ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙަޤީޤަތުގައި އަދިވެސް ރާއްޖެ މިނިވަނެއްނުވެއެވެ.

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަންކަމުގެ ހަނަދާންތައް އައުކުރާ މިފަދަ ދުވަސްވަރެއްގައި، މިނިވަންކަމާބެހޭ ވާހަކަތައް ދައްކައިލުން ވަރަށް ވެސް މުހިންމެވެ. މިނިވަންކަމަކީ ކޮބައިތޯއެވެ؟ ބައެއް މީހުންގެ ނަޒަރިއްޔާތުގައި މިނިވަންކަމަކީ ހިތުހުރި ގޮތަކަށް އުޅުންކަމަށްވެދާނެއެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި ހިތަށްއެރި ގޮތަކަށް އުޅުމަކީ މިނިވަންކަން ގެއްލިދާނެކަމެއްކަމަށެވެ. އެހެނީ، އެއްވެސް މިނިވަންކަމަކީ، ޒިންމާތަކަކާއި މަސްއޫލިއްޔަތެއްނެތި ލިބޭ އެއްޗެއްނޫންކަމަށްވުމެވެ. މިނިވަންކަން މާނަކުރަންޖެހޭނީ، ހަމަޖެހުމާއި އަމަންއަމާންކަން، ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އޮތް މަގެއްކަމުގައެވެ. ހަމަނުޖެހުމާއި ނާމާންކަން، ހަލަބޮލިކަމާއި ނުރައްކާތެރިކަމަށް، މިނިވަންކަމުން މަގުފަހިވެގެންދާނަމަ، އެ މިނިވަންކަން ގެއްލިދިއުންވަނީ ވަރަށް ގާތުގައެވެ.

ތަހުޒީބު މުޖުތަމަޢުއެއްގައި، އަނެކުންނަށް އިޙުތިރާމުކުރުމަކީ ކޮންމެހެން ވެސް ބޭނުންކަމަކެވެ. އަދި މިނިވަންކަން ލިބޭ މީހުންނަކީ، އެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން އަނެކުންގެ ޙައްޤުތަކަށް އަރައިގަންނަ ބަޔަކަށްވުމުން ވެސް ދުރުވާންޖެހެއެވެ. ދިވެހިރާއްޖެއަކީ، މިނިވަންކަމާއި، ޙައްޤުތައްލިބިދޭވަރުގެ ލަޔާޤަތު ހުރި ޤައުމެކެވެ. ދިވެހިންނަކީ ކެތްތެރިވާންދަންނަ، މަޑުމައިތިރިކަމާއެކު ހަމަޖެހިގެން ދިރިއުޅެމުން އައި ބައެކެވެ. ނަމަވެސް އެ ކަންތައްތަކުގެ ފުރިހަމަ ރީތިގޮތްތަކަށް ވެރިކަމުގެ ނުފޫޒު ވަދެ، ބޮއްސުންލައިގެންދިޔަކަމީ ކޮންމެ ދިވެއްސަކު ވެސް ދަންނާނެ ޙަޤީޤަތެކެވެ.

ވޭތުވެދިޔަ ތަނުގައި ވެރިންގެ ފަރާތުން މިނިވަންކަމަށް ނުފޫޒު ފޯރުވާފައިވެއެވެ. ނުފޫޒު ފޯރުވުމޭ ދެންނެވީމާ ތިޔައިގެތެރެއިން ބޭފުޅަކު ހިތަށް އަރާފާނެއެވެ. ފަހަކަށް އައިސް ރާއްޖޭގެ ވެރިއަކު މިނިވަންކަމަކާ ނުބެހެއެވެ. މި ޤައުމު ބޭރުގެ ބައެއްގެ އަޅުވެތިކަމަކަށް ނުދެއެވެ. އެހެނެއްނޫނެވެ. މިނިވަންކަމަކީ ވަރަށް ފުޅާ ދާއިރާއެއްގެތެރޭގައި އޮންނަ އެއްޗެކެވެ. ހަމައެކަނި ބޭރުގެ ބައެއްގެ އަޅުވެތިކަމުން ސަލާމަތްވެފައި އޮތަސް، އެ ޤައުމަކީ އަދި މިނިވަން ޤައުމަކަށް ނުވެއެވެ. ހަމަގައިމު ވެސް ކޮންމެ ދިވެއްސެއްގެ ވެސް އެދުމަކަށް ވާނީ، ހުރިހައި ގޮތަކުން މިނިވަންވުމެވެ. ހުރިހައި ގޮތަކުން މިނިވަންވުމޭތޯއެވެ. އާދެ! ޤައުމީ ގޮތުންނާއި، ދީނީ ގޮތުންނާއި، ފިކުރުގެ ގޮތުންނާއި، ބަސްބުނެ އުޅުމުގެ ގޮތުންނާއި، ޚިޔާލުފާޅުކުރުމުގެ ގޮތުންނާއި، ރިޝްވަތުގެ ގޮތުންނާއި މިނޫންވެސް މިފަދަ މިފަދަ އެތައް ގޮތަކުން މިނިވަންކަން އޮތުމަށެވެ.

ނަމަވެސް ސުވާލަކީ، ދިވެހިން ބޭނުންވާ ޙަޤީޤީ މިނވަންކަން މިއަދު އެބައޮތްތޯއެވެ. އެ މިނިވަންކަމުގެ ފޮނިރަހަ ދިވެހިންގެ އަރުތެރޭގައި ލައިފިތޯއެވެ. ނޫނެކެވެ. މީހަކު އައިސް ބޮލުގައި ބަޑިޖައްސާފައި ނެތަސް، ޙަޤީޤީ މިނިވަންކަމެއް މި ޤައުމަކު އޮތްކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. މިނިވަންކަން އޭގެ އަސްލު ސިފައިގައި އުފެދެމުންދާ ޖީލުތަކަށް ފެންނަމުންދާކަމަކަށް އަޅުގަނޑުގެ ސިކުނޑި ޤަބޫލެއްނުކުރެވެއެވެ. ކީއްވެގެންތޯއެވެ. އާދެ. އަޅުގަނޑު އިސްވެ ދެންނެވި ފަދައިން އޭގެ އެންމެ ބޮޑުބައެއް ކުޅޭނީ، ވެރިކަމަށް އަންނަ ފަރާތްތަކުންނެވެ. ފަހުގެ ތާރީޚުގެތެރެއަށް ނަޒަރު ހިންގާލައިފިނަމަ، މިނިވަން ޖައްވެއްގައި ދިވެހިން އަޅުވެތިވެ ޤައިދުވެފައި ތިބި މަންޒަރު ފެންނާނެއެވެ. މި ގޮތުން ބަލާއިރު، ދިވެހި ރައްޔިތުން ފިއްތައިގެން، އެބައިމީހުންގެ ޚިޔާލު ފާޅުކުރިޔަނުދީ އޮބަހައްޓައިލި ޒަމާނެއް ވޭތުވެއްޖެއެވެ. ދަޢުލަތާމެދު ޚިޔާލުފާޅުކުރުމަކީ، ބޮޑު ކުށެއްގެ ގޮތުގައި ބަލައި، ޖަލުގެ ތޭރިތަކުގެތެރޭގައި ޤައިދުކުރުވި ޒަމާނެއް ފާއިތުވެއްޖެއެވެ. މިނިވަންކަމުގެ އަސްލުގެ ދިޔަފެލާލައިގެން، ފޮނިރަހައިގެ ބަދަލުގައި ދިވެހިންގެ އަރުތެރޭގައި ހިތިރަހަ ލައްވައިލި ދުވަސްތަކެއް ހިނގައްޖެއެވެ.

ކަން މިހެން ހުރިއިރު މިއަދުގެ ހާލަތޭތޯއެވެ. ހަމަގައިމުވެސް އެފަދަ ނުފޫޒުތަކުން ދިވެހިރާއްޖެއަށް މުޅިން ސަލާމަތްވެވުނެކޭ އަޅުގަނޑު ނުދަންނަވާނަމެވެ. ހިސާބަކަށް ނަމަވެސް އޭގެ އަސަރުތައް ފެންނަމުން، ކުރުވަމުން އެބަދެއެވެ. ޚިޔާލުފާޅުކުރާ މީހާ، ޚިޔާލުފާޅުކުރުމުން މިއަދު އެ މީހަކު ޖަލަށްނުލާކަން ވެސް އަޅުގަނޑު ޤަބޫލުކުރަމެވެ. ނަމަވެސް އޭނާގެ އަބުރާއި، ޢިއްޒަތާއި، ވަޒީފާ ނިގުޅައިގަނެ ކާޅަށް ކާންދިނީމާ އެ ޖެހުނީ ކޮންތާކުތޯއެވެ. ދަޢުލަތާއި އިދިކޮޅަށް މިއަދު ޚިޔާލުފާޅުކުރާ މީހާ ބަސްބުނީމާ، އެ މީހަކަށް ފިއްތުންތައް ކުރިމަތިކުރެވުމުން އެ ޖެހުނީ ކޮންތާކުތޯއެވެ. ބޮޑުންގެ ފިކުރާއި، ރައްޔިތުމީހާގެ ފިކުރު އެއްގޮތްނުވީމާ އިލްޒާމުތައް އަޅުވައި ހުރަގޭގެ ތޭރިތަކުގެތެރެއަށް ފޮނުވައިލުމުން އެ ޖެހުނީ ކޮންތާކުތޯއެވެ. ހަމަ އެއްތާކު ދޮގެއްތޯއެވެ.

ވީމާ މިނިވަންކަމަށްޓަކައި، މިނިވަންކަން ހޯދުމަށްޓަކައި ހަމައެކަނި ފެއްސާއި،ރަތާއި، ހުދުގެ ދިދަ ހޫރަހޫރައި ތިއްބަކަސް ނުވާނެއެވެ. ތަހުޒީބުވެފައިވާ މުޖުތަމަޢުއެއްނަމަ، ފަރަޤުތައް ނައްތައިލަންޖެހެއެވެ. އިންސާފަކީ ވަކި ބައެއްގެ ހަރުމުދަލަށްވެގެން ނުވާނެއެވެ. އިޙްސާސަކީ ހަމައެކަނި ވެރިންކުރާ އެއްޗެއްނޫން ދޮގެއްތޯއެވެ. އެހެންކަމަށްވުމުން ހަމަހަމަ ދުނިޔެއަކަށް އެންމެން އަންނަންޖެހެއެވެ. އަޅުގަނޑުމެން ފަޚުރުވެރިވާންވީ ހަމައެކަނި ފަވާލެވިފައިވާ ތާރީޚަކާއި މެދުގައެއްނޫނެވެ. އަޅުގަނޑުމެން އެދުމަކަށް ވާންވާނީ، ކުރިއަށްހުރި ތާރީޚުތަކުގައިވެސް، މާރީތި ރާއްޖެއެއް ހޯދުމުގެ މައްޗަށެވެ. ހުރިހައި ގޮތަކުން މިނިވަންވެ، ހިނިތުންވުމާއެކު ދިނިގެން މިތާ ތިބެވޭނެގޮތުގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: