކަންކުރާ މީހުންވެސް މިޔަރުގެ ސަބަބުން ދަތިވާކަމުގެ ޝަކުވާތައް ކުރަމުންދާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ދެޕްލެޓްފޯމެއްގައި ދިރާސާތައް ހަދަމުންދާކަމަށް ވިދާޅުވިއެވެ.
އޭގެ ތެރެއިން އެއް ދިރާސާއަކީ، ކަނޑު އަޑީގެ ފުޓޭޖްތައް ނަގައިގެން ހަދާ ދިރާސާއެއް ކަމަށާއި އަދި ދެވަނަ ދިރާސާއަކީ ފަރުތަކުގެ ދިރާސާއެއް ކަމަށެވެ. މިދިރާސާތަކުގެ ރިޕޯޓްތައް އަދި ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް، ދުނިޔޭގެ އެހެން ހިސާބުތަކުގައި އުޅެމުންދާ މިޔަރުގެ އާބާދީއާ އަޅާ ބަލާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި އުޅެމުންދާ މިޔަރުގެ އާބާދީ އެއަދަދާއި ގާތްވެސް ނުކުރާކަމަށް ތަޖުރިބާކާރުން ވިދާޅުވާކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިކަމަކަކީ ދިވެހި މަސްވެރިންގެ ކަންބޮޑުވުން އޮތް ކަމަކަށްވުމުން އެކަން ބަލައި ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ޒަހާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައަޅުއްވާފައިވާ މައްސަލަތަކަކާއި ގުޅިގެންނެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީއިން މިހާތަނަށް އަައިއިރު ކުރެވިފައިވަނީ ކޮން މަސައްކަތްތަކެއްތޯ އަދި ފުއްދިފައިވަނީ ކޮންކޮން ވައުދުތަކެއްތޯ ބެލުމަށް ވަނީ ހުށައަޅުއްވާފައެވެ.
މިސުވާލުތަކަށް މިނިސްޓަރ ޒަހާ ތަފްސީލީ ގޮތެއްގައި ވަނީ ޖަވާބު ދެއްވާފައެވެ. އަދި ޒަހާގެ ޖަވާބަށްފަހު އެއްޗެއް ވިދާޅުވާން ޖާބިރަސް ފުރުސަތު ދެއްވުމުން، ކުރެއްވި ސުވާލުތަކަށް ޖަވާބު ނުލިބޭ ކަމަށާއި ފިޝަރީޒް މިނިސްޓްރީ ނުހިނގައިގެން އުޅެނީ މިނިސްޓަރުގެ އުނދަގޫ ބޮޑުކަމުންކަމަށް ވަނި ވިދާޅުވެފައެވެ. އަދި މިއީ ކުރައްވާ ވިޔަފާރިއެއްތޯ ސުވާލު އުފައްދަވައި މިނިސްޓްރީއަކީ ރެގިއުލޭޓަރީ ބޮޑީއެއް ކަމަށް ވިދާޅުވެ، ވިޔަފާރިތަކަށް ފުރުސަތު ހުޅުވާނުލެވިގެން އުޅެނީ ކީއްވެތޯ ސުވާލުކުރެއްވިއެވެ.
މިފަދަ ގޮތަކަށް ވާހަކަދެއްކެވުމަށްފަހު، ސަރުކާރު ނުހިނގައިގެން އުޅޭނީ މިނިސްޓަރ ޒަހާމެން ފަދަ މިނިސްޓަރުންގެ ސަބަބުންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި، ކޮމެޓީގައި އިންނަވަންވެސް ބޭނުންފުޅުނުވާކަމަށް ވިދާޅުވެ، މެމްބަރު ޖާބިރު ވަނީ ކޮމިޓީ ފެށުނުތާ މާގިނަ އިރެއްނުވެ ކޮމެޓީ ދޫކުރައްވައި ވަޑައިގެންފައެވެ.

