އެމްޑަބްލިއުއެސްސީއިން ޅ.ކުރެންދޫގައި ގާއިމްކުރަމުންދާ ނަރުދަމާ ނިޒާމްގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީއިން ބުނީ މިމަޝްރޫއުގެ ދަށުން އެރަށުގެ ނަރުދަމާ ނިޒާމްގެ މައި ނެޓްވޯކް ގާއިމްކޮށް އަދި 366 ގެއެއްގައި ޖަންކްޝަން ބަހައްޓައި، ގެތަކަށް ނަރުދަމާގެ ކަނެކްޝަން ގުޅާދެވިފައިވާ ކަމަށެވެ.
ކުރެންދޫ ނިޒާމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މިމޝްރޫއުގެ ދަށުން 6،000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކާއި، 720 މީޓަރުގެ ޕަމްޕިން ލައިނެއް ގާއިމްކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން 2 ޕަމްޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި އިދާރީ ބިލްޑިންއެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް މިމަޝްރޫއުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
މިމަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިމަޝްރޫއަށް ޖުމްލަ 29،401،918.84 ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށް އެކުންފުނިން ބުނެއެވެ.
މަޗްރޫއުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާއިރު މިހާރު ބާކީ އޮތީ މިނިޒާމް ޓެސްޓުކުރުމުގެ މަސައްކަތްކަމަށް އެކުންފުނިން މައުލޫމާތުދެއެވެ، އަދި ޓެސްޓުކުރުމަށް މިހާރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި އެދިފައިވާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

