ރ. ވަންދޫ ބަނދަރު މަރާމާތުކޮށް ބަނދަރު ފުންކުރުމުގެ މަޝްރޫޢުގެ 12 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން އެމްޓީސީސީން މިއަދު ބުނީ ވަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރަމުންއައި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތްވަނީ މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފަހުން ހަދާފައިވާ އެއްގަމު ތޮށި ރޫޅާލުމުގެ މަސައްކަތްކަމަށްކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން އެމްޓީސީސީން ބުނީ އާ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ޔުނިޓުތައް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށެވެ.
އެމްޓީސީސީން ބުނީ ވަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 1،870 (އެއްހާސް އައްސަތޭކަ ހަތްދިހަ) ކިއުބިކް މީޓަރުގެ ހާބަރ ބޭސިން ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 75 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.
ހުސްވިއަހަރު އޮގަސްޓުމަހުގެ 26 ވަނަދުވަހުގައި އެމްޓީސީސީން ހަވާލުވެފައިވާ މި މަޝްރޫޢުއަށް 5.99 (ފަހެއް ޕޮއިންޓު ނުވަދިހަނުވައެއް) މިލިއަން ހޭދަވާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

