ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބެލުމަށް ގާއިމްކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވީނަމަވެސް މައްސަލަތައް ތަހުގީގުކޮށް ނުނިމެ ކަމަށާއި ޚިޔާނާތުގެ ތުހުމަތުކުރެވޭ މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް ހިނގައިދާނެކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ބެއްވި ނޫސްވެރިްގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ ކަންކަން ބަލައި ތަހުގީގުކުރަމުންދާ މިންވަރަކުން ކުށުގެ ތުހުމަތުކުރެވޭ މީހުންގެ އަދަދު އިތުރުވަމުންދާނެ ކަމަށެވެ. މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރިޕޯޓް އާންމުކޮށްފައިވާއިރު، އެރިޕޯޓުގައި ވަނީ 155 މީހެއްގެ ވާހަކަ ކަމަށް ވިދާޅުވިއެވެ. އަދި މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން އެދަދު އޮތީ 267ގައި ކަމަށާއި އަދި މީގެ ދެހަފްތާއެއްހާ ދުވަސްފަހުން އެއަދަދު 300އަށްވުރެ މައްޗަށް އަރާނެ ކަމަށެވެ.
ކޮމިޝަންގެ ރައީސް މިހެން ވިދާޅުވެފައިވާއިރު، ނޫސްވެރިންގެ ބައްދަލުވުން ބެއްވުމުގެ އިރުކޮޅެއް ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިިހު ވަނީ ޓުވީޓެއް ކުރައްވައި އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓް އެމަނިކުފާނަށް ލިބިވަޑައިގަންފައިވާކަން ހާމަކުުރައްވާފައެވެ. އަދި އެރިޕޯޓް ބެއްލެވުމަށްފަހު، ކުރައްވަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ރައީސްގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް ވިދާޅުވީ ފައިސާ ލިބުނު އެންމެންނަކީ ކުށްވެރިންނަށް ނުވާނެ ކަމަށެވެ. އެހެންކަމުން ފައިސާ ލިބުނު އަދަދާއި ހެކި ލިބެންހުރި މިންވަރާއި އޭރު ނުވަތަ މިހާރު އެމީހަކު ހުރީ ނުފޫޒުގަދަ މަގާމެއްގައިތޯއާއި އަދި މިނޫންވެސް އެހެންކަންކަމަށް ބެލުމަށްފަހު، ދައުވާކުރުމަށް ފޮނުވާނެ ބަޔަކު ޝޯޓްލިސްޓް ކުރާނެ ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއާއި، އޭސީސީއާި އަދި އެސެޓް ރިކަވަރީ ކޮމިޝަނާއި ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށްގެންދާއިރު އެއްފަހަރާ 300 މީހުންނަށް ދައުވާ ކުރެވޭވަރުގެ ފެސިލިޓީސް ނެތްކަމަށް ވިދާޅުވިއެވެ. މި 300 މީހުންގެ ތެރެއިން ބަޔަކު ޝޯޓްލިސްޓް ކުރެވިގެންދާއިރު ގެންގުޅޭނެ އުސޫލުތަކެއް ކަނޑައަޅައި އެޓާނީ ޖެނެރަލާއި ޕްރޮސެކިޔުޓާ ޖެނެރަލާއިވެސް ހިއްސާ ކުރެވިފައިވާނެ ކަމަށް ވިދާޅުވިއެވެ.
މިހާރުވެސް 32 ކޭސްއެއްގެ ތެރެއިން ދެކޭސްއެއް ކޯޓަށް ހުށައެޅިފައިވާ ކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ފަސް ކޭސް ދައުވާކުރުމަށް ކޯޓަށް ހުށައެޅޭނެ ކަމަށް ވިދާޅުވިއެވެ.
ދާދިފަހުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ކޮމިޗަންތަކަކީ ބޭކާރު ޚަރަދުތަކަކާއި މަސައްކަތްތަކެއްކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރެއްވުމުން، ކޮމިޝަންގެ ރައީސް ވިދާޅުވީ މުއައްސަސާތަކުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރިނަމަ މިކޮމިޝަންތައް އުފައްދަން ނުޖެހުނީސް ކަމަށެވެ. އަދި މައްސަލަތައް ބަލައި ނިންމުމަށްފަހު ދެންވެސް، ހެޔޮ ބަދަލެއް އެއްވެސް ކަމަކަށް ނާންނަނަމަ، މަޖިލީހުންވެސް އެހެން ބަޔަކުވިަޔސް ކޮމިޝަންތަކަކީ ބޭކާރު ކަމެއްގެ ގޮތުގައި ނިންމިދާނެ ކަަމަށެވެ. އެހެންނަމަވެސް، އޭގެ ކުރިން އެފަދަ ވާހަކަތައް ދެއްކެވުމަށް ފުރުސަތު ނޯންނާނެކަމަށް ވިދާޅުވިއެވެ.
މިމައްސަލަތަކުގެ ތުހުމަތުކުރެވޭ އެއްވެސް ބޭފުޅެއްގެ ނަން، ތަހުގީގަކުރަމުންދާ މައްސަލައަކަށްކަމަށްބުނެ، ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާފައެއްނުވެއެވެ.
އެހެންނަމަވެސް، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކޮރަޕްޝަންގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭތީއާއި އަދި މިހާރުގެ ރައީސްއަކީ އޭރުގެ މަޖިލީހުގެ މެމްބަރަކަށްވާތީ އެކަމާއި ގުޅިގެން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްއަދު ވިދާޅުވީ ރައީސް ސޯލިހުގެ އެއްވެސް މައްސަލައެއް މިހާތަނަށް ބަލާފައިނުވާނެ ކަމަށެވެ. އެއީ ބަލަންޖެހެވަރުގެ އެއްވެސް ކަމެއް ތަހުގީގަށް ހާމަވެފައިނުވާތީ ކަމަށާއި އެއްވެސް މީހެއްގެ ބަޔާނަކުންވެސް ނުވަތަ ހެއްކަކުންވެސް އެކަން ހާމަވެފައި ނެތް ކަމަށެވެ.

